މީޑިއާ ކައުންސިލްގެ 11 ވަނަ ނޫސްވެރިކަމުގެ އިނާމަށް އިންސާފުކުރެއްވި ފަނޑިޔާރުންގެ ތުހުމަތުތައް ދޮގުކޮށް، އެއްވެސް ދާއިރާއަކުން އެވޯޑު ދިނުމުގައި އުސޫލާ ޚީލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މިއަދު ދީފިއެވެ.
އެވޯޑާ ގުޅޭ މައްސަލަތަކެއް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ތަހުގީގެއް ފަށައިފައެވެ.
ނޫސްވެރިކަމުގެ އިނާމާ ބެހޭގޮތުން ފަނޑިޔާރުން ނެރެފައިވާ ކަމަށް ބުނާ ލިޔުމާ ގުޅޭގޮތުން އެމްއެމްސީން ނެރުނު ބަޔާނުގައި ވަނީ އިނާމަށް ހުށަހެޅުމުން އެ ކަމަށް ކަނޑައެޅިފަައިވާ އިދާރީ މުއައްޒަފުން ހުށަހަޅަންޖެހޭ އެންމެހައި ތަކެތި ހުށަހަޅާފައި ވޭތޯ ބެލުމަށް ފަހު ސިޓީ އުރައަކަށް ލައި ބަންދުކޮށް، އެ ފޮނުވަނީ އެޕްލިކޭޝަން ހުށަހަޅާފައިވާ ކެޓަގަރީއަކާ ގުޅޭ ފަނޑިޔާރުންގެ ޕެނަލަށް ކަމަށެވެ.
އެއީވެސް އިނާމުގެ އިންސާފުވެރިކަމާއި އިތުބާރު ހިފެހެއްޓުމަށް ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
އެގޮތުން، އިނާމަށް ހުށަހެޅިފައިވާ އެއްވެސް ލިޔެކިޔުމެއް ކައުންސިލްގެ ރައީސް، ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އަދި ކައުންސިލްގެ މެމްބަރުންނާއި ހިއްސާނުކުރާނެ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.
ނަމަވެސް، ފަނޑިޔާރުން ނެރެފައިވާ ކަމަށް ބުނާ ލިޔުމުގައި ނޫސްވެރިކަމުގެ އިނާމުގެ އިންސާފުވެރިކަމާއި ކައުންސިލްގެ މިނިވަންކަމާ މެދު ހަގީގަތާ ޚިލާފު ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ބުނެ، އެމްއެމްސީން ވަނީ އެ ބަޔާން ކުށްވެރިކޮށްފައެވެ.
އެމްއެމްސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި:
- މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ޖާގަ ފަނޑިޔާރުންނަށް ދިނުމުގެ ގޮތުން ނޫސްވެރިކަމުގެ އިނާމަށް ހުށަހަޅާ ހުށަހެޅުންތަކަަކީ ޝަރުތުހަމަނުވާ ހުށަހެޅުމެއްކަން ކަނޑައެޅުމާއި ހުށަހެޅުން ފުރިހަމަ ބާރު މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލުގެ ދަށުން ލިބިގެން ވަނީ ހަމައެކަނި ފަނޑިޔާރުންގެ ޕެނަލަށް
- ނޫސްވެރިކަމުގެ އިނާމުގެ އިޖުތިމާއީ ދާއިރާއާއި ޝަރުއީ އަދި ގާނޫނީ ދާއިރާއަށް ހުށަހަޅާފައިވާ ބައެއް ހުށަހެޅުންތައް އެ ކަމާ ގުޅޭ ފަނޑިޔާރުންގެ ޕެނަލުން ޑިސްކޮލިފައި ވެސް ކުރި
މީޑިއާ ކައުންސިލުން ވަނީ އެއްވެސް ދާއިރާއަކުން އެވޯޑު ދިނުމުގައި އުސޫލާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން ދީފައެވެ.
