އޭޖީ އޮފީހާ މެދު މުސްތަފާގެ ނުރުހުން؛ ވައުދު ފުއްދުމަކީ ހަމައެކަނި މަޖިލީހުގެ ޒިންމާއެއް ނޫން

އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޕީއެންސީ މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވީ ވައުދު ފުއްދުމަކީ ހަމައެކަނި މަޖިލީހުގެ ޒިންމާއެއް ނޫން ކަމަށް -- ފޮޓޯ/ މަޖިލިސް

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައި އޮތް އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހަށް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ފޮނުވީ މާ ލަހުން ކަމަށާއި ރައީސުލްޖުމްޙޫރިއްޔާގެ ވައުދުފުޅުތައް ފުއްދުމަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަމެއް ނޫން ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޕީއެންސީ މުހައްމަދު މުސްތަފާ އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

އިޖުތިމާއީ ކޮމިޓީގައި ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ދިރާސާކުރުމަށް ކުރި ބަހުސްގައި އެ ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރައްވާ މުސްތަފާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކީ އަންނަ މަހުގެ 15 ވަނަ ދުވަހަށް އިސްލާހުގައި ބުނެފައިވާ ކަންކަން ތަންފީޒުކުރުން ކަމަށެވެ.

އެހެންނަމަވެސް ގަބޫލުކުރަންޖެހޭ އެއް ހަގީގަތަކީ ކޮމިޓީއާ ހަމައަށް އެ ބިލު އައީ ވަރަށް ލަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސުލްޖުމްޙޫރިއްޔާގެ ވައުދުފުއްދުމަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަމެއް ނޫން. އެ މަނިކުފާނުގެ ވައުދު ފުއްދަން މުޅި ސަރުކާރުން މަސައްކަތް ކުރަންޖެހޭނެ،" މުސްތަފާ ވިދާޅުވިއެވެ.

"...ރައީސުލްޖުމްޙޫރިއްޔާގެ ވައުދު ފުއްދަން 13 ވަނަ ދުވަހު ބިލެއް ފޮނުވާފައި 15 ވަނަ ދުވަހަށް ނިންމަން ބުންޏަސް އެ ކަމެއް ނުވާނެ. ވަރަށް ސާފުކޮށް އަޅުގަނޑު މި ދަންނަވަނީ. ތެޅިފޮޅި ގަނެފައި އަޅުގަނޑު ހަމަ އެއްގޮތަކަށް ވެސް ބޭނުމެއް ނޫން މި ފަހެއްގައި ގެންދާކަށް،"

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: އޭޖީ އޮފީހުގެ މަސައްކަތް ލަސްކަމަށް މުސްތަފާ ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މުސްތަފާ ވިދާޅުވީ، ބިލު ދިރާސާކުރުމަށްޓަކައި ފުލުހުންނާއި، ޕަބްލިކް ހެލްތު އަދި ހެލްތު މިނިސްޓްރީއާ ބައްދަލުކުރަން ޖެހޭނެ ކަމަށެވެ.

އެ ހުރިހާ މަރުހަލާއެއް އޮތްކަން އެނގޭނަމަ އެޓާނީ ޖެނެރަލްގެ އޮފީހުން އެ ބިލު އެއަށް ވުރެ މާ ކުރިން ފޮނުވައިދޭންޖެހޭނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

"ހަގީގަތަކީ އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް މިއަދު ނުކުރެވިގެން މި ދަނީ އެޓާނީ ޖެނެރަލްގެ އޮފީހުން އެ މަސައްކަތް ރަނގަޅަށް ނުކުރެވިގެން ދާތީ. ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން ބޭނުންވާ ސްޕީޑު ނުލިބެނީ އެޓާނީ ޖެނެރަލުން މަސައްކަތް ކުރަންވާ ވަރަށް ނުކުރާތީ،" މުސްތަފާ ވިދާޅުވިއެވެ.

ރައީސްގެ ވިސްނުންފުޅުގައި 200 އެތައް ބިލެއް ފޮނުވުމުގެ ވިސްނުންފުޅު އެބަހުރި ކަމަށާއި އެކަމަކު އެ ބިލުތައް އަދި ނާންނަ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ކޮމިޓީގައި ގިނަ މެންބަރުން އިއްތިފާގުވީ އަވަސް އަރުވާލުމުގެ ބަދަލުގައި ދިރާސާކޮށްގެން ބިލުގެ މަސައްކަތްކޮށް ނިންމުމަށެވެ.

ސަރުކާރުން މިހާރު ހުށަހަޅައިފައިވަނީ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓަރު 24ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުމަށެވެ.

އަދި، ސިނގިރެޓާއި ބިޑިން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުމަށެވެ.

ރައީސް ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން ފެށިގެން މަނާ ކުރުމަށް ނިންމަވާފައެވެ. އަދި، ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން މި އަހަރުގެ ޑިސެމްބަރު 15ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ނިންމަވާފައެވެ.

ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކައި، ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ވެސް އެ މަނިކުފާނު ވަނީ ނިންމަވާފައެވެ.

comment ކޮމެންޓް