ހައްލު ނުހޯދުނު ޑޮލަރުގެ މައްސަލަ! ކުރީގެ ވެރީންގެ ބޮލަށް ކަނޑާލައިގެން ތިބެވޭ ވަރަށްވުރެ ބޮޑު ކާރިސާއެއް!

ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދައްޗާއި އޭގެ ހައްލަކީ ހުނިޖަހާ ނަގާލެވެން އޮތް އެންމެ މައްސަލައަކާ ގުޅުން އޮތް ކަމެއް ނޫނެވެ. އެއީ ގުޅި ލާމެހިފައިވާ އެތައް މައްސަލައެއް އޭގެ ތެރެއިން ފެންނަން އޮތް، މާ ފުންކޮށް، އޮޅުން ބޮޅުން ވެފައި އޮތް "ސްޓްރަކްޗަރަލް" މައްސަލަތަކާ ގުޅުންހުރި، އޭގެ އަސަރު އިގްތިސާދުގެ އެންމެ ބޭރު ފަށަލައިންވެސް ފެންނަމުންދާ މައްސަލައެކެވެ. މި ލިޔުމުގައި އަލި އަޅުވާލެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނީ މިވެރިކަމުގައި ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ މި ބިޔަ ބޮޑު ކާރިސާގެ މައްޗަށެވެ. އޭގެ އަސްލާއި އޭގެ ސިޔާސީ ހައްލުގެ މައްޗަށް ކޮންމެވެސް ވަރަށް އަލިއަޅުވާލެވޭތޯ މަސައްކަތް ކުރާނަމެވެ.

ދަރަނިން ފޫބައްދާ ދެ ޑެފިސިޓް:

އިޤްތިޞާދީ މާހިރުންނާއި ފިޗް ރޭޓިންގްސްއިން ވެސް ފާހަގަކުރާ ގޮތުގައި، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަސްލު މައްސަލައަކީ ފާއިތުވި ހުރިހާ ސަރުކާރަކުންވެސް، ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ގިނައިން ޚަރަދުކުރުމާއި، އެކްސްޕޯޓަށްވުރެ މާ ގިނައިން އިމްޕޯޓްކުރުމާއި، މި ދެ ފަރަގު ވެސް ދަރަނިން ފޫބައްދަމުން ދިއުމެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވަމުން އައިސްފައިވަނީ ޑޮލަރުގެ މައްސަލަ އެކަންޏެއް ނޫނެވެ. ފުނިޖެހެމުންދިޔައީ އިގްތިސާދީ ބޮޑެތި މައްސަލަތަކެވެ. ތާށިކަން ކުރިމަތިވަމުން އައީ، ދައުލަތުގެ ރިޒާވަށާއި، ބޭރު ފައިސާގެ ލިކުއިޑިޓީއަށާއި، ދަރަނި ދެމެހެއްޓުމުގައި ލިބިފައިވާ ގާބިލްކަމަށެވެ. އިގްތިސާދުގެ މުޅި އޮނޑިގަނޑުގައި ރެނދުލަމުންދާތާ އޭގެ ޒާތުގައި އެތައް އަހަރެއް ފާއިތުވެގެން ދިޔައީއެވެ.

ޑޮލަރުން ދައްކަންޖެހޭ ބޮޑެތި ދަރަނިތައް

ފާއިތުވި ހުރިހާ ސަރުކާރަކުންވެސް ބޭރުގެ ދަރަނި މެނޭޖް ކޮށްފައިވަނީ، އިށީންނާނެ ގަލެއް ނުބަލައެވެ. މާދަމާ ވެދާނެ ގޮތަކާމެދު ވިސްނުން ހިންގުމުގެ ބަދަލުގައި، އަބަދުވެސް އިސްކަން ދީފައިވަނީ ދަރަނި ނަގައިގެން ތަރައްގީގެ މަޝްރޫޢުތައް ކުރިޔަށް ގެންދިއުމަށެވެ. އަދި އެ މަޝްރޫޢުތަކަކީ އޭގެ ޒާތުގައި އިގްތިސާދީގޮތުން އުފެއްދުންތެރިކަމެއް އޮތް މަޝްރޫޢުތަކެއްތޯ ނުވަތަ ނޫންތޯވެސް ބެލުމެއް ނެތެވެ. އޮތީ އެންމެ މަގުސަދެކެވެ. އިންތިޚާބުތަކާއި ދިމާކޮށް ތަރައްގީގެ މަޝްރޫޢުތަކެއް ހިންގާލުމެވެ.

އިކޮނޮމިކް މިނިސްޓަރ ސައީދު: 2024 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި ވިދާޅުވީ ޖެހިގެން އަންނަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޑޮލަރުގެ މައްސަލައަށް ހައްލު އަންނާނެ ކަމަށް، އެހެންނަމަވެސް ހާލަތު ދިޔައީ ގޯހުން ގޯހަށް

އޭގެ ނަތީޖާއެއްގެ ގޮތުން ބޭރު ދަރަނީގެ ގޮތުގައި ޑޮލަރުން އަދާކުރަންޖެހޭ ވަރަށް ބޮޑެތި އަދަދުތަކެއް ރާއްޖެއިން މިހާރުވަނީ ޖަމާކޮށްފައެވެ. މިދިޔަ އަހަރު ގާތްގަނޑަކަށް 600–700 މިލިއަން ޑޮލަރު، އަދި މި އަހަރު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ބޭރު ދަރަނި އަދާކުރުމަށް ސަރުކާރަށް ބޭނުންވިއެވެ. މީގެ ތެރޭގައި މި އަހަރުގެ އޭޕްރީލްގައި މުއްދަތު ހަމަވި 500 މިލިއަން ޑޮލަރުގެ ސުކޫކު ހިމެނެއެވެ. އެ ސުކޫކު މިހާރު ވަނީ މި ސަރުކާރުން ދައްކާފައެވެ. އަދި އޭގެ މެޑަލްޖަހާ، ކޮޅުނެތްކޮޅަށް އެކަން އިސްތިހާރުކޮށް، އެއީ މި ސަރުކާރުގެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަ ކޮށްފައިވެސް ވެއެވެ. އެހެންނަމަވެސް އޭގެއިން ލިބުނު އުފަލެއް، ހޯދުނު ކާމިޔާބެއް ކޮބައިތޯއެވެ. ބޭރު ދަރަނި އަދާކުރުމުގެ ޚަރަދު ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރުގެ މަތީ މިންވަރެއްގައި ދެމިއޮންނާނެ ކަމަށް މިހާރުވެސް ވަނީ ލަފާކުރެވިފައެވެ. ދަރަނި ދޭ ފަރާތްތަކަށް ދާ ކޮންމެ ޑޮލަރަކީ ރާއްޖޭގެ އެތެރޭގެ ބާޒާރަށް ނުލިބޭ ޑޮލަރެކެވެ. ޑޮލަރުގެ އަގު އިންތިހާއަށް އުފުލުނީއެވެ. މިއަދު 21 ރުފިޔާ 75 ލާރީގައި ހުރި ޑޮލަރުގެ އަގު ފަތުއަޑުކިޔާފައި އަދިވެސް އުފުލެމުން އެހެރަގެން ދަނީއެވެ. އެހެންނަމަވެސް 500 މިލިއަން ޑޮލަރުގެ ސުކޫކެއް ދައްކާ ޚަލާސް ކުރެވިގެން ސިޔާސީ ފަރާތްތަކުން ބެރު ދުންމާރީގައި ނަށާ ނަގަމުން ދަނީއެވެ.

އިގްތިސާދަށް ކުރިމަތިވެފައިވާ ފަންނީ މައްސަލަތައް:

ދިވެހި ރާއްޖެއަކީ އޭގެ ޒާތުގައި ގުދުރަތީ އުފެއްދުންތެރިކަން ނެތް ގައުމެއްކަމުގައި ސިފަކުރާ ކުރުމަކީ ހަގީގަތުގައިވެސް އެންމެ ރަނގަޅު ނަޒަރިއްޔާތެއްކަމުގައި ދެންނެވެން އެބައޮތްތޯއެވެ. ސައުދީ އަރަބިއާއަށް ތެލުގެ މުއްސަނދިކަމެވެ. އެފްރިކާގެ ގައުމުތަކަށް މައުދަނުގެ މުއްސަދިކަމެވެ. ހުޅަނގުގެ ގައުމުތަކަށް ޓެކްނޮލޮޖީއެވެ. ދިވެހި ރާއްޖެއަށް ގުދުރަތީ ރީތިކަމުގެ މުއްސަދިކަމެވެ. ކޮންމެ ގައުމަކުންވެސް އެބަޔަކަށް ލިބިފައިވާ މުއްސަދިކަމުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދާ، އެއިން ކުރިއެރުން ހާސިލް ކުރަނީއެވެ. ދިވެހިރާއްޖެއަށް ދުނިޔޭގައި އޮތް އެންމެ އަގުބޮޑު ފަތުރުވެރިކަމުގެ އިންޑަސްޓްރީއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތަފާތަކީ ދިވެހީން މިތިބީ އެ އިންޑަސްޓްރީ ބޭރުގެ މަހުޖަނުންނަށް ވިއްކާލައިގެން ކަމެވެ.

ދިވެހި ގިނަ ޓްރެވަލް އެޖެންޓުން މިއަދުވެސް ތިބީ ދުބާއީ ފަދަ ބޭރުގެ މާލީ މަރުކަޒުތަކުގައި ބަނޑަހަ ޖަހައިގެންނެވެ. ފަތުރުވެރިކަމުގެ އާމްދަނީގެ ބޮޑު ބައެއް ރާއްޖެއިން ބޭރުގައި ހުރެ، އެ ބޭރު ފައިސާ ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ވަންނާނެ ހަމަ އެއްވެސް މަގެއް ނެތެވެ.

ފަތުރުވެރިއަކު ރިސޯޓެއްގައި:ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އޮތީ ބޭރުގެ މަހުޖަނުންގެ މުށުތެރޭގައި -- ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް

ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަންނަ ބޭރު ފައިސާ ދިވެހި އިގްތިސާދުގައި ދައުރުވަމުންނެއް ނުދެއެވެ. އެއީ ނޭޝަނަލައިޒް ކުރެވިފައި އޮތް ސިނާއަތެއް ނޫނެވެ. އަޅުގަޑުމެން މިތިބީ ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ގުދުރަތީ މުއްސަނދިކަމާއި ވަސީލަތްތައް ބޭރުގެ މަހުޖަނުންނަށް ލޭންދޭނަށް ދީގެންނެވެ. އެއިން ލިބޭ މަދު މަންފާކޮޅަކުން ބަނޑުފުރާނަ މުއްތި ކޮށްގެންނެވެ.

ނަތީޖާއަކީ ދިވެހިރާއްޖެއަކީ ހަމައެކަނި އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވާން މަޖުބޫރު ވެގެން ދިއުމެވެ. ގާތްގަނޑަކަށް ހުރިހާ އެއްޗެއްހެން ބޭރުން އެތެރެކުރާ ޤައުމަކަށް ދިވެހިރާއްޖެ ވީއެވެ. ޑޮލަރަށް އޮންނަ ޑިމާންޑް އަބަދުވެސް މަތިވެފައި، ރުފިޔާ ބަލިކަށިވާ ކޮންމެ ފަހަރަކު އޭގެ އަސަރު ސީދާ ފިހާރަތަކުގެ ކާބޯތަކެއްޗާއި ތެލުގެ އަގުތަކަށް އެބީދައިން ފޯރަމުންދާތާ އެތައް ޒަމާނެއް ފާއިތުވެގެން ދަނީއެވެ.

ވަގުތާއި ހާލަތުގެ ފިއްތުމާއި ބޭރުގެ ލޮޅުންތައް!

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ ގޯހުން ގޯހަށް ދަތުރުކުރުމުގައި، ވަގުތާއި ހާލަތަށް އަންނަ ބަދަލުތަކުގެ ދައުރު ކުޑަ ނޫންކަމުގައިވެސް ދަންނަވާން ޖެހެއެވެ. ކުރުގޮތަކަށް ދަންނަވަނީ ނަމަ މޫސުމީ (ދުވަސްވަރާއި ގުޅުންހުރި) ބައެއް ކަންކަމެވެ. އެގޮތުން ކޮންމެ އަހަރަކުވެސް، މެއި މަހުން ފެށިގެން ގޮސް އޮގަސްޓް މަހާއި ހަމައަށް ފަތުރުވެރިކަމުގެ ދަށް މޫސުމުގައި ރިސޯޓުތަކުން ވަންނަ ޑޮލަރު މަދުވާއިރު، ހަމަ އެ ދުވަސްވަރު ޙައްޖާއި ޢުމްރާގެ ދަތުރުތަކާއި ސްކޫލު ބަންދު ދިމާވެ، އެއްފަހަރާ އެތައް ދިވެހިންނެއް ބޭރު ފައިސާ ހޯދަން ބާޒާރަށް ނުކުމެއެވެ. ކަންދިމާ ކުރިގޮތުން މި އަހަރު މި ފިއްތުން ކުރިމަތިވީ މެދުއިރުމަތީގެ ހަނގުރާމައިގެ ބޯ ވިލާގަނޑު ބޯމަތިވެގެންދިޔަ ދަނޑިވަޅާ އެކުވެގެންނެވެ. ޔޫރަޕުން ރާއްޖެއަށް އަންނަ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ފަތުރުވެރިކަމަށް ބޮޑެތި ބުރޫތަކެއް އަރައި، އޭގެ އިތުރުން ތެލުގެ އަގު އުފުލިގެން ދިޔަ ދިއުމާއެކު، 2025 ވަނަ އަހަރު ލަފާކުރެވުނު 6.3 އިންސައްތައިން 2026 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން 0.7 އިންސައްތައަށް ވެއްޓޭނެ ކަމަށް ވޯލްޑް ބޭންކުން މިހާރު ވަނީ ލަފާ ކޮށްފައެވެ.

ޕެގާއި ކަޅު ބާޒާރު:

އެމްއެމްއޭއިން ކަނޑައަޅާފައި އޮންނަ ޑޮލަރުގެ ރަސްމީ ރޭޓަކީ ޑޮލަރަކަށް 15.42 ރުފިޔާ ނަމަވެސް، ޑޮލަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ، މާލީ ނިޒާމުގެ ތަބަޢީ އުސޫލުން، އެއަށްވުރެ މާ މަތީގައި ޕެރެލަލް (ކަޅު) ބާޒާރެއް ވަނީ އުފެދިފައެވެ. ކަޅު ބާޒާރުގެ ރޭޓް ރެކޯޑް މިންވަރެއް ކަމަށްވާ ގާތްގަނޑަކަށް 20.75 ރުފިޔާއަށް އަރާފައިވާއިރު، އެ ހާލަތުގައި ބޭންކް އޮފް މޯލްޑިވްސް އިން ޑޮލަރުގެ މުޢާމަލާތްތައް ހަނިކޮށް ކްރެޑިޓް ކާޑުގެ ލިމިޓް ކުޑަކުރުމުން، ގިނަ ބަޔަކަށް ޑޮލަރު ހޯދަން އަތްފުނާ އަޅާން މަޖުބޫރު ވެފައިވަނީ ޑޮލަރުގެ "ކަޅު ބާޒާރު"ގައެވެ.

ދިވެހި ރާއްޖޭގެ އެންމެ ބޮޑު ބޭންކު، އަދި އެތައް ދިވެހި ރައްޔިތުންނެއްގެ ޑިޕޮޒިޓަރީން ވިޔަފާރި ކުރަމުންދާ "ދިވެހީންގެ ބޭންކް"އިން އަޅަމުންދާ މި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ޓިއުޝަން ފީ ދައްކާ ދަރިވަރުންނަށާއި، ބޭރުން ބޭސްފަރުވާ ހޯދާ ބަލިމީހުންނަށާއި، ކުދި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ހާލަތު ގޯސްވެ، އެއް ގޯހަކާއި ގުޅި ލާމެހިގެންދާ އަނެއް ގޯހުން ނަކަލްވަމުން އަންނަ އިގްތިސާދީ ދަތިކަން ނިކަމެތި ރައްޔިތުމީހާގެ ޖީބާއި ހަމައަށް ފޯރީއެވެ. ނިކަމެތިންނާއި މުއްސަނދިންގެ ފަރަގު ބޮޑުވެ، މުޅި ގައުމުގެ އިގްތިސާދު ފުނޑުނީއެވެ.

ސިޔާސަތެއް ނެތް! ހައްލެއް ނެތް!

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ގުޅި ލާމެހިފައިވަނީ، ރިޒާވް ދަށްވުމުގެ އިތުރުން، ފިސްކަލް ޑެފިސިޓް (ލިބޭ އާމްދަނީއަށް ކުރާ ޚަރަދު އިތުރުވުން) އާއި ކަރަންޓް އެކައުންޓުގެ ޑެފިސިޓް (އިމްޕޯޓު އެކްސްޕޯޓުގެ ބެލޭންސް ގެއްލި، ކޮޅުނެތްކޮޅަށް ޑޮލަރު ބޭރުކުރާން މަޖުބޫރުވުން)އާއެވެ. އިމްޕޯޓް ބިލާއި ދަރަނީގެ ޕޭމަންޓްތައް އެއްފަހަރާ ފޫބެއްދޭ ވަރަށް ޤައުމަށް ބޭރު ފައިސާ ނުލިބުމާއި ނުހިފެހެއްޓުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަންނަ މޫސުމީ ހާލަތުތައް، ނުވަތަ ކުރިމަތިވާ ބައިނަލްއަގުވާމީ ލޮޅުންތަކުން ކުރިމަތިވާ ގޮންޖެހުންތައް ދަނީ ހައްތަހާ ބޮޑު ވަމުންނެވެ.

މި ކަންކަމާމެދު ސަރުކާރުން ވިސްނާ ފިކުރު ހިންގާން ބޭނުން ނުވަނީއެވެ. ދަރަނިން ފޫބައްދާ ޚަރަދުތައް ކުޑަކުރުމާއި، އެތެރޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުމާއި، އައު ގޮތްގޮތުން ބޭރު ފައިސާ ހޯދުން ފަދަ ހައްލުތަކާމެދު ވިސްނާ ފިކުރު ކުރުމުގެ ބަދަލުގައި ސަރުކާރު އޮތީ ސުކޫކެއް ދެއްކުނީމަ ރައްޔިތުން ގުނބޯ ހައްދާ، ބެރު ދުންމާރީގައި އަންބާ ކިޔުމުގައެވެ. ސަރުކާރުގެ އޮތް ހަމައެކަނި ސިޔާސަތެއްގެ ގޮތުގައި ފެންނަން އޮތީ ސިޔާސީ ވަޒީފާތައް އިތުރުކޮށް، ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުގެ ޒިންމާ ކުރީ ސަރުކާރުގެ ބޮލަށް ކަނޑާލުމެވެ. ދައުރު ދެބައި ވެގެން ދިޔައިރު، ބޭރުގެ މާލީ އެހީތެރިކަމެއް މިސަރުކާރަކަށް ކަށަވަރު ކުރެވިގެނެއް ނުދިޔައެވެ. ޚާރިޖީ ސިޔާސަތު އޮތީ ބޮޑުތަނުން ފެއިލް ވެފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު: ޑޮލަރުގެ އަގު ދެން ދާނީ ދަށަށްކަމަށް ވިދާޅުވިތާ ދޮޅު އަހަރެއްހާ ދުވަސް ފާއިތުވެއްޖެ، ޑޮލަރުގެ އަގު އަދިވެސް ދަނީ އުފުލެމުން --- ފޮޓޯ/ ރައީސް އޮފީސް

ވިހި ރުފިޔާ 75 ލާރިއަށް ޑޮލަރުގެ އަގު އުފުލި، މުޅި އިގްތިސާދަށާއި އާންމު ރައްޔިތުން އޭގެ ދަތިކަން ތަހައްމަލު ކުރާންޖެހިގެން މިއުޅެނީ ހަގީގަތުގައިވެސް ސިޔާސަތު ފެއިލް ވެގެންނެވެ. މިސަރުކާރު ވެރިކަމަށް އައުމާއެކު، ރައީސް މުއިއްޒު ނިންމެވި ޖަޒުބާތީ ބޮޑެތި ބައެއް ނިންމުންތަކުގެ ނަތީޖާ މިއަދު ގައުމު މިދަނީ ދެކެމުންނެވެ. އަގުބޮޑު ޑްރޯންއާއި އަސްކަރީ މަނަވަރުތަކާއި އަދި އެނޫނަސް، ގައުމީ އުފެއްދުންތެރިކަމާއި ގުޅުން ނެތް ބޮޑެތި ހޭދަތަކަށް ކުރި ބިޔަ ބޮޑު ޚަރަދުތަކުގެ ނަތީޖާއިން ސަރުކާރަށް މިއަދު މި ވަދެވުނީ ކަށިކުނބުރު ޖަންގަޔަކަށެވެ.

އެހެންނަމަވެސް އިގްތިސާދީ މައްސަލަތަކަށް އިގްތިސާދީ ހައްލު ހޯދާ ދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ. މިއީ، ކުރީގެ ސަރުކާރުތަކާއި ކުރީގެ ވެރީންގެ ބޮލަށް ކަނޑާލައިގެން އެއީ ހުއްޖަތެއްކަމަށް ދެކި ދެއަތް އުރާލައިގެން ތިބެވޭ ވަރަށްވުރެ ސީރިއަސް، ބޮޑު މައްސަލައެކެވެ. އެއްވެސް ގައުމެއް ބަނގުރޫޓު ވެގެންދަނީ، އޮންނަ ސަރުކާރަކުން ގައުމު ބަނގުރޫޓު ވެއްޖެކަމަށް އިއުލާން ކޮށްގެނެއް ނޫނެވެ. އަދި ވެރިމީހާ ހަވަރަށް ދޭ ހިސާބުންނެއްވެސް ނުމެ ނޫންމެއެވެ. ގައުމުގެ މިއަދުގެ ހާލަތުން މާސާފުކޮށް އެނގެން އޮތް ހަގީގަތަކީ މިރާއްޖެ މިދަނީ ބަނގުރޫޓު ވަމުންކަމެވެ. ކަނު ބަނދެވިތިބެ ގައުމު މިވަނީ ފުން އަދަވަޅަކާއި ދިމާލަށް ހޭރިޔާ ކޮށްފައެވެ.

comment ކޮމެންޓް