އާބަން ޑިވަލޮޕްމަންޓުގެ ބިލަކީ ކަތީބު ސިސްޓަމަށް ރާއްޖެ ގެންދަން ކުރާ މަސައްކަތް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ވިދާޅުވީ ސަރުކާރުން އުޅެނީ ބޯދާ ކަތީބު ސިސްޓަމަށް ރާއްޖެ ގެންދަން ކަމަށް --

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޕްލޭނިން، އަދި އާބަން ޑިވަލޮޕްމަންޓުގެ ބިލަކީ ކަތީބު ސިސްޓަމަށް ރާއްޖެ ގެންދިއުމަށް ކުރާ މަސައްކަތެއްކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އާބަން ޑިވަލޮޕްމެންޓުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ، ކޮލަމާފުށީ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީއެވެ.

އެ ބިލުގެ މަގުސަދުތަކުގެ ތެރޭގައި" އާބަން ސަރަހައްދުތައް ކަނޑައެޅުމާއި، އެ ފަދަ ސަރަހައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާ ބެހޭ އުސޫލުތައް ބަޔާން ކުރުން" ހިމެނެއެވެ. އެ ބިލުގައިވާ ގޮތުން، އާބަން ސަރަހައްދުތައް ކަނޑައެޅުމާއި، އެ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާބެހޭ ސިޔާސަތު ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މި ބިލާމެދު ނުރުހުން ފާޅުކުރައްވައި، އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ފަށަލައަކަށް ފަހު ފަށަލައެއް ނޮޅަމުން ގޮސް، އެ ނިޒާމަކީ ހަމަ އެކަނި ރަށްރަށުގެ މަގުބައްތި ޖެހުމާއި ވަށާފާރު ރޭނުން ކަމަށް ހަދައިފައި ވާކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރަށެއްގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ އެ ރަށެއްގައި ދިރިއުޅޭ ބަޔަކަށެވެ. އަދި އެ ކަމަށް މާލޭގައި ހުންނަވާ މިނިސްޓަރަކަށް ބަސް ވިދާޅުވެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނީ އެމްޑީޕީ ސަރުކާރުންކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އެ ގޮތަށް އެމްޑީޕީ ސަރުކާރުން ނިންމީ، އެއީ ރާއްޖެ ހިންގުމަށް އެންމެ ރަނގަޅު ނިޒާމު ކަމަށް ގަބޫލު ކުރާތީ ކަމަށެވެ.

"ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި ދޭ ފައިސާ، މިހާރު އެ ބޭފުޅުން އެ ނިންމަވަނީ އެއީ މިނިސްޓްރީގެ ބަޖެޓަށް ދާންޖެހޭ އެއްޗެއް ކަމަށް. ދެން ޖެހޭނީ ކައުންސިލްތަކުން ކުޑަ ސިޓީ ފޮނުވައިގެން މިނިސްޓްރީގައި އާދޭސް ދަންނަވައިގެން، ދޮޅު ރުފިޔާ ބައި ކައުންސިލަށް ލިބޭތޯ ސަލާން ޖެހުމަށް. މި ނިޒާމު އެމްޑީޕީއަކުން ގަބޫލެއް ނުކުރަން" ޝާހިދު ވިދާޅުވިއެވެ.

ކައުންސިލްތަކުގެ ބާރު ކަނޑުވައިލަން ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ކައުންސިލްތަކުން ބަޔާން ނެރުމަށް ޝާހިދު ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން ވަގުތީ ގޮތުން ރައްޔިތުންގެ ބާރު ކަނޑުވައިލިޔަސް، އެމްޑީޕީން އަލުން އެ ބާރުތައް ރައްޔިތުންނަށް ދޭނެ ކަމަށެވެ.

https://www.sun.mv/195785

އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ އެ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެއީ ލާމަރުކަޒީ ނިޒާމު އެއްކޮށް މަރައިލާނެ ބިލެއް ކަމަށެވެ.

މި ސަރުކާރުން ވަނީ، ރާއްޖޭގެ ބައެއް ރަށްރަށް ހިމެނޭ ގޮތަށް އާބަން ރީޖަންތަކާއި ސެންތަރުތަކެއް ގާއިމްކޮށް، އާބަން ރީޖަންތަކުގައި ނުވަ އަހަރުތެރޭ އެއް ލައްކަ މީހުން އާބާދު ކުރުމަށް އަމާޒު ހިފާފައެވެ.

މިކަމާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް މީގެ ކުރިން ވިދާޅުވީ، އާބަން ޑިވެލޮޕްމަންޓް ރީޖަންއެއްގެ ގޮތުގައި ސަރަހައްދުތައް ތަރައްގީކުރާނީ އެ ރަށްތަކުގައި ދިރިއުޅޭ ޖުމްލަ އާބާދީ 50،000އަށްވުރެ ދަށް ނުވާނެ ގޮތްތަކެއް ބަލައިގެން ކަމަށެވެ.

https://sun.mv/187688

އާބަން ޑިވެލޮޕްމަންޓް ރީޖަންއެއްގައި އެއް އާބަން ސެންޓަރަށް ވުރެ ގިނަ އާބަން ސެންތަރުތައް ހިމެނިދާނެކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް