ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި މުސާރަތައް ކެނޑުމަކީ ހަގީގީ ހައްލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުން ޚަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލް ހޯދުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
އެ ކޮމިޓީގައި ސަލީމް ވިދާޅުވީ ރާއްޖެއަށް ހަގީގަތުގައި ދިމާވެފައިވާ މައްސަލައަކީ ގައުމުގައި ހިންގަން ޖެހޭ މަޝްރޫއުތަކަށް ވުރެ މާ ގިނަ މަޝްރޫއުތައް ހިންގުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ސޮއިކުރި މަޝްރޫއުތަކުގެ އަގު 36 ބިލިއަނާއި 40 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް އަރާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެފަދަ ގޮތަކަށް އަމަލު ކުރުމުން މަޝްރޫއުތައް ހުއްޓޭ ކަމަށާއި ނަމަވެސް އުސޫލާ އެއްގޮތަށް އަމަލުކޮށް، އަހަރެއްގެ ތެރޭގައި ކުރެވޭނެ މަސައްކަތްތައް ބަލައި ސޮއިކުރާނަމަ މަޝްރޫއުތައް ނިންމޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
ހަމައެއާއެކު ގާނޫނުތައް ރަނގަޅަށް ތަންފީޒު ކުރެވޭ ނަމަ، ޓީޖީއެސްޓީ ފަދަ ޓެކްސް ބޮޑުކޮށްގެން ހޯދަން އުޅޭ އާމްދަނީ ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ކަސްޓަމް ޑިއުޓީ އާންމުކޮށް ނަގަނީ 33 ޕަސެންޓާއި 40 ޕަސެންޓުގައި ކަމަށާއި އޭގެ ބަދަލުގައި މުދަލަށް ހަމަ އަގުގައި ޑިއުޓީ ނަގާނަމަ އާމްދަނީ އިތުރުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
ހަމައެއާއެކު ރާއްޖޭގައި މިހާރު އާންމު ވިޔަފާރިއަށްވުރެ އޮންލައިން ވިޔަފާރި ވަރުގަދަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ ޖީއެސްޓީއާއި ޕްރޮފިޓް ޓެކްސްއާއި އެފަދަ އެއްވެސް ޓެކުހެއް ދައްކަން ނުޖެހޭ ދާއިރާއެއް ކަމަށެވެ.
"އެހެންވީމަ މުޅި ދުނިޔޭގައި ވެސް އޮންލައިން ވިޔަފާރި މިދަނީ ވަރުގަދަ ވަމުން ދާއިރުގައި މިއަށް ވެސް އެބަޖެހޭ ކޮންމެވެސް ހައްލެއް ގެންނަން. ދެން ހަމަ އެގޮތަށް ބަލައިލާއިރުގައި، ދެން އަޅުގަނޑުމެން މިސާލަކަށް މުސާރަ ކުޑަކޮށްގެން މީގެ ތެރެއަކުން އަޅުގަނޑުމެންނަށް ހަގީގަތުގައި ބުނާ ނަމަ މިއީ ހައްލެއް ނޫން،" ސަލީމް ވިދާޅުވިއެވެ.
"ހަގީގަތުގައި ގައުމުގެ ތެރެއަށް ނުކުންނަން ޖެހޭ ފައިސާ ނުނިކުތަސް ނުކުންނާނެ މައްސަލަތަކެއް ހުންނާނެ."
އޭނާ ވިދާޅުވީ ޚަރަދު ކުޑަކުރަން އެދެނީ ދައުލަތުންނާއި ކުންފުނިތަކުން ބޭކާރުކޮށް ހޭދަވާ ފައިސާއިން ކަމަށެވެ.
ސަލީމްގެ ވާހަކައާ ގުޅުވައި ޒަމީރު ވިދާޅުވީ، ކަސްޓަމްސްގެ އާމްދަނީ ދަށްކަން ލަފާކުރެވޭތޯ، އެ މުއައްސަސާއަށް މިހާރު ލިބޭ އާމްދަނީގެ ކަންތައްތައް ބެލުމަށް ހޯމް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.
"ބައެއް ކުދިކުދި ޚަރަދުކޮށްގެން ވަރަށް ގިނަ ކަންކަން ރަނގަޅު ކުރެވެން އެބަހުރި. މިހާރު މި ދޫކޮށްލާ ބައެއް ކޮންޓެއިނަރު އެއްޗެހި ދުކޮށްލަނީ އޭގެ ތެރޭގައި ހުންނަ އެއްޗެއް ނޭނގި. އެކަމަކު އަޅުގަނޑުމެންނަށް ކޮންޓެއިނަރު ސްކޭން ކުރެވޭނެ މެކޭނިޒަމެއް ލިބިއްޖެ ކަމަށްވަންޏާ މި ދަންނަވާ ކަަހަލަ މައްސަލަތައް ހައްލު ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
އެ ކޮމިޓީގައި ޒަމީރު ވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން ކަނޑާއިރު އޭގެ ތެރެއިން ފަންނީ މުވައްޒަފުން އިސްތިސްނާ ވާނެ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ ބުދަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ބައެއް ފަރާތްތަކުގެ މުސާރަތައް ކުރިއަށް އޮތް ދެ އަހަރު ކުޑަކުރަން ނިންމަވައިފައިވާކަން އިއުލާން ކުރައްވައިފައެވެ. އޭގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓާއި ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް ކުޑަކުރުން ހިމެނެއެވެ.
ހަމައެއާއެކު ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށާއި، ރައީސްގެ މުސާރައިގެ 50 ޕަސެންޓް ނުނަންގަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.