އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ރާއްޖޭގައި އަހަރު ބާކީ ބައިގައި ތަކެތީގެ އަގު އިތުރަށް އުފުލޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން ލަފާކޮށްފިއެވެ.
އޭޑީބީން އިއްޔެ ވަނީ، އޭޝިއާގެ އިގުތިސާދުތަކަށް އަންނާނެ ބަދަލުތައް ލަފާކޮށް ނެރޭ އޭޝިއަން ޑިވެލޮޕްމެންޓް އައުޓްލުކްގެ މި މަހުގެ ރިޕޯޓު ނެރެފައެވެ. އޭޑީބީން ވަނީ މި ރިޕޯޓަކީ އޭޕްރިލް މަހު ނެރުނު ރިޕޯޓާ އަޅައިކިޔައި، ހަނގުރާމަ ކުރިން ލަފާކުރި ވަރަށްވުރެ ދިގުދެމިގެންދާތީ އިގުތިސާދީ އަންދާޒާތަކަށް ބަދަލު ގެނެސްފައިވާ ރިޕޯޓެއްކަން ފާހަގަކޮށްފައެވެ.
އޭޕްރިލް މަހު ނެރުނު ރިޕޯޓުގައި އޭޑީބީން ވަނީ މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނީ އެންމެ 1.0 އިންސައްތައިގައި ކަމަށް ލަފާކޮށްފައެވެ. އެއީ މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާފައިވާ 6.3 އިންސައްތައާ އަޅައިބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
އޭޑީބީން އެ ރިޕޯޓުގައި ވަނީ، ރާއްޖޭގެ އިންފްލޭޝަން ރޭޓު, ނުވަތަ ތަކެއްޗާއި ޚިދުމަތުގެ އަގުތައް 5.0 އިންސައްތައަށް އުފުލޭނެ ކަމަށެވެ.
އެ ބެންކުން އަލަށް ނެރުނު ރިޕޯޓުގައި ވެސް މި އަހަރުގެ އަދަދުތައް ހުރީ ހަމަ އެއްވަރެއްގައެވެ. އަންނަ އަހަރަށް ލަފާކޮށްފައިވާ އަދަދުތައް ވެސް އޭޑީބީން މި ރިޕޯޓުގައި ވެސް ވަނީ އެއްވަރެއްގައި ދަމަހައްޓައިފައެވެ. އެއީ އަންނަ އަހަރު އިގުތިސާދީ ކުރިއަރާނީ ތިން އިންސައްތައަށް ކަމަށާއި އިންފްލޭޝަން ހަތަރު އިންސައްތައަށް އުފުލޭނެ ކަމަށެވެ.
ނަމަވެސް ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ އިގުތިސާދީ ދުވެލި ދަށްވާނެ ކަމަށް އޭޕްރިލް މަހުގައި ލަފާކުރި އަދަދަށްވުރެ އިތުރަށް ދަށްވާނެ ކަމަށް މިހާރު އޭޑީބީން ވަނީ ލަފާކޮށްފައެވެ. އަދި މި ސަރަހައްދުގައި ތަކެތީގެ އަގު އުފުލޭ މިންވަރު ފަސް އިންސައްތައަށް އަރާނެ ކަމަށް އޭޕްރިލް މަހުގެ ރިޕޯޓުގައި އޮތް ނަމަވެސް، މިހާރު އެ އަދަދު ވަނީ 5.7 އިންސައްތައަށް ބޮޑުކޮށްފައެވެ.
މާލޭގެ މަގެއް މަތިން މުދާ އުފުލަނީ: މިހާރު ވެސް ރާއްޖޭގައި ތެލާއި ކާބޯތަކެތީގެ އަގު ވަނީ އުފުލިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭޑީބީން ވަނީ މި ސަަރަހައްދުގައި ތަކެތީގެ އަގު އުފުލެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލާއި ދަތުރުފަތުރާއި ކާބޯތަކެތީގެ އަގު އުފުލޭތީކަން ފާހަގަކޮށްފައެވެ. އަދި ރާއްޖެއަކީ ތެލާއި އެހެނިހެން މުދަލުގެ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއް ކަމަށްވާއިރު، އަހަރުގެ ފުރަތަމަ މަސްތަކުގެ ތެރޭގައި ތަކެތީގެ އަގުތައް ކޮންމެވެސް މިންވަރަކަށް ހިފެހެއްޓިފައި ހުރުމަށް ފަހު، އަހަރުގެ ބާކީ ބައިގައި އަގުތައް އުފުލޭނެ ކަމަށް އޭޑީބީން ވަނީ ލަފާކޮށްފައެވެ.
އޭޑީބީގެ ރިޕޯޓުގައި ވަނީ އޭޝިއާގެ ގިނަ ގައުމުތަކެއްގައި ތެލުގެ ބާވަތްތަކަށް ސަބްސިޑީ ދޭކަން ފާހަގަކޮށް، ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގު ބޮޑުވާ ވަރަކަށް ދައުލަތުން ކުރަން ޖެހޭ ހޭދަ ބޮޑުވާނެ ކަމަށް ބުނެފައެވެ. އެ އިދާރާއިން ވަނީ، ތެލުގެ ބާވަތްތަކުން ދޭ ސަބްސިޑީތައް ކުޑަކުރުމުން، ހަކަތައިގެ އަގު ބޮޑުވާ ކުއްލި ހާލަތްތަކަށް ވިލުންތެރި އިގުތިސާދެއް ބިނާކުރެވި، ޒިންމާދާރު ގޮތުގައި ތެޔޮ ބޭނުންކުރުމަށާއި ރައްކާކުރަން ހިތްވަރު ދެވޭނެ ކަމަށް ބުނެފައެވެ.

މީހުން މަގުމަތީގައި: ޕެޓްރޯލާއި ޑީސެލްގެ އަގު ވެސް މި އަހަރު ވަރަށް ބޮޑަށް އުފުލިފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭޑީބީން އެހެން ބުނެފައިވާއިރު، ރާއްޖެއިން ވެސް ކަރަންޓު އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް، ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ ސްޓެލްކޯއަށާއި ފެނަކަށް ފޯރުކޮށްދެމުން އަންނަނީ މާކެޓް އަގަށްވުރެ ދަށްކޮށެވެ. އަދި އެ އަގަށްވުރެ ބޮޑުވާ މިންވަރު ދައުލަތުގެ ބަޖެޓުން ސަބްސިޑައިޒްކުރެއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު، މިދިޔަ އަހަރުގެ ބަޖެޓް ބަޔާނުގައިވާ ގޮތުން، ކަރަންޓު އަގު ހެޔޮކުރުމަށް ޚަރަދު ކުރުމަށް ބަޖެޓުގައި ޖެހީ 379 މިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރު ނިމުނުއިރު އެކަމަށް ވަނީ، 832 މިލިއަން ޚަރަދުކޮށްފައެވެ. އެއީ 453 މިލިއަން ރުފިޔާ ނުވަތަ 119 ޕަސެންޓްގެ އިތުރުވުމެކެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި ފިޔަވަޅުތަކުގެ ތެރޭގައި، ކަރަންޓާއި ކާބޯތަކެތި އަގުހެޔޮ ކުރުމަށް އެންމެނަށް ދޭ ސަބްސިޑީ، އެހީ ބޭނުންވާ މީހުންނަށް ދިނުން ހިމަނައިފައެވެ. އެގޮތުން އެ ކަންކަމަށް 2.4 ބިލިއަން ރުފިޔާ ބަޖެޓުން އުނިކޮށް އޭގެ ބަދަލުގައި ޑައިރެކްޓްކޮށް ސަބްސިޑީ ދިނުމުގެ ބަޔަށް 900 މިލިއަން ރުފިޔާ އިތުރުކޮށްފައި އޮތެވެ.
އެހެންނަމަވެސް، މިދިޔަ އަހަރުގެ ވަކި ހިސާބަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހުތައް ތަންފީޒު ނުކުރުމަށް ނިންމަވައިފައެވެ. އެއީ، ރައްޔިތުންނަށް ދެމުން އައި އެއްޗެއް އުނިނުކުރުމުގެ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ އެ ނިންމެވުމަށް އިގުތިސާދީ މާހިރުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ފެބުރުވަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާލަން ދާއިމީ އެއްބަސްވުމަކަށް އައުމުގެ އުއްމީދުތައް ފަނޑުވެފައިވާއިރު، މިހާރު ވެސް ރާއްޖޭގައި ވެސް ތެލާއި ކާބޯތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ.