އިނގިރޭސީން ބުނާނީ ''އައި ލަވް ޔޫ'' އެވެ. އެކަމަކު ...!

މިއީ އެންމެ ގާތް މިތުރަކީ ފޯނަށް ވެފައިވާ ޒަމާނެވެ. އެކުވެރިޔާއާ އެކު ކޮފީގައި އިންނަ ގަޑީގައި ވެސް އެކުވެރިޔާއާ ވާހަކައެއް ދައްކައިލުމުގެ ބަދަލުގައި ފޯނަށް ގެއްލި ހުސްވެފައިވާ ޒަމާނެވެ. ގޭ ތެރޭގައި ވެސް ގޭގެ ކަންކަމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ފޯނުގެ އެންމެ ފަހުގެ ސަމާސާ ވީޑިއޯތަކަށް ކަޅި ހުއްޓިފައިވާ ޒަމާނެވެ. އެކަނި ހުރެ ހުނުމާއި ވާހަކަދެއްކުން އެއީ މޮޔައިންކުރާ ކަމެއްކަމަށް ދުށް ޒަމާން ނިމި، ތަރައްޤީއާއި ތަހުޒީބަށް ލޯބިކުރާ މީހުންގެ ސިފައަކީ އެއީ ކަމަށް ދެކޭ ޒަމާނެވެ.

މި ދެންނެވި ޒަމާނުގައި އުޅެމުންދާ އަޅުގަނޑުމެން ކަހަލަ މީހުން ވެސް މިހާރު މި ތިބީ މި ދެންނެވި ތަހުޒީބު މީހުންނަށް ވެފައެވެ. އަޅުގަނޑުގެ އަތުގައި ވެސް ފޯނެއް އޮވެއެވެ. ހަމަ އެންމެ ޒަމާނީ ފޯނެކެވެ. އެހެންވީމާ "ޒަމާން" ދައްކާ ހަޤީޤަތުގައި އަޅުގަނޑު ވެސް އިސްތިސްނާއެއް ނުވާނެތާއެވެ. ހަމަ ރަނގަޅަށް ވެސް އޭގެ ތެރެއަށް ގެނބިފައެވެ. ގެނބިފައި އެކަންޏެއް ނޫނެވެ. ހަމަ ރަނގަޅަށް ވެސް ވަނީ ޣަރަޤުވެފައެވެ.

މިއަދު އެއްޗެއް ލިޔެލެވޭތޯ ބަލައިލާނީ އެ ފަދަ ސަމާސާ ވީޑިއޯކޮޅަކުން ފެނުނު ދެ ތިން ލިޔުންކޮޅާ ބެހޭ ގޮތުންނެވެ. އެ ވީޑިއޯގައި ހިމެނޭ ލިޔުންކޮޅު އޮތީ ދިވެހިބަހަކުން ނޫނެވެ. އިނގިރޭސިބަހުންނެވެ. އެކަމަކު، ފަހަރެއްގައި ދިވެހިބަހަށް އެ ލިޔުންކޮޅު ފުރޮޅައިލަނިކޮށް ދިވެހިބަހަށާއި ދިވެހިބަހަށް ލޯބިކުރާބަޔަކަށް ފައިދާއެއް ކޮށްފާނެކަމަށް ހިތައި އެ މަސައްކަތްކޮށްލަން ހިތަށް އެރީއެވެ. އެއީ ސަމާސާ ލިއުންކޮޅެއް ނޫނެވެ. އަސަރާއި ޖަޒުބާތު އެކުލެވޭ ލިޔުންކޮޅެކެވެ. ހިނިތުންވުމާ ސަކަ ސަމާސާ އަސަރު ހިމެނޭ ލިޔުންކޮޅެއް ނޫނެވެ. އެކަމަކު ތަފާތު އަސަރެކެވެ. ހަމަގައިމު ވެސް އަޅުގަނޑަށް އަސަރު ކުރިއެވެ. ފަހަރެއްގައި ކިޔުންތެރީންނަށް ވެސް އަސަރެއް ކޮށްފާނެއެވެ.

އެ ލިޔުމުގައި އިނގިރޭސި ބަހުން އޮތް ލިޔުންކޮޅު މިނިވަން ޚިޔާލާއެކު، ދިވެހިބަހަށް ބަދަލުކޮށްލީމާ އަޅުގަނޑަށް ނެރެވުނު ނަތީޖާ ތިރީގައި ނަކަލުކޮށްލާނަމެވެ.

"އެބައި މީހުން އިނިގިރޭސިން ބުނެ އުޅެނީ އަހަރެން ކަލާ ދެކެ ވަރަށް ލޯބިވެއެވެ. އެކަމަކު ޅެންވެރި ބަހުރުވައިން އަހަރުމެން ބުނެ އުޅެނީ، އަހަރެންނަކީ ކަލާގެ ނޭވާކަމުގައި ވާނެ ނަމައެވެ. އުފަންވީ ކަލާގެ މެޔަށް ކަމުގައި ވީނަމައެވެ. ކަލާގެ ތުންފަތުގައި އޯގާވެރިކަމާއެކު ފިރުމައިލެވޭނެ ނަމައެވެ. އަހަރުމެންގެ ރޫޙާއެކު، ވައިގެ ތެރޭގައި އިރުކޮޅަކު ހޭދަކުރެވޭނެ ނަމައެވެ."

އާންމު ބަހުރުވައާއި ޅެންވެރި ބަހުރުވައިގެ ހުރި ތަފާތު މި ކުރުކުރު އިބާރާތްކޮޅުން ދޭހަވެއެވެ. ލޯބިވެއޭ އެކަނި ބުނެ ދޫކޮށްލަނީ އެންމެ ތިލަ އިބާރާތުންނެވެ. އެކަމަކު ލޯބިވެރިން ލޯބިވާ ވާހަކަ ޅެންވެރި ބަހުރުވައަށް ބަދަލުވީމާ، އަންނަ ތަފާތު ދެކެބަލާށެވެ. ތިމާއަކީ، އަނެކާގެ ނޭވާއަށް ވެ، އުފަންވާންވީ މެއަށް ކަމަށްވެ، އޯގާވެރި ފިރުމުންތައް ވެސް ތުންފަތާ ހިސާބަށް ވާސިލުވުމަށް ހިތްއެދެވެނީއެވެ. ޖައްވުގެ ތެރޭގައި ދެ ފުރާނައާއި ރޫޙު އެކުގައި ވަގުތު ހޭދަކުރުމަށް ވެސް ހިތް އެދެނީއެވެ. އާނއެކެވެ. ލޯބިވެއޭ އެކަނި ބުނެ ފަރުޖައްސައިލުމަކީ އާންމު ބަހުރުވައެވެ. ދެން އެއީ ޅެންވެރި އަދަބީ ބަހުރުވައެވެ.

ދެވަނަ ލިޔުންކޮޅަށް ވިސްނައިލަމާތޯއެވެ. މި ވެސް ހަމަ އޭގެ އިބާރާތްކޮޅެކެވެ.

"އެބައިމީހުން އިނގިރޭސިން ބުނެ އުޅެނީ ކަލާ ވަރަށް ރީއްޗެވެ. އެކަމަކު ޅެންވެރި ބަހުރުވައިން އަހަރުމެން ބުނެ އުޅެނީ، ކަލާއާ ވީ ފަޅިއަށް އެއްވެސް އިރެއްގައި މާތައް ލެނބިލައިފި ނަމަ، ކަލާގެ ރީތިކަމާއި ފަރިކަމުގެ ވާހަކަތައް އަހަރެން ދައްކާތީ، އެ ވާހަކަތައް މާތައް އަޑުއަހަނީ ކަމުގައި ދެކޭށެވެ."

ޤުދުރަތުގެ ނިޒާމުގެ ތެރެއިން ހިނގާކަމަކާ ގުޅުވައި، ތިމާގެ ލޯބިވެރިޔާގެ ރީތި ވާހަކަ ބުނުމަށް ޓަކައި ޅެންވެރިން ބަސްތައް ގަތައި އުޅޭގޮތް ދެކެބަލާށެވެ. ބަގީޗާގައި މާތައް ފަރިވެއެވެ. ފޮޅެއެވެ. މޯޅިވެދެއެވެ. މިލައިދެއެވެ. ގަސްދަށަށް ވެއްޓި ވެއްޔާ އެކުވެދެއެވެ. ސިލްސިލާކޮށް ހިނގަމުން އަންނަ މި އުސޫލުގެ ތެރެއިން ބަޔަކާ ގުޅުވައި މީހެއްގެ ރީތި ވާހަކަ ސީދާކޮށް ނުބުނެ، އެ ވާހަކަ ލިޔެފައިވާ ގޮތް ދެކެބަލާށެވެ. ހަމަ ޙަޤީޤަތުގައި ވެސް ހިތަށް އަސަރުކުރެއެވެ. ކަލާ ހާދަ ރީއްޗޭ ސާފުކޮށް ސީދާކޮށް ނުބުނެ، ޅެންވެރި އިބާރާތުން ބުނެދެނީ، މާމެލާމެލި ވެސް ކަލާގެ ރީތިކަމުގެ ވާހަކަ އަޑުއަހަން ޝައުޤުވެރިވާ ވާހަކައެވެ.

ކޮންމެ އަކަސް ޢިލްމީ ލިޔުންތަކާއި އަދަބީ ލިޔުންތަކަކީ ތަފާތު ދެ ބާވަތެކެވެ. ޢިލްމީ ލިޔުންތަކުގައި ހުންނާނީ ޢިލްމީ ވާހަކަތަކެވެ. ބުއްދިއާއި ސިކުނޑިއަށް އަސަރުކުރުވާ ވާހަކަތަކެވެ. ފަލަކީ ޢިލްމާއި ޖައްވީ ޢިލްމާއި ކަނޑުފަޅުގެ ޢިލްމާއި ދަނޑުވެރިކަމުގެ ޢިލްމާއި އިންސާނާގެ ހަށިގަނޑާއި އެ ހަށިގަނޑު މަސައްކަތްކުރާ ގޮތުގެ ޢިލްމެވެ. އަދި މި ނޫނަސް މި ފަދަ ޢިލްމުތަކެވެ. މިއިން އެއްވެސް ޢިލްމީ ފޮތެއް ކިޔައިފައި އިންސާނާގެ ހިތަށް އަސަރުކޮށް ރޮއި ހަދާ އުޅޭ ވާހަކައެއް އަޑެއް ނާހަމެވެ. އެ ފޮތުގައި އޮންނަ ލިޔުންކޮޅެއް ނަކަލުކޮށް ނަގައިގެން ހިތުގައި ހަރުލައްވައި ރާގުރާގަށް ކިޔައި އުޅޭ އަޑެއް ނާހަމެވެ. ތިމާ ހިތް އެދޭ މީހަކު ހާސިލުކުރުމަށް ޓަކައި މީސްމީހުންނަށް ލިޔެ ފޮނުވާކަމެއް ނުދެނަ ހުރީމެވެ.

ކަންހުރީ އިސްވެ ދެންނެވި ގޮތަށް ކަމުގައި ވީނަމަވެސް، އެ ފަދަ ޢިލްމުތަކުގައި ހިމެނޭ މައުލޫމާތުތަކާ ގުޅުވައި އަދަބީ އަސަރު އެކުލެވޭ ގޮތަށް އިބާރާތްތަކެއް ގަތައި އަމުނައި ލީމާ ޅެންވެރި ބަހުރުވައަށް ވެދެއެވެ. މާމެލާމެލި ވާހަކަދައްކައި ތަރިތަކުގައި ފުރާނަ އަޅުއްވައި އެ ފުރާނައަށް ގޮތްގޮތް ހަދަން ފެށީމާ ކިޔާ މީހާގެ ހިތަށް އަސަރުކުރުވަން ފަށައެވެ. ހިތަށް ކުރާ އަސަރާއެކު، ތިމާގެ ހިއްސުތަކަށް ބާރުކުރާން ފަށައެވެ. ހިތާމަވެރިކަމުގެ ހިތިކަން ޖަޒުބާތާ ކުޅެން ފަށައެވެ. އެހެންވީމާ، އެ ހިސާބުން އެއީ އަދަބީ އިބާރާތެއް ކަމުގައި ކަނޑައަޅައިދެއެވެ. ވަޒަން އެކުލެވޭ ޅެމުގެ ބައްޓަމަށް ފެއްތީމައި ޅެމަށް ވެދެއެވެ. ތާލުތަކެއް އެކުލެވޭ ގޮތަށް ބަސްތައް ގަތައިލީމާ ވެސް ޅެމަށް ވެދެއެވެ. ދިވެހިން ލިޔެއުޅޭ ނަސްރުގެ އިބާރާތްތަކަކަށް ވާ ގޮތަށް އެކުލަވައިލީމާ، ޅެންވެރި ބަހުރުވައަށް ވެދެއެވެ.

މި ލިޔުން ވިދާޅުވާ ބޭފުޅުން ޅެންވެރި އަދަބީ އިބާރާތްކޮޅެއް އެކުލަވައިލެވޭތޯ ބަލަމާ ހިންގަވާށެވެ. އެ ގޮތުން، އަންނަނިވި އިބާރާތްކޮޅު ޅެންވެރި އަދަބީ އިބާރާތަކަށް ބަދަލުކޮށްލަމާ ހިންގަވާށެވެ. އަދި ތިމާގެ ހިތާ އެންމެ ގާތުގައި ވާ މީހަކާ ހިއްސާކޮށްލަމާ ހިންގަވާށެވެ. "އެ ބައިމީހުން ދިވެހީން ބުނެ އުޅެނީ، ތިޔައީ އަހަރެންގެ ލޯބިވެރިޔާއެވެ. އެކަމަކު ޅެންވެރި އިބާރާތުން އަހަރުމެން ބުނެ އުޅެނީ، ....."

comment ކޮމެންޓް