ކުރީ ސަރުކާރުގެ ހިސާބުތައް ދިމާނުވާ މައްސަލަ މުސްތަގުބަލަށް ޓަކައި ވެސް ބަލަންޖެހޭ: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ވިދާޅުވީ ކުރީ ސަރުކާރުގެ ހިސާބުތައް ދިމާނުވާ މައްސަލަ މުސްތަގުބަލަށް ޓަކައި ވެސް ބަލަންޖެހޭ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރި ސަރުކާރުން "ތަނެއް ދޮރެއް ނުބަލައި" ދައުލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނާ ޚިލާފަށް އަމަލުކުރުމަކީ އެއްވެސް ހާލެއްގައި އަޅައިނުލައި ދޫކޮށްލާ ވަރަށްވުރެ މާ ސީރިއަސް މައްސަލައެއް ކަމަށާއި، ގައުމުގެ މުސްތަގުބަލައްޓަކައި ވެސް އެ ކަންކަން ބަލަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންގެ ގޮތުގައި ތިބެ އެ ބޭފުޅުން ދައްކަވަމުން ގެންދެވި އެންމެ ބޮޑު އެއްވާހަކައަކީ ވެސް އެއީ ކަމަށެވެ.

ޝިޔާމް ތުހުމަތު ކުރެއްވީ އެމްޑީޕީ ސަރުކާރުން، މާލިއްޔަތު ގާނޫނާއި އަދި ދައުލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނާ ޚިލާފަށް ތަނެއް ދޮރެއް ނުބަލައި ޚަރަދުކޮށް، އެތައް ގުނައެއް އަގުބޮޑުކޮށް ޕްރޮޖެކްޓުތައް ގާތް އެކުވެރިންނަށްދީ ބޮޑެތި އަދަދުތަކުން ބަދަލުދެމުން ދިޔަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭރު ކޮންމެ އަހަރެއްގެ ސަޕްލިމެންޓްރީ ބަޖެޓު "ބަނޑުދޮށަށްލައިގެން" މަޖިލީހަށް ގެނެސް ފާސްކުރާއިރު އޮންނަނީ މާކުރިން އެ ޚަރަދުކޮށް ނިންމައިފައެވެ.

"ހިސާބުތައް ދިމާނުވާ ވާހަކަ އަޅުގަނޑުމެން ދެއްކީ ނުހަނު ކަންބޮޑުވުމާއިއެކު. މީ އެއްވެސް ހާލެއްގައި އަޅާނުލާ ދޫކޮށްލާވަރަށްވުރެ މާ ސީރިއަސް ކަމެއް. ޤައުމުގެ މުސްތަޤުބަލަށްޓަކައި ވެސް މިކަންކަން ބަލަންޖެހޭ" އެކްސްގައި ޝިޔާމް ލިޔުއްވާފައިވެއެވެ.

ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިދިޔަ ސަރުކާރުން ދެ ބިލިއަނެއްހައި ރުފިޔާ ޚަރަދުކުރި ގޮތުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވާ ކަމަށް ބުނެފައެވެ. އަދި އެ މައްސަލަ ސީރިއަސް ކަމާއެކު ބެލުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ މި އަހަރުގެ ބާކީ މުއްދަތަށް ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި ސަޕްލިމެންޓަރީ ބަޖެޓެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަން ވެސް ހާމަ ކުރައްވައިފައެވެ.

"އަޅުގަނޑުމެންނަށް މިހާރު ފެންނަނީ ރެކޯޑު ކުރުމުގައި ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ރުފިޔާގެ ތަފާތެއް އެބައުޅޭ. އޭގެ މާނައަކީ މި އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ހިމަނައިފި ކަމަށްވަންޏާ މިދިޔަ އަހަރު ފާސްކުރި ބަޖެޓަށް ވުރެ ދެ ބިލިއަން އިތުރުވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

https://www.sun.mv/198094

އެހެން ނަމަވެސް މި ސަރުކާރުން ކުރާ ތުހުމަތުތަކަށް މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީން އިންކާރު ކުރެއެވެ. އެ ގޮތުން މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުވަނީ އެ ތުހުމަތުތަކަށް ރައްދު ވެސް ދެއްވައިފައެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުން ގޯސް ހަދާފައިވާނަމަ، އެ މައްސަލަ ބަލައި ފިޔަވަޅު އެޅޭހާ ދުވަސްވެއްޖެއެވެ.

comment ކޮމެންޓް