މީޑިއާ ކައުންސިލުން ދިން އެވޯޑުގެ މައްސަލަ ބޮޑުވެފައިވަނީ ތަހުގީގީ ނޫސްވެރިކަމުގެ ވީޑިއޯ ކެޓަގަރީން ދިން އެވޯޑަކާ ގުޅިގެންނެވެ.
އެންމެ ފުރަތަމަ އެ ކަން ސަމާލުކަމަށް އައީ އެވޯޑު ހަފުލާ އޮތް ރޭ އެވޯޑުގެ ނޮމިނޭޝަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ލައިވުން ދެއްކުމާ އެކުގައެވެ. އެގޮތުން، ލައިވް ތެރޭ ކުރިއާލައި އެންގުމެއް ނެތި ދެއްކި އެ ކޮންޓެންޓަކީ ޕީއެސްއެމަށް އޮޅުވައިލައި ދެއްކި އެއްޗެއްކަމަށް ތުހުމަތުކޮށް ބަޔާނެއް ނެރުނެވެ. އެއީ އެ ކުންފުނީގެ އެޑިޓޯރިއަލާ ޚިލާފު، ނޫސްވެރިކަމުގެ މިންގަނޑުތަކާ ވެސް ޚިލާފު ކޮންޓެއްޓެއް ކަމަށް ބުނެފައިވެއެވެ.
އެ މައްސަލައިގައި، ޕީއެސްއެމްގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި، އެމްއެމްސީގެ ރައީސްކަން ކުރައްވާ އަހްމަދު މުސްތަފާ، ކުންފުނީގައި އަދައިކުރައްވަމުން އައި ޓެކްނިކަލް މެނޭޖަރުގެ ވަޒީފާއިން ވެސް ކަނޑައިލިއެވެ. ނަމަވެސް، އަލުން ވަޒީފާ މިހާރު ވަނީ އިއާދަކޮށްދީފައެވެ.
އެއާއެކު އެ އެވޯޑުގެ މައްސަލައިގައި ކައުންސިލް މެމްބަރު އަލީ ނިޝާން (މިލްޒީރޯ) ވަނީ ކައުންސިލުގެ ރައީސް އަހްމަދު މުސްތަފާ އެވޯޑުގެ ނޮމިނޭޝަން ދެއްކުމަށް ހެދި ކޮންޓެންޓަށް ނުފޫޒު ފޯރުވީކަމަށް ވިދާޅުވެ، ތުހުމަތުތަކެއް ކުރައްވައިފައެވެ.
ނަމަވެސް، ކައުންސިލް ރައީސްގެ ހައިސިއްޔަތުން މުސްތަފާ ނެރުއްވި ބަޔާނެއްގައި، އޭނާ ވަނީ އެވޯޑުގެ އެއްވެސް ކަމެއްގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ވިދާޅުވެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.
އޭގެ ފަހުން، އެމްއެމްސީ އެވޯޑަށް މި ފަހަރުގެ ހުށަހެޅުންތައް އިންސާފުކުރެއްވި ހަތް ފަނޑިިޔާރުން ވެސް ވަނީ ތަހުގީގީ ނުސްވެރިކަމުގެ ވީޑިއޯ ކެޓަގަރީން އެވޯޑު ލިބުނު އުފެއްދުމަށް އެވޯޑު ދިނީ އުސޫލާ ޚިލާފަށް ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.
މީޑިއާ ކައުންސިލްގެ އެވޯޑުތައް ދެނީ ޖަޖުންގެ ޕަނަލަކުންނެވެ. އެއީ، ވަކިން އިއުލާނުކޮށްގެން ނަގައި ޖަޖުންގެ ޕެނަލެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ފަހަރު ޖަޖުންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ކުރިން ވެސް މި އެވޯޑަށް އިންސާފުކުރައްވާފައިވާ ބޭފުޅުންނެވެ.