މި އަންނަ ހޮނިހިރު ދުވަހު ބާއްވަން ކުރިން އޮތް ޕީއެންސީގެ އެތެރޭގެ އިންތިޚާބު މި މަހު 23 އަށް ފަސްކޮށްފިއެވެ.
ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ތާރީޚަަށް ފަސްކުރީ އަންނަ ނޮވެންބަރު 11 އާއި 12 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ހަމަޖައްސަވާފައިވާތީ ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރުކުރާނެތީ ކަމަށެވެ.
އެހެންވެ ހޮނިހިރު ދުވަހު ވޯޓުލުމަށް މެންބަރުންނަށް ތަކުލީފުތައް ކުރިމަތިވެދާނެތީ، އިންތިޚާބު އެހެން ދުވަހަށް ފަސްކޮށްދޭން ކެންޑިޑޭޓުންނަށާއި ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންގެ އެދިފައިވާ ކަމަށް ޕީއެންސީން ބުނެއެވެ.
އެ އިންތިޚާބު އެންމެ ފުރަތަމަ ބާއްވާ ގޮތަށް އޮތީ އޮކްޓޫބަރު 19 ވަނަ ދުވަހަށެވެ. އެކަމަކު އެ ދުވަސް އަނެއްކާވެސް ފަސްކުރީ މި އަންނަ ހޮނިހިރަށެވެ. އެ ތާރީޚު ވަނީ މި މަހު 23 އަށް ފަސްކޮށްފައެވެ.
ޕީއެންސީން މަގާމުތަކުގެ ގޮތުގައި އިންތިޚާބުކުރަނީ:
- ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން
- ޒުވާނުންގެ ހަރަކާތުގެ ރަށު ރައީސުންނާއި އަންހެނުންގެ ހަރަކާތުގެ ރައީސުން
- ސްޓިއަރިން ކޮމިޓީގެ މެންބަރު
މިދިޔަ މަހު 26ގައި އެ ޕާޓީއަށް މިހާތަނަށް 65،000އަށްވުރެ ގިނަ މެންބަރުން ހަމަކުރެވިއްޖެ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވާއިރު، އެ ޕާޓީގެ އަމާޒަކީ މި މަހުގެ ނިޔަލަށް 75،000 މެންބަރުން ހަމަކޮށް، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވުމެވެ.
ޕާޓީގެ އެތެރޭގެ އިންތިޚާބު ބާއްވަނީ ޕާޓީގެ އާ މަގާމުތަކަށް މީހުން އައްޔަންކޮށް ހިންގުން ހަރުދަނާކުރުމަށް ކަމަށް އެ ޕާޓީންް ކުރިން ވަނީ ބުނެފައެވެ.