ގެއްލުންވާނެ ކަމަށް ބުނެ ޓެކްސް ބޮޑު ކުރާތީ އެމްޑީޕީން ވަރަށް ބޮޑަށް ނުރުހިއްޖެ

މައިނޯރިޓީ ލީޑަރު، ހިތަދޫ ދެނުކު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް: ޓެކްސް ބޮޑުކުރާތީ އެމްޑީޕީން ވަރަށް ބޮޑަށް ނުރުހިފައި -- ފޮޓޯ/ މަޖިލިސް

ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ދެ ގުނަކޮށް، ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ ޓީޖީއެސްޓީއާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، ރައްޔިތުންނަށް އޭގެން ގެއްލުންވާނެ ކަމަށް މިއަދު ބުނެފިއެވެ.

މިހާރު ހުށަހަޅާފައި އޮތް ތިން ބިލުގައި އޮތީ:

  • ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ޕަސެންޓަށް ބޮޑުކުރަން.
  • ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް 6 ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 12 ޑޮލަރު ނެގުމަށް.
  • ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް 3 ޑޮލަރު ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 6 ޑޮލަރު ނެގުމަށް.
  • ޑިސެމްބަރު މަހުން ފެށިގެން ޑިޕާޗާ ޓެކްސް ބޮޑުކުރުމަށް.
  • އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ބޮޑުކުރުމަށް.

އިއްޔެއާއި މިއަދުގެ ޖަލްސާގައި މި ބިލުތަކުގެ ބަހުސް ކުރިއަށްގެންދާއިރު، އެމްޑީޕީ މެންބަރުން ދަނީ ތަކުރާރުކޮށް އެ ކަމާ ދެކޮޅު ހަދަމުންނެވެ. އެކަމުގެ ނުރަނގަޅު އަސަރު ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް އެމްޑީޕީގެ މެންބަރުން ބުންޏެވެ.

އެގޮތުން، ޓުއަރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މައިނޯރިޓީ ލީޑަރު، ހިތަދޫ ދެނުކު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ވަރަށް ބޮޑަށް ބިލަށް ފާޑުވިދާޅުވެފައެވެ. އެއްވެސް ވަރަކަށް އެ ބިލަށް ތާއީދުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޓެކްސް ބޮޑުކުރަނީ ކީއްވެ ކަމެއް، ޓެކްސް ބޮޑުކުރީމާ ދެން ވާނީ ކިހިނެއް ކަމެއް އަޅުގަނޑުމެންނަކަށް މި ބިލަކުން އެއްގޮތަކަށް ވެސް ސާފެއްނުވޭ،" ވާހަކަ ފައްޓަވަމުން ނާޒިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޓެކްސް ބޮޑުކުރުމުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު މަދުވާނެ ކަމަށެވެ.

"އަޅުގަނޑަށް ހަމަ ޔަގީން ކަށަވަރު ޓެކްސް ބޮޑު ކުރީމާ މި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު، އެރައިވަލްސްތައް ބޮޑުތަނުން މަދުވެގެންދާނެ. މީގެ ފައިދާ ކުރާނީ ކައިރީ ހުރި އަވައްޓެރި ގައުމުތަކަށް އިއްޒަތްތެރި ރައީސް. އެ ބޭފުޅުން އެ އަތްޖަހަނީ މިހާރު ވެސް،" ނާޒިލް ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު: ޓެކްސް ބޮޑުކުރާތީ އެމްޑީޕީން ވަރަށް ބޮޑަށް ނުރުހިފައި -- ފޮޓޯ/ މަޖިލިސް

އެ ބަހުސްގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ކުއްލިއަކަށް ޓެކްސްއަށް މި ސަރުކާރުން ގެންނަ ބަދަލާ އެކު ފަތުރުވެރިކަމުގެ ދާއިރާގެ އެކިއެކި ފަރާތްތަކުން ކަންބޮޑުވާންޖެހޭ ކަމަށެވެ.

