އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުން ލަސްވަނީ ރައްޔިތުންގެ ފައިސާއިން 80 ވަރަކަށް މިލިއަން ރުފިޔާ ސަލާމަތްކުރަން ވެގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
އަރަބިއްޔާ ސްކޫލުގެ މަސައްކަތް މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެއްޓުމަކީ ވައުދެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އަރަބިއްޔާ ސްކޫލުގެ މަޝްރޫއަށް ބަދަލު ގެންނަން ޖެހުނީ ރައްޔިތުންގެ ފައިސާއިން 80 މިލިއަނެއްހާ ރުފިޔާ ސަލާމަތްކުރަން ކަމަށެވެ.
އެއީ، ރަނގަޅަށް ނިންމުނު ނިންމުމެއް ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ.
ޝަފީއު ވިދާޅުވި ގޮތުގައި އަގަށް ބަދަލުތަކެއް އައީ ކުރިން އަރަބިއްޔާ އަޅަން ނިންމާފައި އޮތް ބާޖަމާލުއްދީން ހުރި ބިމުގެ ބަދަލުގައި އާ ބިމެއް ހަމަޖައްސަން ނިންމުމުންނެވެ. އަދި، ޒަމާނީ ފެންވަރެއްގައި އަރަބިއްޔާގެ އިމާރާތުގެ މަސައްކަތްކުރަން ސަރުކާރުން މަޝްރޫއަށް ބަދަލުތަކެއް ގެނައުމުންނެވެ.
"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ އޮޅުވައިލުމެއް ނެތި، އަޅުގަނޑުމެން އެ ޕްލޭންކުރި ގޮތަށް މަސައްކަތް ކުރެވުނީސް، ރައްޔިތުންގެ ފައިސާއިން 80 މިލިއަން ރުފިޔާ އަގު ބޮޑުކޮށް ކުރަން އަޅުގަނޑުމެން ގެންދިޔަ ނަމަ،" މަޝްރޫއު ލަސްވާ ސަބަބު ބަޔާންކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
އެ ގޮތަށް ނިންމީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަ އިމާރާތުގެ ކަންކަން ވެސް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ހުރުމުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެ ގޮތުން، އެ ސްކޫލުގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަ އިމާރާތަކީ އިންސާނީ ހައްގުތަކުގެ ގޮތުންނާއި ތައުލީމުގެ ގޮތުން ވެސް ރަނގަޅު އިމާރާތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންވެ، އެ ދަރިވަރުންނަށް ގެއްލޭނެ މާ ބޮޑު ކަމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންވެ، ރައްޔިތުންގެ 80 މިލިއަން ރުފިޔާ ސަލާމަތްކުރަން މި ޑިލޭ އައީ. އަޅުގަނޑު ގަބޫލުކުރަނީ އެއީ ހަމަ ރަނގަޅު އެދެވިގެންވާ ޑިލޭއެއް ކަމަށް،" ޝަފީއު ވިދާޅުވިއެވެ.
އަރަބިއްޔާގެ އާ އިމާރާތް ހަދަން އަމީން ކޮންސްޓްރަކްޝަންސްއާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ސެޕްޓެމްބަރު 29، 2022 ގައެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ޖުމުލަ 168.5 މިލިއަން ރުފިޔާއަށެވެ.
އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަރަބިއްޔާ އިމާރާތް އަޅާ ބިން ކުރީގެ ކުނިކޮށި ހުރި ބިމަށް ބަދަލުކުރަން ނިންމަވާފައެވެ.
މިދިޔަ ސަރުކާރުގައި އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރި ނަމަވެސް އަގު ދަށްކުރަން އެއްބަސްނުވެވުމުން ސެޕްޓެމްބަރު މަސް ތެރޭ އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ.