ސިނގިރޭޓު ފޮއްޓެއްގެ އަގު 250 ރުފިޔާއާ ހަމައަށް އުފުލިއްޖެ

ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ވޭޕު ކުރުމާއި އީ-ސިނގިރޭޓު ބުއިން މާނަކަން އަންގައިދޭން ހަރުކޮށްފައިވާ ނިޝާނެއް: ރާއްޖެއިން އެތަކެއްޗަށް ނަގާ ޑިއުޓީ ބޮޑު ކުރަނީ --- ފޮޓޯ/ގެޓީ އިމޭޖަސް

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ނިންމުމާ އެކު، ފޮއްޓެއްގެ އަގު 250 ރުފިޔާއާ ހަމައަށް އުފުލިއްޖެއެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން, ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ގާތްގަނޑަކަށް ތިން ގުނަ ބޮޑުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ. އެ ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް 19 ވަނަ އިސްލާހު ގެނައުމުގެ ބިލު އެ މަނިކުފާނު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރައްވައިފައެވެ.

އެއާއެކު، ރާއްޖެއަށް ސިނގިރޭޓު އެތެރެ ކުރާ ކުންފުނިތަކުންނާއި ފިހާރަތަކުން ވިއްކާ ސިނގިރޭޓުގެ އަގު ވަނީ ބޮޑުކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ސިނގިރޭޓު އެތެރެ ކުރާ ރޫޓްއިން މީގެ ކުރިން ސިނގިރޭޓު ކާޓަންއެއް ވިއްކަމުން އައީ 995 އަށް ކަމަށްވީ ނަމަވެސް މިހާރު އެ އަގު ވަނީ 2240 ރުފިޔާއަށް ބޮޑުކޮށްފައެވެ. ރައީސް ބިލް ތަސްދީގުކުރެއްވި ދުވަހުން ފެށިގެން ބައެއް ފިހާރަތަކުން ވަނީ ސިނގިރޭޓު ފޮއްޓެއްގެ އަގު ބޮޑުކޮށްފައެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބައެއް ފިހާރަތަކުން މިހާރު ސިނގިރޭޓު ފޮއްޓެއް ވިއްކަމުން އަންނަނީ 245 އާއި 250 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. މީގެ ކުރިން ސިނގިރޭޓު ވިއްކަމުން އައި ބައެއް ފިހާރަތަކުން ވަނީ ސިނގިރޭޓުގެ ސްޓޮކް ހުސްވެ، އަލުން ހޯދުމުގައި ދަތިތައް އުޅޭކަން ފާހަގަކޮށްފައެވެ.

ރައީސް ތަސްދީގުކުރެއްވި އިސްލާހުގެ މަގުސަދެއްގެ ގޮތުގައި ވަނީ، ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމެވެ. އަދި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތައް ރާއްޖެ އެތެރެކުރުން މަނާ ކުރުމާ ހަމައަށް ހިނގާ މުއްދަތުގައި ރާއްޖެއަށް ގެންނަ އެފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމެވެ.

އެ އިސްލާހުގައި ވަނީ، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވާއާއި ކެމިކަލް 50 ޕަސަންޓަށް ބޮޑު ކުރުމަށާއި މިލިލީޓަރެއް އަށް ރުފިޔާ ބޮޑުކުރުމަށެވެ. އަދި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ބާވަތްތަކުން ނަގާ ޑިއުޓީ މިންވަރު ވެސް މިފަދައިން ބޮޑުކުރަން ވަނީ ހިމަނައިފައެވެ.

އެ އިސްލާހުގައި ވަނީ، ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ 50 ޕަސަންޓަށް އަދި ސިނގިރޭޓަކުން ނުވަތަ ބިޑިއަކުން އަށް ރުފިޔާ ނަގަން ހުށަހަޅާފައެވެ.

އެ ބިލަށް ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން ވަނީ މުޅި މަޖިލީހުގެ ކޮމެޓީން ބިލަށް ބަދަލެއް ގެނެސްފައެވެ. އެ ކޮމެޓީގައި އެ ބިލަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހެވެ.

އެއީ، ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ ދުންފަތުގެ އުފެއްދުންތަކުން 50 އިންސައްތަ އަދި ސްޓިކް އަކުން އަށް ރުފިޔާ ނެގުމަށެވެ.

އިސްލާހުތަކާއެކު ސިނގިރޭޓާއި ބިޑިން ނަގައި ޓެކުހުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން އަންނަ އަހަރު އެކަނި ވެސް 1.05 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

ރާއްޖެއަށް ވޭޕް އެތެރެކޮށް ބޭނުން ކުރުން މަނާ ކުރުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ. އަދި ވޭޕް އެތެރެކުރުން މަނާކުރަން ދެން އިމްޕޯޓް ޑިއުޓީ އިތުރުކުރަން ވެސް މަޖިލީހުން ފާސްކޮށް، އެ ބިލް ވެސް ރައީސް ވަނީ ތަސްދީގު ކުރައްވައިފައެވެ.

https://sun.mv/198628

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާވާނީ މިމަހުގެ 15ގައެވެ.

އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން އަންނަ މަހުގެ 15ވަނަ ދުވަހުން ފެށިގެން މަނާވާނެއެވެ.

comment ކޮމެންޓް