ކުޑަތިލައަށް ކުރި މަސްދަތުރުން ލިބުނު ފިލާވަޅު

ޑރ. އަޝްރަފްގެ ބަސް-- ސަން ގްރެފިކްސް

ނިމި ދިޔަ ހަފުތާ ބަންދުގައި ޒާތެއްގެ ނުރަސްމީ ދަތުރެއްގައި އަޅުގަނޑުގެ އުފަން ރަށަށް ދިއުމުގެ ނަސީބު ލިބުނެވެ. އެކަންވީ، މާލޭގެ އުސް އިމާރާތްތަކާއި މަގުތަކުގައި ތޮއްޖެހިފައިވާ އުޅަނދުތަކުގެ އަޑުފައްގަނޑުގެ ތެރެއިން ނުކުމެ ހިމޭން މާހައުލެއްގައި ދެ ދުވަހެއް ވޭތުކޮށްލުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. މައިމަގުތަކުގެ ދެ ފަރާތުގެ ފާރުތަކުގެ މަތީން ފެންނާންހުރި މާ އަޅާ ބަރާވެފައިވާ ބޯގަންވިލާ ގަސްތަކާއި ބަގީޗާގަސްތަކުން ޒީނަތްތެރިވެފައިވާ ކުޑަފަރީއަކީ މިހާރު އިހުގެ ކުޑަފަރީއެއް ނޫނެވެ. ރަށުގެ އިރުމަތީ ފަރާތުގައި ހަދާފައިވާ ބަނދަރު ހިމެނޭ ސަރަހައްދުން ފެންނަނީ ކުރީން ފެނުނު ކޮށިމަގާއި މިސްކިތްމަގެއް ނޫނެވެ. އިރުވައި މޫސުމުގައި ރަށުގެ ރައްޔިތުން ވައިޖައްސައިލާން ނުކުމެ ތިބި ހޮޅުއަށިތަކެއް މިހާރު އެތާކު ނެތެވެ. ހެޔޮވަރު އިސްކޮޅަކަށް ދެމިލައިފައިވާ ރުއްތަކެއް ވެސް މިހާރަކު ނެތެވެ. އޮޑިދޯނިފަހަރު އެހެލައިފައި ހުންނަ ހަރުގެތަކެއް ވެސް މިހާރަކު ނެތެވެ.

ކުޑަފަރީ ގެއެއްގެ ފާރުމަތީން އެ ފެންނަނީ، ކަނީރުމަލާއި ބޯގަންވިލާމާ އަޅައިފައިވާ ގަސްތައް

އިރުމަތީ ބަނދަރުން ފެނުނީ އެންމެ ޒަމާނީ ލޯންޗުތަކާއި ޑިންގީތަކާއި އޮޑިދޯނިފަހަރެވެ. ހަވީރު ފިންޏަށް އިށީނދެވޭ ގޮތަށް ސިމެންތިން ހަދައިފައިވާ "ބެންޗު"ތަކެވެ. މަސްމާރުކޭޓުގައި ވެސް ހުރީ، ކޮޅަށް ހުރެ މަސްކަނޑާލެވޭ ގޮތަށް ހުރި އެސްއެސް އިން ހަދައިފައިވާ މަސްކަޑާ އަށްޓެކެވެ. ކުޑަފަރީ އަތިރިމަތި އިހު އޮތްގޮތަށް ބޭއްވުމަށް ވަކާލާތުކުރާ މީހުން މަދެއްނުވާނެއެވެ. އަދި ޒަމާނާ އެއްގޮތަށް މި ރަށް ވެސް ތަރައްގީވާން ޖެހޭނެކަމަށް ބުނާ މީހުން އެއަށްވުރެ ގިނަވާނެއެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި މިހާރު މިއީ ކުރެވޭ ބަހުސެކެވެ. އެ ބަހުސަށް ދާކަށް ނެތީމެވެ. އެ ބަހުސް އެވެރީންނަށް ބާއްވަމާތޯއެވެ؟ ސުރުޚީގައި އޮތް ވާހަކައަށް މިސްރާބު ބަދަލުކޮށްލާނަމެވެ.

ރަށުގައި ހޭދަވި ދެ ދުވަހު ވެސް ހަވީރު ފަހެއް ޖަހައިލީމާ ފުރައިގެން ދިޔައީ މަސްވެރިކަމަށެވެ. ރޭގަނޑު ފައްތާށެވެ. ރަތްމަހެއް އަތުޖެހޭތޯއެވެ. އެކުވެރި ފާރޫގުގެ ދޯނީގައެވެ. ފައިބަރު ޖަހައިފައިވާ ކުޑަކުޑަ ދޯންޏެކެވެ. ދޯނީގައި އަޅައިފައި ހުރީ އެއް ފިސްޓަނުގެ ކުޑަކުޑަ އިންޖީނެކެވެ. ހަތަރު ފަސްމީހުންނަށް މި ކަހަލަ މަސްވެރިކަމަކަށް ހަމަ ވަރަށް ފުރިހަމައެވެ. ޒަމާނީ ބަހުރުވައިން ނަމަ ހަމަ "މަރެއް" ފަދަ ދޯންޏެކެވެ.

ވައި މަޑު ކަނޑު ވެސް މަޑު، އޮމާން ދުވަހެކެވެ. އަތޮޅު ބަހުރުވައިން ނަމަ ކަނޑުގައި އޮތީ ތޭލާން ލައިފައެވެ. ދޯނީގައި އިން އެހެން ރައްޓެއްސަކު ބުނީ ކަނޑުގައި މި އޮތީ ތަށިމުށި ޖަހައިފައިކަމަށެވެ. ކުޑަފަރީ ކައިރީގައި އޮންނަ ވައްޓަރުގެ ހުޅަނގުން އޮންނަ ކުޑަތިލައަށް ދިއުމަށް ފާރޫގު ނިންމީ އެ ތަނުން މަސްގަންނާނެކަމުގެ ކަށަވަރުކަމާއެކުއެވެ. އޭރު އަޅުގަނޑުމެން ތިބީ އެ ހިސާބަށް ވީ އެންމެ އަވަހަކަށް ދިއުމަށް ކެތްމަދުވެފައެވެ. ދޯނި ދުވަނީ އޭގެ ހަމަ އެންމެ ނަލަ ދުވެލީގައެވެ. މަޑުމަޑުން ދޯނީގެ ދެ ފަރާތު ބަނޑުފިލާދަށުން ރާޅު އުފެދޭހެން ހީވެއެވެ. އެއް ފިސްޓަނުގެ ޔަމަހާ އިންޖީނަކަށް ދުވެވޭ ހަމަ އެންމެ ބާރު މިނުގައި ދޯނި އޮވެ ދުވެނަގައެވެ. އެކަމަކު މަސްބާނާ ހިތުން ކެތްމަދުވެފައިވާ އަޅުގަނޑުމެންނަށް ދޯނި ދުވާހެން ވެސް ހީނުވެއެވެ. ވާނީ ވެސް އެހެން ނޫންތޯއެވެ. އަޅުގަނޑުމެން އާދަވެފައި މި ތިބީ، ދުވެލީގެ ބާރުމިން ސަތޭކައަށް އަރުވައިލެވޭ ޒަމާނީ ސައިކަލުތަކުގައި ކޮޅުކޮޅަށް ދުއްވާށެވެ. ވައްޓަރުގެ އަތިރިމަތީ ދޮންވެލިގަނޑު އެ ވަރަށް ފެންނަ އޮންނަތާ އެތައް އިރެއް ވީ އިރުވެސް ވައްޓަރު ކައިރިއަކަށް ނުދެވެއެވެ.

ފާރޫގު ހަމަޖެހިލައިފައި ހުއްޓެވެ. އިރުކޮޅަކުން އެސްލޯނު ހޮޅީން ހަދައިފައިވާ އަތު ޕަންޕުން ދިޔަ ހިއްކައިލައިފިއެވެ.

"ކޮބާ ކުޑަކޮށް އަނގަ މީރުކޮށްލަން ދުފާލަމާ ހިނގާ!

މިހެން ބުނެ އިންޖީނު ފޮށިގަނޑު މަތީ ހުރި ކުޑަކުޑަ ބާލިދީއެއް ކަހަލަ އެއްޗެއް ކައިރިއަށް ގެނެސް މަތި ނަގައިފިއެވެ.

"އާދޭ އާދޭ! އެންމެން އާދޭ!، ދުފާލެވެން ވާއިރަށް ތިލައަށް ދެވޭނެއޭ. އާދޭ!"

ފާރޫޤު އެންމެންނަށް ގޮވައިލީ ވަރަށް އޯގާތެރިކަމާއެކުއެވެ. މަސްބާނާތަނަށް ނުދެވިގެން ލަސްވެފައިވާ ކަމުގެ އެއްވެސް އިހުސާސެއް ފާރުޤުގެ ފަރާތަކުން ނުފެނެއެވެ.

"ކިހައި އިރަކުންތަ އެ ތަނަށް ދެވޭނީ؟" އަޅުގަނޑު އަނގަ ގަދަ މީހާ ސުވާލުކޮށްފީމެވެ.

"މި ދަނީއެއްނު؟ މާ ގިނަ އިރެއް ނުވާނެ!"

ސާޅީހަކަށް މިނެޓު ވީ އިރުވެސް ދޯނި އެ ތިލައަކަށް ނުފޯރިއެވެ. ހަމަ އެ ދުވެލީގައި "ޗަކް ޗަކް" އަޑާއެކު ދޯނި ހިތްވަރު ކުރެއެވެ. ޔަގީނުން ވެސް ދުވަނީ ކުރިއަށެވެ.

އަޅުގަނޑަކަށް ކެތެއް ނުވިއެވެ. އަނެއްކާ ވެސް ފާރޫޤާ ސުވާލުކޮށްލައިފީމެވެ.

"މި އޮޑި މިއަށް ވުރެ ބާރަކަށް ނުދުވާނެތަ؟"

އަޅުގަނޑާ ދިމާއަށް ފާރޫޤު ބަލައިލިއެވެ. ފާރޫޤު ހިތަށް އަރާނެއެވެ. މިއީ ހާދަހާ ކެތްތެރިކަމެއް ވެސް ނެތް އިންސާނެއްތާއެވެ؟ ނޫނެކެވެ. އެކަހަލަ އެއްޗެއް ހިތަށް އަރާވަރަށް ވުރެ އޭނާއާ އަޅުގަނޑާ އޮންނަ ގުޅުން ބޮޑެވެ. ވަރަށް ގާތެވެ. ވަރަށް އެކުވެރިއެވެ. އަދި އެހާމެ ހިތްހެވެ.

ދޯނީގެ އިންޖީނު ފޮށިގަނޑުމަތީ ދުފުންގަނޑު ހެޔޮވަރުކުރަން އިނދެފައި އަޅުގަނޑަށް ގޮވައިލައިފައި ކައިރިއަށް އައުމަށް އަތުން އިޝާރާތްކޮށްލިއެވެ. އަޅުގަނޑު ވެސް މަޑުމަޑުން އައިސް ކައިރީގައި އިށީނީމެވެ. ދެން ފާރޫޤު މުޚާޠަބުކުރީ އަޅުގަނޑަށެވެ.

"ތިމަންނަމެން ކަނޑޫމާ ރިސޯޓުގައި އުޅުނު އިރު، އެ ރިސޯޓުގެ އެއް ވެރިއަކު ބުނި ވާހަކައެއް ބުނަންތަ؟"

"ހޫނ! ބުނެބަލަ!"

އޭނާ ބުނީ؛ "ބާރަށް ދުއްވުމުގެ ބޭނުމުގައި ބަރަވެއްޔެއްގައި ނުކޮށްޓާށެވެ!"

އަޅުގަނޑު އަނގައިން ވެސް ނުބެނެ އިނދެ ފާރޫޤު އެ ބުނި ވާހަކައާމެދު ވިސްނައިލީމެވެ. އެ ބުނުމުގައި ހުރި ދިވެހި ވެށީގެ ގުޅުން ހިތަށް ގެނައުމަށް މަސައްކަތްކޮށްލީމެވެ. ބަރަވެއްޔަކީ ދިވެހި ވެށްޓާ ނުލާހިކު ރައްޓެހި އެއްޗެކެވެ. މަޑުމަޑުން ފިރުކިފައި ކުރިއަށް ދާ އެއްޗެކެވެ. އޭތީގެ އެންމެ ބާރު ދުވެލީގައި ކުރިއަށް ދިޔައަސް، އަޅުގަނޑުމެންނަށް ހީވާނީ ވަރަށް މަޑުން ދުވާހެންނެވެ. އެކަމަކު އޭގައި ކެރިކުޅަދާނަކަން ހުރި މިންވަރުން އޭތި އެ ދުވަނީއެވެ. ހަމަ ކުރިއަށެވެ. ދެވޭހާ ބާރަށެވެ. އެކަމަކު އެއަށް ވުރެ ބާރަށް އެ ބަރަވެލި ދުއްވުމުގެ ނިޔަތުގައި އޭގައި ކޮށްޓައިލީމާ ވާނީ ކިހިނެއްކަމާ މެދު ވެސް ވިސްނައިލީމެވެ. ދިވެހި ވެށީގައި އުޅޭ ބަރަވެލީގެ ހަރަކާތްތައް ދެކެފަރިތަ ކޮންމެ ދިވެއްސަކަށް ވެސް އެއަށް ވާ ގޮތް އެނގޭނެއެވެ. ބަރަވެލި އޭގެ ތޮށިގަނޑު ތެރެއަށް ވަދެ ފޮރުވޭނެއެވެ. އަދި ވަނުމާއެކު އޭގެ ދުވެލި އެއްކޮށް ހުއްޓި މަޑުޖެހޭނެއެވެ.

އެހެންވީމާ އަޅުގަނޑު ކިތަންމެ ވަރަކަށް ފާރޫޤުގެ އޮޑީގެ އިންޖީނުގެ ދުވެލި މަޑުވެގެން އެ ވާހަކަދެއްކިއަސް އޭގެ އިންޖީނާ ކުޅުން ބުއްދިވެރި ނޫންކަން އެނގިއްޖެއެވެ. އިންޖީނު ހުއްޓުމުގެ ބިރު ވެސް އެބައޮތެވެ. އަދި އެއަށް ވުރެ ބިރު ބޮޑީ އެއްގޮތަކަށް ވެސް އެ ނުދުވެދާނެތީއެވެ.

މި ބުނުމުގައި އެ ބުނާ ބަރަވެއްޔަކީ ފާރޫޤުގެ އޮޑިއެވެ. އެ އޮޑީގެ ދުވެލި ހުންނާނެ ވަރާއި އިންޖީނުގެ ހާލަތާއި އެއާ ކުޅެފި ނަމަ ވާނެގޮތް އަޅުގަނޑަށް ވެސް އަންގައިލަދިނީއެވެ. އެ ދުވެލީގައި ކުޑަތިލައަށް ގޮސް ހަމަ ރަނގަޅު މަސްވެރިކަމެއް ކުރީމެވެ. ވަދުހައްލައިގެން ހެޔޮވަރުގެ ގިއުޅު ބޭނީމެވެ. ވަރަށް ފޯރީގައި ވިއްސަކަށް ގިއުޅު ދޯނިތެރެއަށް އެތެރެކޮށްލީމެވެ.

ފާރޫޤާއެކު ފާރޫޤުގެ ދޯނީގައި ކުޑަތިލައިން ގިއުޅު ބޭނުމުގެ ފޯރީގައި

އިންސާނުންތެރޭގައި ވެސް އެ ފަދަ "ބަރަވެލި" އުޅެފާނެކަން އަޅުގަނޑުމެން ދަންނާންވާނެ ދެއްތޯއެވެ؟ ބާރަށް ދުވާނެކަމަށް ހީކޮށް ބަރަވެއްޔަކާ ނުކުޅުމަށް އަމިއްލަ ނަފުސަށް ވިސްނައިދެމުން މި ފަހަރުގެ ލިޔުން ނިންމާލަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް