ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ފޯރުކޮށްދޭން ލާމަރުކަޒީ ގާނޫނުން ލާޒިމުކުރާ އަދަދަށް ފައިސާ ކަނޑައަޅައި، އަލުން ރައްޔިތުން މަޖިލީހަށް ބަޖެޓު ހުށަހެޅުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އޭރުގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި ވަރަށް މުހިންމު ގާނޫނެއް ކަމަށެވެ. އެއަށް ފަހު 2018 ވަނަ އަހަރު އައި އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް މަޖިލީހަށް އިސްލާހުތައް ހުށަހަޅައި، ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުކުރި ކަމަށް އެ ޕާޓީން ބުންޏެވެ.
އެ އިސްލާހުތަކާއެކު ދައުލަތުން އެ އަހަރަކަށް ކަނޑައަޅާ ބަޖެޓުގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުމަށް ގާނޫނުގައި ކަނޑައެޅި ކަމަށާއި އެހެންވެ އެމްޑީޕީގެ ސަރުކާރުން ހުށަހެޅި ކޮންމެ ބަޖެޓެއްގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ހަމަޖެއްސި ކަމަށް އެމްޑީޕީން ބުންޏެވެ. އެގޮތުން 2021 ވަނަ އަހަރު 1.3 ބިލިއަން ރުފިޔާ، 2022 ވަނަ އަހަރު 1.6 ބިލިއަން ރުފިޔާ އަދި 2023ގައި 1.8 ބިލިއަން ރުފިޔާ ހިމެނި ކަމަށް އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން މި އަހަރު މި ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއެކު ކައުންސިލްތަކަށް 2.2 ބިލިއަން ރުފިޔާ ޚާއްސަކޮށްފައިވާކަން ބަޖެޓް ފޮތްތަކުން ފެންނާން އެބައޮތް ކަމަށް އެމްޑީޕީން ބުންޏެވެ.
"ކަން މިހެން އޮތް އިރު 2023 ވަނަ އަހަރު އުފެދުނު ޕީއެންސީގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ހުށަހެޅި ބަޖެޓުގައި ދައުލަތުގެ އާމްދަނީ އެހެން އަހަރުތަކަަށްވުރެ އިތުރުވާނެ ކަމަށް ލަފާ ކޮށްފައިވީ ނަމަވެސް ކައުންސިލްތަކަށް ޚާއްސަކޮށް ހުށަހަޅައިފައިވަނީ 1.4 ބިލިއަން ރުފިޔާކަން އެނގެން އެބައޮތެވެ." ބަޔާނުގައިވެއެވެ.
އެމްޑީޕީން ވަނީ އެއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބަޖެޓުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނާ އަދަދު އޮޅުވާލައިގެން، ކައުންސިލްތައް މާލީ ގޮތުން ބަލިކަށިކޮށްލުމަށް ސަރުކާރުން ގަސްތުގައި ހިންގައިފައިވާ އަމަލެއް ކަމަށް ތުހުމަތުކޮށްފައެވެ.
"މިފަދަ ގޮތަކަށް ކައުންސިލްތަކުގެ ބަޖެޓް އުނިކުރަން ނިންމާފައިވާ ދަނޑިވަޅަކީ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެންބަރުން ރާއްޖޭގައި މިހާރު އޮތް ކައުންސިލް ނިޒާމު އުވާލައި އަލުން ބަލުން ކަތީބު ނިޒާމު ބޭއްވުމަށް ފާޅުގައި ވަކާލާތު ކުރާ ދަނޑިވަޅެއް ކަމުގައި ވެސް މި ޕާޓީއިން ފާހަގަކުރަމެވެ." އެ ބަޔާނުގައިވެއެވެ.
ހަމައެއާއެކު ސަރުކާރުން މަޖިލީހަށް މިހާތަނަށް ހުށަހަޅައި ފާސްކުރަމުންދާ ބައެއް ގާނޫނުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ކައުންސިލްތަކަށް ގިނަގުނަ ހުރަސްތައް ކުރިމަތިވާނެކަން ކައުންސިލްތަކުން ފާހަގަކޮށް އެ ޕާޓީގެ ސަމާލު ކަމަށް ގެންނަ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެހެންވެ، އެ ޕާޓީން ވަނީ ބަޖެޓަށް ބަދަލުތައް ގެނެސް ވީހާވެސް އަވަހަކަށް އަލުން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރަށް ގޮވާލައިފައެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން، ދައުލަތުގެ އެ އަހަރެއްގެ އާމްދަނީން މަދުވެގެން ފަސް ޕަސެންޓް ކައުންސިލްތަކަށް ޚާއްސަކުރަން ޖެހޭއިރު، މި ސަރުކާރުން އަންނަ އަހަރަށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކައުންސިލްތަކަށް ޚާއްސަކޮށްފައި ވަނީ 1.4 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރު ދައުލަތުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެ އަދަދުގެ ފަސް ޕަސެންޓުގެ ގޮތުގައި ކައުންސިލްތަކަށް ލިބެން ޖެހޭ އަދަދު 1.4 ބިލިޔަނަށްވުރެ އިތުރުވާނެއެވެ.
އެ މައްސަލައިގައި އެމްޑީޕީގެ އިތުރުން ބައެއް ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އިއްޔެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ބަޖެޓު ފާސްކުރާއިރު، ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ކައުންސިލްތަކަށް ފައިސާ ކަނޑައަޅައިފައި އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީން އަންނަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ގާއިމުކުރުމާ ގުޅޭ ގޮތުން ހުށަހަޅައިފައިވާ އާބަން ޑިވެލޮޕްމެންޓް ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެ ބިލާއެކު ސަރުކާރުން ބޭނުންވަނީ ކަތީބު ސިސްޓަމަށް ރާއްޖެ ގެންދިއުމަށް ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.