ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް 248 ސިޔާސީ މުވައްޒަފުން މަގާމުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
ޚަރަޑު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރާނެކަން ރައީސް އިއުލާނުކުރެއްވީ މިދިޔަ މަހުގެ 15 ގައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ އިކޮނަމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަކުރަން އަޅައި ފިޔަވަޅުތަކުގެ ތެރެއިން، މިހާތަނަށް 31 އޮކްޓޯބަރުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
އެއީ، ރައީސް އިއުލާނުކުރެއްވި އަދަދަށްވުރެ 20 މުވައްޒަފުން އިތުރު އަދަދެކެވެ.
ހީނާ ވިދާޅުވީ، މުވައްޒަފުން ވަކިކުރުމާ އެކު، ދެން ތިބި ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް ބަލާނެ ނިޒާމެއް ގާއިމުކުރަން ވެސް ވަޒީރުންގެ މަޖިލީހުން މިހާރު ނިންމާފައިވާ ކަމަށެވެ. އެ ނިޒާމަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަކު، އެކިއެކި ފެންވަރުގައި ސަރުކާރަށް އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ވަކިކުރި މުވައްޒަފުންގެ ތަފުސީލުތައް މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވި ނަމަވެސް އެކަން އިއުލާނުކުރެއްވިއިރު ރައީސް މުއިއްޒު ވިދާޅުވީ، ވަކިކުރާނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށެވެ.
އެ މުވައްޒަފުން ވަކިކުރުމުން ދައުލަތުގެ މާލިއްޔާއިން 5.7 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އޭރު ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ވައުދަކީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރުވިޔަނުދީ ހިފެހެއްޓުމެވެ. އެކަމަކު، އެ އަދަދު މިހާރު 2،000 އަށްވުރެ އިތުރުވާނެ ކަމަށް ބައެއް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. ސަރުކާރުން އެކަން ދޮގުކުރި ނަމަވެސް ސީދާ އަދަދު ހާމައެއް ނުކުރެއެވެ.
މި އަހަރަށް އިތުރު 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވަނީ ސިޔާސީ މުވައްޒަފުންނަށް ހޭދަކުރީ ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދައިގެ ހަތަރު އިންސައްތަ ކަމަށް ވިދަޅުވެފައެވެ.
މާލީ ހިސާބުތަކުން ފެންނަ ގޮތުގައި މި އަހަރު މިހާތަނަށް މުސާރައާއި އިނާޔަތްތަކަށް ކުރި ހޭދަ މިދިޔަ އަހަރަށްވުރެ 1.3 ބިލިއަން ރުފިޔާ އިތުރެވެ. މި އަހަރު ޕޭރޯލަށް ބަޖެޓުކޮށްފައި އަދަދުގެ ހަތަރު އިންސައްތައަކީ 408 މިލިއަނެއްހާ ރުފިޔާއެވެ. ޒަމީރު ވިދާޅުވި ގޮތުން ނަމަ އެއީ ސިޔާސީ މުވައްޒަފުންގެ މުސާރައަށް ކުރާ ހޭދައެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެ، ބޭރުގެ މާލީ އިދާރާތަކުން ކަންބޮޑުވެފައިވާއިރު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އިސްލާހީ ގިނަ ފިޔަވަޅުތަކެއް ވަނީ ހިމަނާފައެވެ.
އޭގެ ތެރޭގައި ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ މުވައްޒަފުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގައި 12،000 ރުފިޔާއަށް ވުރެ ބޮޑުކޮށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ ކުޑަކުރަން ވަނީ ނިންމައިފައެވެ. އަދި، ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ މުސާރައިގެ 50 އިންސައްތަ ނުނަންގަވަން ނިންމަވާފައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 11.5 ބިލިއަން ރުފިޔާގެ މާލީ އިސްލާހީ ފިޔަވަޅުތައް ހިމަނާފައިވެއެވެ. އެއީ، ޚަރަދުން ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކޮށްފައިވާ 6.6 ބިލިއަން ރުފިޔާއަކާއި އާމްދަނީއަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވާ 4.9 ބިލިއަން ރުފިޔާއެވެ.
comment ޝުއައިބު
6 month 3 week ago
ސުބްހާނަﷲ ބަލަ ސަރުކާރު ކުންފުނިތަކަށް 248 މީހުންލާފަ، ސަރުކާރުގެ ވަޒީފާތަކުން ވަކިކުރީ ރައްޔިތުންގެ ލޮލަށް ނުފެންނަ ބަޔަކުތޯ؟ އެހެންވިއްޔާ އެވާނީ ޖިންނި ކަމަށް ދެއްތޯ؟
comment ބެއްޔާ
6 month 3 week ago
ލިސްޓކޮބާ؟
comment ބެއާ
6 month 3 week ago
ލިސްޓުކޮބާ؟ ވަކިކޮށްފީމޭ ބުންޏަސްގަބޫލެއްނުކުރެވޭ
comment ލައިލާ
6 month 3 week ago
މީވެރިކަމެއްނޫން މީބަލާވެރިކަމެއް
comment އައްޓަމަސް
6 month 3 week ago
އެއްވެސް ގޮތަކުން މޮޅު ކަމެއްގެ ގޮތުގައި އިއުލާނު ކުރަންޖެހޭ ވަރަށްވުރެ ލަދުވެތި ވާހަކައެއް ސަރުކާރުގެ ހިންގުމުގެ ހުރި ދޯހޮޅިކަން އެނގެނީ. މި އެންމެން ނެގީ ކީއްވެ. ކަނޑާލީ ކުރާނެ މަސައްކަތެއް ނެތީމަ ދޯ. އެހެންވިއްޔާ ކުރިން މަގާމު ދިނުން އެއީ ކޮރަޕްޝަން ދޯ. އަދި ރައްޔިތުންގެ ފައިސާއަށް ކިޔާނާތްތެރިވުންދޯ!
comment ދޮގު ސަރުކާރު
6 month 3 week ago
އެކަކުވެސް ގަބޫލުނުކުރާތި، މި ސަރުކާރުން ތެދެއް ނުހަދާނެ. ދޮގު ސަރުކާރު
comment ދޮގު
6 month 3 week ago
ކަނޑައެޅިގެން ދޮގު މިހާގިނަ މީހުން އަދި ވައްކެއް ނުކުރޭ. ހެޔޮނުވާނެ މިވަރަށް ދޮގުހަދާކަށް.
comment ޔޮއު
6 month 3 week ago
248 ސިޔާސީ މަގާމުން މީހުން ވަކި ކުރިކަމަށް ދައުވާތާކުރަނީ. އެކަން ކުރިކަމުގެ އެއްވެސް ހެއްކެއް ނެތް. ހުސް ބުނެލާވާހަކަ އެއް.
comment އިއްބެ
6 month 3 week ago
ކަލޭމެން ގެއައްދޭ މީ ރައްޔަތުންނައް މުސީބާތެއްކަހަލަގެ ސަރުކާރެއް މިވަރުގެ އަނިޔާވެރިދައުލަތެއް މަގޭހަޔާތަކުއަދިނާދޭ
comment ައަބްދުﷲ
6 month 3 week ago
ކާކު ކޮންތާކުން ވަކިކުރީ. ނަމާއި މަޤާމާއި މިނިސްޓްރީވެސް ބުނެދީގެން ޤަބޫލުކުރެވޭނީ.
comment ހަސަނު
6 month 3 week ago
ހުރި ވަޒީފާއިން ބަދަލުކޮށްފާނެ. އެކަމަކު ސަރުކާރުގެ އެހެން ކޮންމެވެސް ތަނަކުން ހަމަ އެމުސާރަ ނުވަތަ އެއަށްވުރެ ބޮޑުކޮށް ލިބޭގޮތް އޮންނާނީ ހަމަޖައްސާފަ.