ނޫސްވެރިކަމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމެންޓް އެވޯޑް އަހުމަދު ޒާހިރާއި މޫސާ ލަތީފަށް

"އާފަތިސް" ނޫހުގެ ކުރީގެ އެޑިޓަރު އަހުމަދު ޒާހިރު (ފެއަރީ ޒާހިރު) އަދި ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފް --

ނޫސްވެރިކަމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމެންޓް އެވޯޑް "އާފަތިސް" ނޫހުގެ ކުރީގެ އެޑިޓަރު އަހުމަދު ޒާހިރު (ފެއަރީ ޒާހިރު) އަދި ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފަށް މިރޭ ދެއްވައިފިއެވެ.

ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅުންނަށް އިނާމު ދިނުމަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގުގައި ބޭއްވި ހަފުލާގައި މި ދެ ބޭފުޅުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފެވެ.

ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ހާސިލްކުރެއްވި އަހުމަދު ޒާހިރު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1990 ވަނަ އަހަރުގައެވެ. ޒާހިރުގެ ލިޔުންތަކާއި ޚަބަރުތައް އާންމުންނާ ހަމައަށް އައީ އޭރުގެ އެންމެ މަގުބޫލު އާފަތިސް މެދުވެރިކޮށެވެ. އޭނާ ވަނީ ހަވީރު ނޫސް މެދުވެރިކޮށްވެސް ގިނަ ލިޔުންތަކެއް އާންމުންނާ ހަމައަށް ގެނެސްދެއްވައިފައެވެ.

އަހުމަދު ޒާހިރަށް ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމުވެސް ދެއްވައިފައެވެ.

ލައިފްޓައިމް އެޗީވްންޓް އެވޯޑް ދެން ހާސިލްކުރެއްވި މޫސާ ލަތީފް ނޫސްވެރިކަން ފެއްޓެވީ "ހަވީރު" ނޫހުން 1987 ވަނަ އަހަރެވެ. އޭރު އުމުރުން އެންމެ 16 އަހަރުގެ މޫސަ ލިޔުއްވާ މަޒުމޫނުތައް ދޭތެރެ ދޭތެރެއިން ހަވީރު ނޫހުގައި ދިޔައީ ޝާއިއުކުރަމުންނެވެ. ސްކޫލު ނިމުމާ އެކު މޫސަ ބޭނުންފުޅުވީ ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ވަޑައިގަތުމަށެވެ.

https://sun.mv/196327

މޫސައަށް ވަނީ ނޫސްވެރިކަމުގެ ރޮނގުން ގައުމީ އިނާމު، އުމުރުން 30 އަހަރުގައި 2001ގައި ލިބިވަޑައިގެންފައެވެ. އޭގެ ފަހުން އޭނާގެ ނޫސްވެރިކަމުގެ މަސައްކަތް އިހުނަށް ވުރެ ފުޅާ ކުރެއްވެވިއެވެ. ޚާއްސަކޮށް 2004ގައި "ހަވީރު"ގެ އެކްޓިން އެޑިޓަރުކަން ލިބިވަޑައިގަތުމާއި 2008ގެ އާ ގާނޫނުއަސާސީއާ އެކު ރާއްޖެއަށް އައި ސިޔާސީ އަދި ނޫސްވެރިކަމުގެ ބޮޑު މިނިވަންކަމުގައި, އޭގެ ކުރީގެ ނޫސްވެރިކަން މާޒީވެ، ދެން އުފުލަން ޖެހިވަޑައިގެންނެވި ޒިންމާ، އޭގެ ކުރީގެ އެއްވެސް މަސައްކަތަކާ ނުބައްދަލުވިއެވެ.

މި އަހަރު މޫސައަށް ވަނީ ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިފައެވެ.

comment ކޮމެންޓް