ފަލަސްތީނަށް ފައިސާ ދިންތޯ ޔަގީންކުރަން ޚަލީލް މަޖިލީހަށް ހާޒިރުކުރަނީ

ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް: 'ފަލަސްތީނާ އެކު ދިވެހީން' ޓެލެތޯންއިން ލިބުނު ފައިސާ ހަވާލުކުރިތޯ ޔަގީންކުރަން ޚަލީލް މަޖިލީހަށް ހާޒިރުކުރަން ވަނީ ހުށަހަޅައިފައި -- ފޮޓޯ/ ފޮރިން މިނިސްޓްރީ

'ފަލަސްތީނާ އެކު ދިވެހީން' ނަމުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ކުރިއަށް ގެންދިޔަ ޓެލަތޯނަށް ލިބުނު 19 މިލިއަން ރުފިޔާ ފަލަސްތީން ރައްޔިތުންނަށް އެހީވާ ފަންޑާ ހަވާލުކުރިތޯ ޔަގީންކުރަން ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނޯޓިސް ދީފިއެވެ.

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު މީކާއީލް ނަސީމް މިއަދު ހުށަހަޅުއްވާފައިވަނީ، ޓެލެތޯނަށް ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުވާ)އާ ހަވާލުކުރެވިއްޖެތޯ ޚަލީލާ ސުވާލުކުރުމަށެވެ.

އެ ފައިސާ ލިބުނުތާ ހަތަރު މަސް ވެފައިވާއިރު، މިހާތަނަށް ފައިސާ ހަވާލުނުކުރެވިވާ ނަމަ ލަސްވާ ސަބަބު ސާފުކޮށްދިނުމަށާއި އެ ފައިސާ ފަލަސްތީނަށް ރައްދުކޮށްދެވޭނެ ތާރީޚެއް ސާފުކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ފަލަސްތީނާ އެކު ދިވެހީން ޓެލަތޯން ކުރިއަށް ގެންދިޔައީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހެވެ.

މިދިޔަ އޮގަސްޓު މަހުގެ 20ގައި ފޮރިން މިނިސްޓްރީން ވަނީ އެ ފައިސާ ފިނޭންސް މިނިސްޓްރީއާއި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ސީދާ އަންރުއާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ކުރިއަށް ގެންދިޔަ ޓެލަތޯނަށް ބޮޑު ތަރުހީބެއް ލިބުނެވެ.

އެގޮތުން، ސަރުކާރުގެ ހުރިހާ ވުޒާރާތަކުންނާއި ކުންފުނިތަކުގެ އިތުރުން ބައެއް އަމިއްލަ ފަރާތްތަކުން ވެސް ވަނީ ބޮޑެތި އަދަދުތަކުން އެ ޓެލަތޯނަށް ހަދިޔާކޮށްފައެވެ.

ފަލަސްތީނަށް އެހީވާން އުފައްދާފައިވާ އަންރުއާއަކީ އދ.ގެ މަޖިލީހުން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން ވުޖޫދަށް ގެނައި ފަންޑެކެވެ.

comment ކޮމެންޓް