ގްރީން ޓެކްސް ދެ ގުނަކޮށް، އެއާޕޯޓް ޓެކްސް ބޮޑުކުރާ ބިލުތައް މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ގްރީން ޓެކްސް ދެ ގުނަކޮށް، އެއާޕޯޓް ޓެކްސް ބޮޑުކުރާ 2 ބިލު މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި -- ފޮޓޯ/ މަޖިލިސް

ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ދެ ގުނަކޮށް، އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުތައް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ބަލައިގެންފައި ވަނީ 58 މެންބަރުންގެ ވޯޓާއެކުއެވެ. މި އިސްލާހު ބަލައިގަތުމާ ދެކޮޅަށް 10 މެންބަރަކު ވޯޓު ދެއްވިއެވެ.

ދިވެހިރާއްޖޭގެ އެއާޕޯޓްތަކުން ދިވެހި ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފައި ވަނީ 58 މެންބަރުންގެ ވޯޓާއެކުއެވެ. މި އިސްލާހު ބަލައިގަތުމާ ދެކޮޅަށް 10 މެންބަރަކު ވޯޓު ދެއްވިއެވެ.

މި ދެ ބިލު ވެސް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ދިރާސާކުރަން ވަނީ ފޮނުވާފައެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް -- ފޮޓޯ/ މަޖިލިސް

ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި އިސްލާހުގައިވަނީ:

  • ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 12 ޑޮލަރު ނެގުމަށް.
  • ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ތިން ޑޮލަރު ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން ހަ ޑޮލަރު ނެގުމަށް.

މި ބަދަލާ އެކު އަންނަ އަހަރު އެ ޓެކްސްގެ ގޮތުގައި ދައުލަތަށް 963.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ދެން އިސްލާހު ހުށަހަޅާފައިވަނީ ދިވެހި ރާއްޖޭގެ އެއާޕޯޓްތަކުން ދިވެހި ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށެވެ. ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ހުށަހެޅި އެ އިސްލާހުގައިވަނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ޑިޕާޗާ ޓެކްސް ބޮޑުކުރުމަށެވެ. އެގޮތުން:

  • އިކޮނޮމީ ކުލާހުން ފުރާ ދިވެހިން އަތުން ޓެކްސްގެ ގޮތުގައި 12 ޑޮލަރު ނަގާއިރު އާ އިސްލާހުގައި އެ އަދަދު ބޮޑު ކުރަން ހުށަހަޅާފައެއް ނެތް.
  • އިކޮނޮމީ ކުލާހުން ފުރާ ބިދޭސީންގެ އަތުން މިހާރު ނަގާ 30 ޑޮލަރުގެ ބަދަލުގައި ދެން 50 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅައިފައި.
  • ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރުގެ ޓެކްސްއެއް ނަގާއިރު އިސްލާހުގައި ވަނީ 120 ޑޮލަރު ނެގުމަށް ހުށަހަޅައިފައި.
  • ފަސްޓް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު މިހާރު ނަގާއިރު އިސްލާހުގައި 240 ޑޮލަރު ނަގަން ވަނީ ހުށަހަޅައިފައި.
  • ޕްރައިވެޓް ޖެޓްގައި ފުރާ މީހުންގެ އަތުން މިހާރު 120 ޑޮލަރު މިހާރު ނަގާއިރު އިސްލާހުގައި ވަނީ 480 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅާފައި.

މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް ބޮޑުކުރަން ވަނީ ހުށަހަޅައިފައެވެ. އެ ފީ ވެސް ބޮޑުކުރަން ނިންމާފައިވަނީ ޑިޕާޗާ ޓެކްސް ބޮޑުކުރި ރޭޓުންނެވެ.

މީގެ އިތުރުން އިއްޔެ ވަނީ ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބަލައިގެންފައެވެ. އެ އިސްލާހު މަޖިލީހުން ބަލައިގެންފައި ވަނީ 52 މެންބަރުންގެ ވޯޓާއެކުއެވެ. އެ އިސްލާހު ބަލައިގަތުމާ ދެކޮޅަށް ހަތް މެންބަރަކު ވޯޓު ދެއްވިއެވެ.

އެ އިސްލާހުގައި ބުނެފައިވަނީ ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ.

ޓެކްސްގެ ތިން ބިލު ވެސް މިހާރު ބަލައިގެންފައި ވާއިރު، އިދިކޮޅު އެމްޑީޕީން މި ބިލުތަކާ ދެކޮޅެވެ. އެ މެންބަރުން ބުނާ ގޮތުގައި މީގެ ސަބަބުން ރައްޔިތުންނަށާއި ފަތުރުވެރިކަމަށް ގެއްލުންވާނެއެވެ.

ސަރުކާރުން އެ ބަދަލު މި ގެންނަނީ ދަރަނި މެނޭޖުކުރަން ރާއްޖެއަށް ދަތިތަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ވޯލްޑް ބޭންކުން މިދިޔަ ހަފުތާގެ ތެރޭގައި ވެސް ވަނީ ރާއްޖޭން އިސްލާހީ ފިޔަވަޅުތައް ނާޅާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓޫރިޒަމް ދާއިރާގެ މުހިންމު ޓެކްސްތަކެއް ބޮޑުކުރާއިރު ރާއްޖެއަށް ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ދިވެހި ބޭންކުތަކަށް ވައްދަން ލާޒިމުކުރުމާ އެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ ބޮލަކަށް ވަކި އަދަދަކަށް ޑޮލަރު ދިވެހި ބޭންކުގައި މާރު ކުރަން ވެސް މި ފަހުން ވަނީ ލާޒިމުކޮށްފައެވެ. އެއާ އެކު ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

comment ކޮމެންޓް