ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލަށް ފަހު ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
ޣައްސާން އަންގާރަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާކަން ހާމަކުރެއްވީ ފޮރިން މިނިސްޓަރު ޚަލީލް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން 'ވިއޯން' ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ. އޭނާ ވިދާޅުވީ، ޣައްސާން ވެސް ވަރަށް އަވަހަށް އިންޑިއާއަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ.
މިއީ ޑިފެންސް މިނިސްޓަރުކަމާ ޣައްސާން ހަވާލުވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ވިއޯން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްސާން އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންގާރަ ދުވަހެވެ. އެއީ، ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމުގެ ވައުދާ އެކުއެވެ. ރިޔާސީ ކެމްޕޭންގެ ދުވަސްވަރު ޕީޕީއެމް/ޕީއެންސީން ވަނީ 'އިންޑިއާ އައުޓް'ގެ ނަމުގައި އެ ކަމަށް ގޮވާލައި ވަރުގަދަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ.
އެ ކަންކަމުގެ އިތުރުން ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ނިސްބަތްކޮށް ދެއްކެވި ވާހަކައަކުން ދެ ގައުމުގެ ގުޅުން ވަރަށް ގޯސްވިއެވެ.
އެކަމަކު، ފަހުން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އިންޑިއާއިން އެ ފަހުން ވަނީ ރާއްޖެއަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ.