ތިމާއަށް ފުދޭވަރުވާނީ ކިތައް މީހުން މަރުވީމާތޯއެވެ؟

ޑރ. އަޝްރަފްގެ ބަސް-- ސަން ގްރެފިކްސް

މިއަދު ވާހަކަދައްކައިލާން ބޭނުންވަނީ ވަރަށް އާންމުކޮށް އިވޭ ލަފުޒަކާ ބެހޭ ގޮތުންނެވެ. އެ ލަފުޒުގެ މާނައާއި އެ ލަފުޒު ބޭނުންކުރާ މީހާ އަނެކާއަށް ވިސްނައިދޭން ބޭނުންވި މާނައާ ބެހޭ ގޮތުންނެވެ. އަދި ބަހުގެ ލަފުޒުތައް ޒަމާނުން ސުރެ ބޭނުންކުރެވެމުން އަންނަ ގޮތަށް ވިސްނައިލީމާ ކުރެވޭ މާނައާ ބެހޭ ގޮތުންނެވެ. މި ދެންނެވި ލަފުޒަކީ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ބޭނުންކުރާ އަތްމަތިވެ ފަރިތަވެފައިވާ ލަފުޒެކެވެ. އެކަމަކު އެ ލަފުޒުން ދޭހަކުރެވެނީ ކޮން މާނައެއްކަމާ މެދު އެންމެ އެކަށީގެންވާ ގޮތެއްގައި ވިސްނައިލެވިފައި ނުވާ ލަފުޒެކެވެ. އެއީ "ފުދޭވަރުވުން" މި ލަފުޒެވެ.

މި ލަފުޒުގެ މާނައެއް ކަމުގައި ދިވެހިބަސްފޮތުގައި ލިޔެފައި އޮތް ގޮތް ބަލައިލަމާތޯއެވެ؟ ބަސްފޮތުގައި އޮތީ އަންނަނިވި ގޮތަށެވެ.

ފުދޭވަރުވުން: ހަމަޖެހޭ ވަރަށް ނުވަތަ ބޭނުންވާ ވަރަށް ކަމެއް ފުރިހަމަވުން ނުވަތައެއްޗެއް ލިބުން.

މި ލަފުޒުގެ މާނަ ބަސްފޮތުގައި ބޭނުންކޮށްފައިވާ ގޮތް އިތުރަށް ދެނެގަތުމަށް ޓަކައި އާންމު ހާލަތުގައި ބަސް ބޭނުންކުރެވޭނެ ހާލަތެއް އުފެއްދުމަށް ފަހު ދެ މީހެއްގެ ދެމެދުގައި ދެކެވޭ ވާހަކަކޮޅެއް ޚިޔާލަށް ގެންނަމާތޯއެވެ؟

އަޙުމަދު: ހާދަ އަވަސް ހިނގުމެއްގައި ތިޔަ ދަނީ ކޮންތާކަށް؟

މޫސަ: މިދަނީ ދަނޑަށް.

އަޙުމަދު: އެހެން ދޯ؟ މިފަހަރު ދަނޑުގައި ހައްދައިގެން ތިޔަ އުޅެނީ ކޮން އެއްޗެއްތަ؟

މޫސަ: މި ފަހަރު ހެއްދީ ގިތެޔޮމިރުސް.

އަޙުމަދު: ގިތެޔޮމިރުހޭ؟ ހައްދަން ވަރަށް އުނދަގޫ އެއްޗެއް ދޯ؟

މޫސަ: ފަސޭހައެއް ނޫން. ދުއިސައްތަ ވަރަކަށް ގަސް އިންދައިގެން މި އުޅެނީ.

އަޙުމަދު: ކިހިނެއް ނަތީޖާ؟ އެއްޗެއް ލިބޭތަ؟

މޫސަ: ނަތީޖާ ގޯހެއް ނޫން. ފުދޭވަރަކަށް ރަނގަޅު. އިއްޔެ ވެސް 7 ކިލޯގެ މިރުސް ބިނިން.

އަޙުމަދު: އެހެންވިއްޔާ ބަރާބަރު. ތިޔަ ވަރަށް ލިބޭ ނަމަ ހަމަ ހަގީގަތުގައި ވެސް ފުދޭވަރުވޭ.

.............................

އިސްވެ ދިޔަ ދެކެވޭ ވާހަކަކޮޅަށް ވިސްނައިލީމާ، މާނަކުރުމުގައި އެއްވެސް ދަތިކަމެއް ނެތެއް ނޫންތޯއެވެ؟ ދަނޑުހައްދައިގެން އެއިން ލިބޭ މޫސައަށް ލިބޭ ފައިސާގެ އަދަދު ނުވަތަ ނަތީޖާ ރަނގަޅުކަން ދެނެގަނެވިއްޖެއެވެ. އެ ނަތީޖާއިން އޭނާއަށް ފުދޭކަން ދެނެގަނެވިއްޖެއެވެ. އެހެނީ، ޚަރަދު ކަނޑައިފައި ފައިދާ ވެސް ވާކަން ދެނެގަނެވިއްޖެއެވެ. އޭނާއަށް ފުދުމަކީ، ކުރި ޚަރަދުލިބިފައި އެއިން ކޮންމެވެސް މިންވަރެއް އޭނާއަށް ފައިދާ ވެސް ވުމެވެ. އެކަން އޭނާ ދިން ޖަވާބުން ވަރަށް ސާފެވެ. ފުދޭވަރަކަށް ރަނގަޅު ވުމަކީ، އޭނާއަށް ލިބުނު އެއްޗަކުން ފުދުނު ވާހަކައެވެ. އެހެންވީމާ، މި ދެކެވޭ ވާހަކަކޮޅުގައި އެ ލަފުޒު ބޭނުންކުރެވުނު ހާލަތާއި ބޭނުންކުރި ގޮތް ދިވެހިބަސްފޮތުގައި ބުނެދީފައި އޮތް މާނައާ އެއްވެސް ފުށުއެރުމެއް ނެތި ބަރާބަރަށް ދިމާވެއެވެ.

ލަފުޒުގެ މާނަ އިތުރަށް ދެނެގަތުމަށް ޓަކައި އަންނަނިވި ދެކެވޭ ވާހަކަކޮޅު ވިދާޅުވާށެވެ. މި ފަހަރު އަޙުމަދާއި މޫސައެއް ނޫނެވެ. އެހެނަސް މޫސައާއި ހަސަންޓޭއެވެ. ވަރަށް ވިއްސާރަ ދުވަހެކެވެ. ވައިވެސް ގަދައެވެ. މާލެ ދަތުރުކުރާ ނަލަ ބޯޓު މާލެއިން އައިސް ރަށަށް ލެފި ވަގުތެވެ. ހަސަންޓޭ ހުރީ ތޮށިމަތީގައެވެ.

މޫސަ: އަސްތާ ހަސަންޓޭ. ހާދަ ވަރެއް ވެފައޭ ތިޔަހުރީ.

ހަސަންޓޭ: ހޫނ! ހޫނ! (އިތުރަށް އެއްޗެކޭ ނުބުނެއެވެ.)

މޫސަ: ކޮބާ ދަތުރު ކިހިނެއްތަ؟ ކަނޑު ގަދަތަ؟

ހަސަންޓޭ: ފުދޭވަރަކަށް ގަދަ. ބަރަވެލި ކަނޑުގައި ރާޅު ވެސް ފުދޭވަރަކަށް ހުރި. ހަމަ ފުދޭވަރަކަށް ބިރުވެރި.

މޫސަ: އެހެންތަ؟ ހަސަންޓޭއަށް ފުދޭވަރުވީ ތާ؟ (މިހެން ބުނެ އެހެން ދިމާއަކަށް މޫސަ އެނބުރިލައިފިއެވެ.)

..................................

ކުރިން ކިޔައިލި ދެކެވޭ ވާހަކަކޮޅުގައި "ފުދޭވަރު" ވީމާ މައްސަލައަކަށް ނުވިއެވެ. މާނަ ވެސް އޮޅުން އަރާ ގޮތެއް ނުވިއެވެ. އެހެނަސް މި ފަހަރު ވަނީ އެހެންތޯއެވެ؟ އެހެނެއް ނުވޭ ނޫންތޯއެވެ. މޫސަގެ އެންމެ ފަހު ޖަވާބުގައި ވެސް މަލާމާތުގެ ގޮތެއް އެބަހުރި ނޫންތޯއެވެ؟ ހަސަންޓޭއަށް ފުދިގެން މި އުޅެނީ ކޮންކަމެއްތޯއެވެ. ހަސަންޓޭއަށް އެންމެ ފުރަތަމަ ފުދުނީ ކަނޑުގަދަވި ގަދަވުމެވެ. ދެން އޭނާއަށް ފުދުނީ، ކަނޑުގައި ރާޅު ހުރުމުންނެވެ. އޭގެ ފަހުގައި އޭނާއަށް ފުދިގެން މި އުޅެނީ، ދަތުރު ބިރުވެރިވުމެވެ. އެހެންވީމާ ހަސަންޓޭއަށް ކަނޑު ގަދަވުމަކީ މައްސަލައެއް ނޫނެވެ. ރާޅު ހުރުމަކީ ވެސް މައްސަލައެއް ނޫނެވެ. ބިރުވެރިވުމަކީ ވެސް މައްސަލައެއް ނޫނެވެ. އޭނާ އެދެނީ ވެސް ކަނޑު ގަދަވާށެވެ. ކަނޑު ގަދަވާންވީ އޭނާއަށް ބޭނުންވާވަރަށެވެ. އޭނާއަށް ކަމުދަނީ ބަރަވެލި ކަނޑުގައި ރާޅު ވެސް ހުރީމައެވެ. އަދި އެ ދަތުރުގައި އޭނާއަށް ބޭނުންވާ ވަރަށް ކަނޑުގައި ރާޅުވެސް ހުއްޓެވެ. އަދި ހަސަންޓޭއަށް އެންމެ ބޭނުންވަނީ ދަތުރު ބިރުވެރިވެސް ވުމެވެ. އޭނާއަށް ފުދޭވަރަށް ބިރުވެރިވެސް ވިއެވެ. އެހެންނޫންތޯއެވެ؟

އިސްވެ ދެންނެވި ކަންކަމަކީ އިންސާނީ ތަބީއަތާ ފުށުއަރާ ކަންކަމެއް ނޫންތޯއެވެ؟ ބިރުވެރިވުމާއި ކަނޑު ދަތުރުކުރާ އިރު، ކަނޑުގައި ނުރައްކާތެރި ރާޅު ހުރުމަކީ ބޭނުންވާ ކަންކަމެއް ނޫނެވެ. އެކަމަކު ދެކެވޭ ވާހަކައިގައި "ފުދޭވަރަކަށް" ބޭނުންކުރެވިފައިވާ ގޮތުން ބަސްފޮތުގައި އޮތް މާނައިގެ އިތުރަށް އަމިއްލަ ޒަމީރާއި ނަފުސު ވެސް އެކަމަށް ބޯލަބާކަށް ބޭނުމެއް ނުވެއެވެ.

މިހާރަކަށް އައިސް "ފުދޭވަރަކަށް" މި ލަފުޒު ވަރަށް އާންމުކޮށް ބޭނުންކުރާ އަޑު އިވެއެވެ. ވާހަކަދެއްކުމުގައްޔާއި ލިޔުންތަކުގައި ވެސް ބޭނުންކުރެއެވެ. ޓީވީތަކުން ޚަބަރު ކިޔާއިރުވެސް މި އިބާރާތްކޮޅު އަޑު އިވޭ ވަރު މަދެއް ނޫނެވެ. ބޭނުންކުރާ އަޑު އިވޭ، އެހެނަސް ބޭނުންކުރުން މުނާސަބު ނޫން ތަންތާނގައި ބޭނުންކޮށްފައިވާ ބައެއް މިސާލުތައް ނަކަލުކޮށްލާނަމެވެ. އިތުރަށް ދެނެގަތުމަށް ޓަކައެވެ.

ހ. އިޒުރޭލުން ރޭގައި ޣާޒާއަށް ދިން ހަމަލާގައި ފުދޭވަރަކަށް ކުޑަކުދީން ޝަހީދުވިއެވެ.

ށ. މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ގޭގެ ވެރިފަރާތަށް ފުދޭވަރަކަށް ގެއްލުންވިއެވެ.

ނ. ބޯޓު ބަންޑުންޖަހާލި ހާދިސާގައި މިލަންދޫ ރައްޔިތުންގެ މުދަލަށް ފުދޭވަރަކަށް ގެއްލުންވިއެވެ.

ރ. ދޯނީގައި ހިފި އަލިފާންގަނޑުގެ ސަބަބުން ދޯނީގައި ހުރި ފަޅުވެރިޔާގެ ހަށިގަނޑު ވަނީ ފުދޭވަރަކަށް ފިހިފައެވެ.

