މި މަހު 20ގެ ކުރިން ބަޖެޓުގެ މަސައްކަތް ނިންމަން ކޮމިޓީން ފާސްކޮށްފި

ބަޖެޓު ދިރާސާކުރާ ކޮމިޓީ: އެ ކޮމިޓީން ވަނީ މި މަހު 20 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުގެ މަސައްކަތް ނިންމަން ފާސްކޮށްފައި -- ފޮޓޯ/ މަޖިލީސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ 2025 ވަނަ އަހަރުގެ ބަޖެޓުގެ މަސައްކަތް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ނިންމުމަށް މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުން ވަނީ އަންނަ އަހަރަށް ލަފާކޮށް ޖުމުލަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ.

އަންނަ އަހަރަށް ލަފާކޮށް މިނިސްޓްރީ އޮފް ފިނޭންސުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ މެދު ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މުޅި ބަޖެޓުގެ މަސައްކަތް ނިންމާނޭ ދުވަސް ކޮމިޓީއަށް ހުށަހެޅީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާއެވެ.

ގަފޫރު ހުށަހެޅުއްވި މި ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތާއީދުކޮށް މި މުޅި ބަޖެޓުގެ މަސައްކަތް ނިންމާނޭ ދުވަހެއްގެ ގޮތުގައި މި މަހުގެ 20 ވަނަ ދުވަސް ކަނޑައަޅާފައި ވަނީ ކޮމިޓީ މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގައި ވަނީ އޮޑިޓާ ޖެނެރަލް ގެ އިތުރުން ގަވަރުނަރު ބަޖެޓާއި ދޭތެރޭ ދެކޭ ގޮތުގެ ޚުލާސާ ބަޔާން ހޯދުމަށާއި މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކުން ހޯދަންޖެހޭ އިދާރީ އެންމެހައި ލިޔެކިޔުންތައް ހޯދުމަށް އިދާރާތަކަށް ސިޓީ ފޮނުވުމަށް ވެސް ވަނީ ނިންމާފައެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ހޮވި މެންބަރު ފަޒާދު އަދި ނައިބު މުގައްރިރަކަށް ހޮވި މެންބަރު ސަލީމް: ކޮމިޓީން ވަނީ 20ގެ ކުރިން ބަޖެޓުގެ މަސައްކަތް ނިންމަން ފާސްކޮށްފައި -- ފޮޓޯ. މަޖިލީސް

މީގެ އިތުރުން، ބަޖެޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭއްވުނު މިއަދުގެ ކޮމިޓީގައި ވަނީ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ހޮވާފައެވެ. އެގޮތުން، ކޮމިޓީގެ މުގައްރިރަކަށް ހޮވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފާޒާދް އަދި ނައިބު މުގައްރިރަކަށް ހޮވިފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަަލީމެވެ.

އަންނަ އަހަރަށް ލަފައިކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ.

އެއީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.

comment ކޮމެންޓް