"އެކަމަކު އަޅުގަނޑަކަށް ނޭނގެ ގެސްޓްހައުސް އެސޯސިއޭޝަން ހިނގާ ފަރާތްތަކުން މި ކަމަށް މަރުހަބާ ކިޔާ ސަބަބެއް. ސަރުކާރުން މި ގެންނަ ބަދަލުތަކަށް އިންޑަސްޓްރީން އިންތިހާއަށް މަރުހަބާ އެބަކިޔާ،" މައުރޫފް ވިދާޅުވިއެވެ.

އެ ފަދަ ބޮޑު ބަދަލެއް ގެންނައިރު، ފަތުރުވެރިކަމާ ގުޅުން ހުރި ބޭފުޅުންނާ އެކު މަޝްވަރާކުރަން ޖެހޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އޭނާއަކީ ވެސް ކޮންމެ ވެސް ވަރަކަށް ގެސްޓުހައުސް ވިޔަފާރިކުރާ ފަރާތެއް ކަމަށެވެ. ނަމަވެސް، އެނގޭ އެއްޗަކީ އެ ބަދަލު ގެނައުމުން އޭނާއަށް ވެސް އެކަމުން އުނދަގޫތަކެއް ކުރިމަތިވާނެކަން ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ، ކޮންމެ ދަތިތަކަކާ އެކު ވެސް ސަރުކާރު ބުނާ ގޮތަށް ރައްޔިތުން ތިބީ ވެރިކަން ކުރާ ޕާޓީއަށް ސޮއިކުރަން ތައްޔާރަށް ކަމަށާއި އެހެންކަމުން ދެން އޭނާ ވެސް އަދި އެހެން މީހެއް ވެސް އެ ކަމަށް ކުރާނެ ޝަކުވާއެއް ނެތް ކަމަށެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު: ޓެކްސް ބޮޑުކުރާތީ އެމްޑީޕީން ވަރަށް ބޮޑަށް ނުރުހިފައި -- ފޮޓޯ/ މަޖިލިސް

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ، ޓެކްސް ބޮޑުކުރުމުން ރައްޔިތުންނަށް އަސަރު ނުކުރާނެ ކަމަށް ބުނެ، ސަރުކާރުގެ މެންބަރުން ދައްކަވަނީ އެއްވެސް ވަރަކަށް ތެދު ވާހަކައެއް ނޫން ކަމަށާއި ރައްޔިތުންނަށް އެކަމުން ވާނެ ގެއްލުންތައް އެބަހުރި ކަމަށެވެ. އަދި، ޓެކްސް ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ ޚިލާފުވުން ކަމަށާއި އެ މަނިކުފާނު މީގެ ކުރިން ވިދާޅުވީ ޓެކްސް ބޭސް ބޮޑުކުރަންކަން އޭނާ ފާހަގަކުރެއްވިއެވެ.

އިއްޔެގެ ބަހުސްގައި ވެސް އެމްޑީޕީގެ މެންބަރުން ވަނީ ތަކުރާރުކޮށް އެއީ ރައްޔިތުންނަށް ގެއްލުންތަކެއްވެދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ޓެކްސްތަކަކަށް ސަރުކާރުން ބަދަލު މި ގެންނަނީ ދަރަނި މެނޭޖުކުރަން ރާއްޖެއަށް ދަތިތަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ވޯލްޑް ބޭންކުން މިދިޔަ ހަފުތާގެ ތެރޭގައި ވެސް ވަނީ ރާއްޖޭން އިސްލާހީ ފިޔަވަޅުތައް ނާޅާކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓޫރިޒަމް ދާއިރާގެ މުހިންމު ޓެކްސްތަކެއް ބޮޑުކުރާއިރު ރާއްޖެއަށް ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ދިވެހި ބޭންކުތަކަށް ވައްދަން ލާޒިމުކުރުމާ އެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ ބޮލަކަށް ވަކި އަދަދަކަށް ޑޮލަރު ދިވެހި ބޭންކުގައި މާރުކުރަން ވެސް މި ފަހުން ވަނީ ލާޒިމުކޮށްފައެވެ. އެއާ އެކު ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

comment ކޮމެންޓް