އިސްވެ ބަޔާންކޮށްފައިވާ ހަތަރު ޖުމުލައިގައި "ފުދޭވަރަކަށް" ބޭނުންކޮށްފައިވަނީ އެންމެ ރަނގަޅަށް ތޯ ދެނެގަތުމަށް ޓަކައި ބަސްފޮތުގައި އެ ލަފުޒުގެ މާނަ އޮޅުން ފިލުވައިދިނުމަށް ލިޔެފައިވާ އިބާރާތުގެ މާނައަށް ވިސްނައި އެ ޖުމުލަތައް ބަދަލުކޮށްލަމާތޯއެވެ!

ހ. އިޒުރޭލުން ރޭގައި ޣާޒާއަށް ދިން ހަމަލާގައި ބޭނުންވާ ވަރަށް ކުޑަކުދީން ޝަހީދުވިއެވެ.

ށ. މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ގޭގެ ވެރިފަރާތަށް ބޭނުންވާ ވަރަށް ގެއްލުންވިއެވެ.

ނ. ބޯޓު ބަންޑުންޖަހާލި ހާދިސާގައި މިލަންދޫ ރައްޔިތުންގެ މުދަލަށް ބޭނުންވާ ވަރަށް ގެއްލުންވިއެވެ.

ރ. ދޯނީގައި ހިފި އަލިފާންގަނޑުގެ ސަބަބުން ދޯނީގައި ހުރި ފަޅުވެރިޔާގެ ހަށިގަނޑު ވަނީ ބޭނުންވާ ވަރަށް ފިހިފައެވެ.

ޔާރައްބީ ޔާ ރަސްކަލާކޯއެވެ. ހަމަ ޔަގީނުން ވެސް އިސްވެ ބަޔާންކުރި ހަތަރު ޖުމުލައިގައި ބުނެވިފައި އެ ވަނީ ބުނަން ބޭނުންވި ވާހަކައެއް ނޫނެވެ. އަދި އަނެކާއަށް ވިސްނައިދޭން ބޭނުންވި މާނައެއް ވެސް އެ ޖުމުލަތަކަކުން ވިސްނައެއް ނުދެވެއެވެ. އެއްވެސް މުސްލިމަކު ޣާޒާގެ ކުޑަކުދީން މަރާކަށް ބޭނުމެއް ނުވާނެއެވެ. އަލިފާނުގެ ހާދިސާގައި ގޭގެ ވެރިފަރާތުގެ މުދަލަށް ގެއްލުންވާކަށް ބޭނުމެއް ނުވާނެއެވެ. ބޯޓެއް ބަންޑުންޖަހައިލައިގެން ރަށެއްގެ ރައްޔިތުންގެ މުދަލަށް ގެއްލުންވާކަށް ވެސް ބޭނުމެއް ނުވާނެއެވެ. އަދި އަމުދުން، ދޯންޏެއްގައި އަލިފާން ރޯވެ، އެ ދޯނީގެ ފަޅުވެރިއެއްގެ ހަށިގަނޑުން ބައެއް ފިހޭކަށް ވެސް ބޭނުމެއް ނުވާނެއެވެ. އެކަމަކު، ކަންވީ އެހެނެއް ނޫނެއް ނޫންތޯއެވެ؟

މި ވާހަކަތަކުން ވިސްނުނު އެއްޗަކީ، "ފުދޭވަރަށް" މި ލަފުޒު ބޭނުންކުރުމަކީ އެއްވެސް މައްސަލައެއް ނޫންކަމެވެ. އެކަމަކު މައްސަލައަކަށް ނުވާނީ، އިންސާނީ ތަބީއަތުގައި އިންސާނާއަށް ބޭނުންވާ ކަންކަމާ ގުޅުވައި އެ ލަފުޒު ބޭނުންކުރީމާކަމެވެ. އިންސާނީ ތަބީއަތް ގަބޫލުނުކުރާ، އިންސާނަކު އަމިއްލަ ނަފުސަށް ނޭދޭކަންކަމާ ގުޅުވައި "ފުދޭވަރަށް" ނުވަތަ "ފުދޭވަރަކަށް" ބޭނުންކުރުން އެންމެ ރަނގަޅު ނޫންކަމެވެ. އެހެންވީމާ، އެއްވެސް މީހަކު ތިމާއަށް ފުދޭވަރަށް މީހުންނާއި ކުޑަކުދީންނުމަރަމާތޯއެވެ؟ ފުދޭވަރަކަށް އަލިފާން ރޯކޮށް މީހުންގެ ހަށިގަނޑުން ބައިތަކެއް ފިއްސާނުލަމާތޯއެވެ؟ އުއްމީދުކުރަނީ އަޅުގަނޑުގެ މި ވާހަކައަށް ތާއީދުކުރައްވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް