ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް، އަންނަ އަހަރަށް ވެސް ދައުލަތުގެ ބަޖެޓުން ފައިސާ ކަނޑައަޅާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގެ މަގުތަކުގެ މަތީގައި ބުޅާ ގިނަވާ މައްސަލަ ހައްލުކުރުމަށް ޖަނަވާރު ބަލަހައްޓަން ޚާއްސަ ފެސިލިޓީއެއް މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަނީ ހުޅުވައިފައެވެ.
މި ސަރުކާރުން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތުގެ ދަށުން ގާއިމުކުރި އެ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ސަރުކާރަކީ ވައުދުތައް ފުއްދައި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންތައްތައް ކުރުމަށް އިސްކަންދޭ ސަރުކާރެއް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރަށް މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ކައުންސިލްތައް ބާރުވެރިކުރަން ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.
"ސަތޭކަ ފަސްދޮޅަހެއްހާ ކައުންސިލްތަކާ އަޅުގަނޑު ގޮސް ބައްދަލުކޮށްފައި ވާނެ. މީގެ ކުރީގައި ކައުންސިލްތައް މާލެ ގެންނާނީ. އަޅުގަނޑު ގޮސް ބައްދަލުކޮށް އަޅުގަނޑު އަތުން ނޯޓު ލިޔެ، އަމިއްލައަށް ލިޔެ ހުންނާނެ މިހާރު ވެސް އަޅުގަނޑު އަތުގައި،" ރައީސް ވިދާޅުވިއެވެ.
އެފަދަ ބައްދަލުވުންތަކުގައި ކައުންސިލްތަކުން އެދޭ ކަންތައްތައް ކަމާ ބެހޭ އޮފީސްތަކާއި ވަޒީރުން މެދުވެރިކޮށް ތަންފީޒު ކުރުވާ ކަމަށާއި މި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ އިމާރާތްތައް ހަލާކުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި މި އަހަރު ތެރޭގައި 50 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ދައުރުގައި 120 އަށްވުރެ ގިނަ ކައުންސިލް އިމާރާތް އަޅާނެކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވިއެވެ.
ހަމައެއާއެކު ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުތައް މި ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތަކަށް ފަޅު ރަށްތައް ލިބޭނެ މަގު ފަހިކޮށްދީފައިވާ ކަމަށާއި ލޯކަލް ޓޫރިޒަމްގެ ތެރެއިން ވަކި މިންވަރެއް ކައުންސިލްތަކަށް ޖަަމާކޮށްދޭން ނިންމައިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"ބްލޮކް ގްރާންޓުގެ ފަސް ޕަސެންޓު އެއީ ގާނޫނުގައި އޮތް ގޮތް، އެ ގާނޫނު އޮތް ގޮތަށް ހުރިހާ ކައުންސިލަކަށް މިފަހަރު ބަޖެޓު ފާސްވާއިރުގައި ވެސް ފަސް ޕަސެންޓް ލިބޭނެ. އޭގެ އިތުރަށް މި ދެންނެވި ލޯކަލް ޓޫރިޒަމްގެ ތެރެއިން ވަކި އިންސައްތައެއް ހަވާލުކުރަން އަޅުގަނޑުމެން ގާނޫނު އިސްލާހު ކުރަން ފޮނުވާނަން ކުރިއަށް އޮތް ދުވަސްތަކުގައި،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ވެސް، ގާނޫނުގައި ލިޔެފައި އޮތް ނަމަވެސް ކައުންސިލްތަކަށް މިހާތަނަށް ނުކޮށްދީ ހުރި ބައެއް ކަންކަން ކޮށްދޭނެ އެ މަނިކުފާނު ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އޭގެ ކެބިނެޓް ލެވެލް މަޝްވަރާތައް އެ ހިނގަނީ. އެހެންވީމަ ކައުންސިލްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބާރުވެރި ކުރުވައިގެން ކައުންސިލްތައް މެދުވެރިކޮށް ކަންތައްތައް ކުރުމުގައި އަޅުގަނޑުމެން މިދަނީ އަމަލާއި ބަހާ ދިމާކުރަމުން. އެކަމުގެ ނަތީޖާ މިއަދު މި ފެންނަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޖަނަވާރުތައް ބަލަހައްޓަން މިއަދު ހުޅުވި 'އޮޅު ހިޔާ'އަކީ ވެސް ސަރުކާރުން ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ކުރެވެން އޮތް މަސައްކަތެއް ނަމަވެސް މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް އެ މަސައްކަތް ކުރުވީ މި ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނުގައި އޮންނަނީ އެ އަހަރެއްގެ އާމްދަނީން މަދުވެގެން ފަސް ޕަސެންޓް ކައުންސިލްތަކަށް ޚާއްސަކުރަން ޖެހޭ ކަމަށެވެ.
މި އަހަރަށް ފާސްކުރި 49.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކައުންސިލަތަކަށް 2.2 ބިލިޔަން ހަމަޖެއްސިއެވެ. ނަމަވެސް މި ސަރުކާރުން އަންނަ އަހަރަށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކައުންސިލްތަކަށް ޚާއްސަކޮށްފައި ވަނީ 1.4 ބިލިޔަން ރުފިޔާއެވެ.
ދައުލަތުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެ އަދަދުގެ ފަސް ޕަސެންޓުގެ ގޮތުގައި ކައުންސިލްތަކަށް ލިބެން ޖެހޭ އަދަދު އެއަށްވުރެ އިތުރުވާނެއެވެ.
އެހެންވެ، ބައެއް ކައުންސިލްތަކުންނާއި އިދިކޮޅު އެމްޑީޕީން އަންނަނީ ކައުންސިލްތަކަށް ކަނޑައަޅައިފައިވާ ފައިސާގެ މިންވަރާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.