ފަތުރުވެރިން އަމިއްލަ ބޭނުމަށް ޑިއުޓީ ނުދައްކައި 200 ސިނގިރޭޓު ރާއްޖެ އެތެރެކުރެވޭ ގޮތަށް މިއަދު ހަދައިފިއެވެ.
ކަސްޓަމްސްއިން މިއަދު ވަނީ 18 އަހަރުން މަތީގެ ފަތުރުވެރިން އަމިއްލަ ބޭނުމަށް ޑިއުޓީ ނުދައްކައި ރާއްޖެ އެތެރެކުރެވޭނެ ދުންފަތުގެ ބާވަތްތައް ކަނޑައަޅާފައެވެ.
އޭގެތެރޭގައި ހިމެނެނީ، 200 ސިނގިރޭޓު ނުވަތަ 25 ބިޑި ސުއްޓާ ނުވަތަ 250 ގްރާމް ދުންފަތެވެ.
ސިނގިރޭޓާއި ވޭޕުން ނަގައި ޑިއުޓީ ދެގުނައަށް ބޮޑުކުރަން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިމަހުގެ އެއްވަނަ ދުވަހުއެވެ.
އެއާއެކު ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ތިން ރުފިޔާއިން އަށް ރުފިޔާއަށް އުފުލި ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ 250 ރުފިޔާއާ ހަމައަށް އުފުލިފައެވެ.
އިސްލާހުތަކާއެކު ސިނގިރޭޓާއި ބިޑިން ނަގައި ޓެކުހުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން އަންނަ އަހަރު އެކަނި ވެސް 1.05 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.