އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓަކީ ރައްޔިތުންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހާ، ރައްޔިތުންގެ ޖީބަށް އަތް ބާނާނެ ބަޖެޓެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ތުހުމަތުކުރައްވައިފިއެވެ.
ސަރުކާރުން ވަނީ އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައެވެ.
މަޖިލީހަށް ހުށަހެޅި ބަޖެޓާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓުގައި ޝާހިދު ވަނީ 2025 ވަނަ އަހަރަށް ހުށަހެޅި ބަޖެޓުން ފެނިގެންދަނީ ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދޭނެ ގޮތެއް ހޯދިފައި ނެތްކަން ކަމަށް ވިދާޅުވެފައެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިންތިޚާބުގެ ތެރޭގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މާލީ ހާލަތު ވެސް އެނގިވަޑައިގަންނަވާ ކަމަށް ކަމަށާއި ވަޢުދުތައް ވެސް ފުއްދަވާނެކަމަށްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ވެރިކަމަށް އަހަރެއްވާން ގާތްވެފައި އޮއްވާ ހުށަހެޅުއްވި ބަޖެޓުގައި ރަނގަޅު ޕްލޭނެއްގެ އިތުރުން ރޭވުންތެރިކަމެއް ވެސް ނެތް ކަމަށެވެ.
ޝާހިދު ވިދާޅުވެފައިވަނީ މި ބަޖެޓުން ރައްޔިތުންނާއި ވިޔަފާރިތަކުން ނަގާ ޓެކްސްތައް ބޮޑުކުރުމުން އެ ފަރާތްތަކުގެ ފުއްދުންތެރިކަން ދަށްވެ، އިޤުތިސާދީ ނަފާއަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.
ޓެކްސް އާމްދަނީއާ ނުބައްދަލު މިންވަރަކަށް ޚަރަދު ބޮޑުކުރުމުން މާލީ ދެމެހެއްޓެނިވިކަން ގެއްލިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ބަޖެޓުގައި ރައްޔިތުންނާ ގުޅުންހުރި ޚައްޞާސް ބައިތަކުން ޚަރަދު ކުޑަކުރާނެ ކަމަށް ބުނާއިރު، ސަރުކާރުން ކުރާ އިސްރާފާއި، ސިޔާސީ މަޤާމުތަކުގެ މުސާރައާއި އިނާޔަތްތަކަށް ހޭދަކުރާ މިންވަރު ކުޑަކުރުމަށް މަސައްކަތް ކުރާ މަންޒަރު ބަޖެޓުން ނުފެންނަ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވީ ދައުލަތުގެ ރިކަރަންޓް ޚަރަދު ދަނީ މައްޗަށް ކަމަށެވެ. އަދި ހަމަ އެއާއެކު، މި ބަޖެޓު ފޫބައްދަން 16.9 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، މި ފައިސާ ހޯދާނެ ގޮތުގެ ހަރުދަނާ ރޭވުންތެރިކަމެއް ބަޖެޓުން ނުފެންނަ ކަމަށާއި މީގެ ބޮޑުބައި ހޯދުމަށް ޖަހާފައި އޮތީ ބޭރުގެ ކޮމާޝަލް ބޭންކުތަކުން ކަމަށެއެވެ.
ޒަމާންވީ ޚާރިޖީ ގުޅުންތަކަށް މި ސަރުކާރުގެ ޢަމަލުތަކުން ނޭދެވޭ އަސަރުކޮށްފައިވުމުން މި ފައިސާ ހޯދުމަށް މިހާރު ވެސް ސަރުކާރު ވަނީ ނުކުޅެދިފައި ކަމަށް މިދިޔަ ފަސް އަހަރު ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވަނީ ވިދާޅުވެފައެވެ. މި ބަޖެޓުން އެ ކަމަކަށް ތަސައްލީއެއް ނުހޯދޭ ކަމަށް ވެސް ޝާހިދުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ޝާހިދު ވަނީ މި ބަޖެޓުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އަންނަ އަހަރު ދަށްވާނެ ކަމަށާއި ވިޔަފާރިތަކުގެ ފައިދާ ދަށްވެ އިޤުތިސާދީ ދުވެލި ބުރަކި ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ސަރުކާރުން ދަނީ އެމްޑީޕީ ސަރުކާރުން ގެނައި ހާމަކަން ބޮޑު ދެފުށް ފެންނަ ސިޔާސަތު ބަދަލުކޮށް، ސިއްރުވެރި ވަންހަނާ ސިޔާސަތަކަށް ބަދަލުކުރަމުން ކަމަށާއި ބަޖެޓުގައި އަބަދުމެ ހުންނަ ތަފުސީލުތައް ސަރުކާރުން ފޮރުވާފައިވާ ކަމަށް ޝާހިދު ތުހުމަތުކުރެއެވެ.
ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު ދެބަޔަކީ މުވައްޒަފުންގެ މުސާރަ އާއި ތަރައްޤީގެ މަޝްރޫޢުތައް ކަމަށާއި މުވައްޒަފުންގެ މުސާރަ ބެހިގެންދާ ގޮތުގެ ތަފުސީލެއް ބަޖެޓުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ތަރައްޤީ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ 12 ބިލިއަން ރުފިޔާ ޚަރަދުކުރަނީ ކޮން ރަށެއްގެ ކޮން މަޝްރޫޢަކަށްކަން އެނގެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފައިކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އެ
އެއީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.