އަންނަ އަހަރަށް ދައުލަތުން ލަފައިކުރާ ޖުމުލަ ބަޖެޓުގެ ގޮތުގައި މާލީ ވަޒީރު މޫސާ ޒަމީރު މިއަދު 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މި އަހަރަށް ފާސްކުރި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ޖުމުލަ ބަޖެޓަކީ 55 ބިލިއަން ރުފިޔާއެވެ. އެހެންވެ، އަންނަ އަހަރަށް ލަފައިކުރަނީ މި އަހަރަށް ވުރެ 1.6 ބިލިއަނެއްހާ ރުފިޔާ ބޮޑު ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފައިކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.
ދަރަނި އަނބުރާ ދައްކަން އަންނަ އަހަރުގެ ބަޖެޓުގައި 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މިއީ، ފަހުގެ ތާރީޚެއްގައި ނިސްބަތުން އެންމެ ޑެފިސިޓް ކުޑަ ބަޖެޓެވެ. މި ބަޖެޓުގެ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 7.9 އިންސައްތައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ޖުމުލަ ބަޖެޓާ އެކު އަހަރު ނިމޭއިރު ޑެފިސިޓު 18 ބިލިއަނަށް އަރާނެއެވެ. އެކަމަކު، އަންނަ އަހަރު އެ އަދަދު 9.4 ބިލިއަން ރުފިޔާގައި ހިފެހެއްޓޭނެ ކަމަށް މާލީ ވުޒާރާއިން އަންދާޒާކުރެއެވެ.
"ފާއިތުވި އަހަރުތަކުގައި ރޭވުންތެރިކަމެއް، ޒިންމާދާރުކަމެއް ނެތް ފަނާކުރަނިވި ފިސްކަލް ޕޮލިސީއެއް ތަންފީޒުކުރުމުގެ ސަބަބުން ދައުލަތުގެ މާލިއްޔާ އޮތީ ޚަރާބުގެ މަގަށް ހުށަހެޅިފައި،" ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވިއެވެ.
މާލީ ވުޒާރާއިން ބުނީ އަންނަ އަހަރުގެ ބަޖެޓުގައި ޖުމުލަ 11.5 ބިލިއަން ރުފިޔާގެ ފިސްކަލް އިސްލާހީ ފިޔަވަޅު ހިމަނާފައިވާ ކަމަށެވެ.
އެ ގޮތުން، ބަޖެޓުގައި ހިމަނާފައިވާ މާލީ އިސްލާހީ ފިޔަވަޅުތަކާ އެކު ދައުލަތުގެ ޚަރަދުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވެއެވެ. އެ ކުޑަކުރާއިރު، އާމްދަނީ އިތުރުކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އާމްދަނީއަށް 4.9 ބިލިއަން ރުފިޔާ އިތުރުވާނެއެވެ.
އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި އާސަންދައާއި އެ ނޫން ވެސް ސަބްސިޑީތައް މުޅިން ރީފޯމްކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ރީފޯމްކުރުން ވެސް ހިމެނެއެވެ.
އާސަންދަ ޚިދުމަތް އެއްވެސް ބަޔަކަށް ކަނޑައިނުލި ނަމަވެސް އެ ޚިދުމަތް މުޅިން ރީފޯމްކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ. ކުންފުނިތައް ރީފޯމްކުރުމުގެ އެޖެންޑާގެ ތެރެއިން މިހާރު ކުންފުނިތައް މެދުވެރިކޮށް ދެވޭ ސަބްސިޑީތައް ވެސް ސީދާ ގޮތެއްގައި ރައްޔިތުންނަށް ދެވޭނެ ގޮތަކަށް ރީފޯމްކުރާނެ ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ ބަދަލުތަކާ އެކު އެއްވެސް މީހަކު ބޭހަށް ސަލާންޖަހަން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
ސަރުކާރު ކުންފުނިތައް ރީފޯމްކުރުމުގެ އެޖެންޑާގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ އާ ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން އިސްވެ ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އެ ބިލު އަންނަ އަހަރު ތެރޭ މަޖިލީހަށް ހުށަހެޅޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
މާލީ ވަޒީރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި ވަނީ ބޯހިޔާވަހިކަމަށް ރިކޯޑު އަދަދެއް ބަޖެޓުކޮށްފައެވެ.
އަންނަ އަހަރު ސަރުކާރުން ސީދާ ގޮތެއްގައި 1.5 ބިލިއަން ރުފިޔާގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ވަނީ ބަޖެޓުކޮށްފައެވެ. އެއީ، މިހާތަނަށް ގެދޮރުވެރިކަމަށް ބަޖެޓުކުރި އެންމެ ބޮޑު އަދަދެވެ. އެ މަޝްރޫއުތައް ކުރިއަށް ގެންދާނީ މުޅި ރާއްޖެއަށް ބަހާލައިގެންނެވެ.
މި އަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ޚާއްސަ ބަޖެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، މިއީ ބޯހިޔާވަހިކަމަށް ޚާއްސަ ބަޖެޓެއް ކަމަށެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ސަރުކާރުގެ ވައުދާ އެއްގޮތަށް ފަސް އިންސައްތައިގެ އިންޓްރެސްޓްގައި ދެ ބިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުން ވެސް ވަނީ ބަޖެޓުގައި ހިމަނައިފައެވެ.
މީގެ އިތުރުން، ސިއްހީ ދާއިރާއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.
އެ ގޮތުން، އަންނަ އަހަރު ތެރޭ 15 ޖެނެރަލް ޕްރެކްޓިޝަނާސް ކްލިނިކް އަޅަން ވަނީ ބަޖެޓުކޮށްފައެވެ. އަދި، ސިއްހީ ޚިދުމަތްތައް ހޯދުމުގައި ހުރި ތަކުލީފުތައް ނައްތާލަން އިތުރު ފަސް ހޮސްޕިޓަލެއް ބިނާކުރަން ވެސް ވަނީ ބަޖެޓުކޮށްފައެވެ.
ޖެނެރަލް ޕްރެކްޓިޝަނާސް ކްލިނިކްތައް އެޅުމުން ސުޕަ ސްޕެޝަލިސްޓުންނާއި ސްޕެޝަލިސްޓުންނަށް ދައްކަން ޖެހޭނީ އެ ފަދަ ކްލިނިކަކަށް ދެއްކުމަށް ފަހުއެވެ. މާލީ ވުޒާރާއިން ބުނި ގޮތުގައި އެ ކަމުގެ ސަބަބުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން އޮންނަ ކިއޫ އެއްކޮށް ނައްތައިލެވޭނެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މާލީ ވުޒާރާއިން ބުނީ މިއީ އާ މަޝްރޫއުތަކަށް އެންމެ ބޮޑު އަދަދެއް ބަޖެޓުކުރެވޭ އަހަރަށްވާނެ ކަމަށެވެ.
މީގެ އިތުރުން، އިސްލާހީ ފިޔަވަޅުތަކާ އެކު ވެސް މިދިޔަ ސަރުކާރުގައި ފެށި ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް، އަންނަ އަހަރު ތެރޭ އެއްކޮށް ނިންމާލަން ބަޖެޓުގައިވަނީ ހިމަނާފައެވެ. އެ ގޮތުން، އަންނަ އަހަރުގެ ތެރޭގައި ޖުޑިޝަރީ ހިމެނޭހެން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްކޮށް ނިންމާލަން ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
މާލިއްޔަތު ގާނޫނު ބުނާ ގޮތުން އަހަރު ފެށުމުގެ ކުރިން އެ އަހަރަކަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހުން ފާސްކުރަން ޖެހެއެވެ. އެހެންވެ، މަޖިލީހަށް މާލީ ވުޒާރާއިން ބަޖެޓު ހުށަހެޅުމުން އެއަށް ގެންނަން މަޖިލީހަށް ފެންނަ ބަދަލުތަކާ އެކު ބަޖެޓު ފާސްކުރާނެއެވެ.
މިދިޔަ ސަރުކާރުގައި މުސާރަ ބޮޑުކުރި ބައެއް ދާއިރާތަކަކީ، ސަލާމަތީ ޚިދުމަތްތަކާއި ނަރުހުންނާއި ޑޮކްޓަރުންގެ އިތުރުން ޓީޗަރުންނެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓަކީ މިހާތަނަށް ހުށަހެޅޭ އެންމެ ފުރިހަމަ ބަޖެޓަށްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މާލީ ވުޒާރާއިން ބުނީ، ބަޖެޓު އެކަށިގެންވާ ގޮތެއްގައި ތަންފީޒުކުރަން ބޭނުންވާ ކަމަށާއި އެކަން ކުރެވިއްޖެ ނަމަ އަންނަ އަހަރު ސަޕްލިމެންޓަރީ ބަޖެޓަކައިނުލާ ނިންމާލެވޭނެ ކަމަށެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.
ބޭރު ފައިސާގެ ރިޒާވް ވެސް ވަނީ 443.9 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. އެއީ، މަހެއްހާ ދުވަހުގެ އިމްޕޯޓަށް ބޭނުންވާ ވަރުގެ އަދަަދެކެވެ.
ބޭރު ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، ދަރަނި މިހާރު ހުރީ ޖީޑީޕީގެ ނިސްބަތުން 116.5 އިންސައްތައިގައެވެ. އަހަރު ނިމޭއިރު 118 އިންސައްތައަށް އަރާނެއެވެ. ބޭރުގެ ދަރަނި އަދާކުރަން މިދިޔަ ޕީޕީއެމްގެ ސަރުކާރުގައި އުފެއްދި ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑުގައި ވެސް ހުރީ 65 މިލިއަން ޑޮލަރެވެ. އެއީ، އެކަށޭނަ އަދަދެއް ނޫން ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.
މާލީ ހާލަތާ ގުޅިގެން ކަންބޮޑުވުން ބޮޑުވި ނަމަވެސް، ސަރުކާރުން ވަނީ މި ހާލަތުން އަރައިގަނެވޭނެކަމުގެ ޔަގީންކަން ދީފައެވެ.