ޓީޖީއެސްޓީ ބޮޑުކުރަން ހުށަހެޅި ބިލު ބަލައިގަނެ ކޮމިޓީއަށް

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޓީޖީއެސްޓީ ބޮޑުކުރަން ހުށަހެޅި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި -- ފޮޓޯ/ މަޖިލިސް

ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބަލައިގެންފިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ އިބްރާހީމެވެ.

މި އިސްލާހު މަޖިލީހުން ބަލައިގެންފައި ވަނީ 52 މެންބަރުންގެ ވޯޓާއެކުއެވެ. މި އިސްލާހު ބަލައިގަތުމާ ދެކޮޅަށް ހަތް މެންބަރަކު ވޯޓު ދެއްވިއެވެ.

އެއާއެކު މި ބިލު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް -- ފޮޓޯ/ މަޖިލިސް

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެ ބިލަކީ ޓެކްސާ ގުޅުން ހުރި ބިލަކަށް ވުމުން އެ ބިލުގެ މަސައްކަތް ނިންމާނީ މުޅި މަޖިލީހުގެ ކޮމިޓީން ކަމަށެވެ. އަދި މާދަމާގެ ޖަލްސާގައި އެޖެންޑާގެ މަސައްކަތްތައް ވަގުތަށް ނިމިއްޖެ ނަމަ އެ ބިލުގެ މަސައްކަތް ކުރުމަށް، މުޅި މަޖިލީހުގެ ކޮމިޓީން ބާއްވަން ގަސްތުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެ އިސްލާހުގައި ބުނެފައިވަނީ ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ.

މި ބިލުގެ އިތުރުން ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ދެ ގުނަކޮށް، އެއާޕޯޓް ޓެކްސް ބޮޑުކުރަން ވެސް ދެ ބިލެއް ހުށަހަޅާފައި އެބައޮތެވެ. އެޖެންޑާގައި އެ ދެ ބިލުގެ މަސައްކަތް މިއަދު އޮތްއިރު، ޖަލްސާގައި އެއާޕޯޓް ޓެކްސް ބޮޑުކުރަން ހުށަހެޅި ބިލުގެ ބަހުސް ކުރިއަށް ގެންދިޔައެވެ. ނަމަވެސް އަދި އެ ދެ ބިލުގެ ބަހުސް ނުނިމޭތީ އެ ދެ ބިލު ބަލައިގަތުމަށް ވޯޓަށް އަހާފައެއް ނުވެއެވެ.

ޓޫރިޒަމް ދާއިރާގެ މުހިންމު ޓެކްސްތަކެއް ބޮޑުކުރާއިރު ރާއްޖެއަށް ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ދިވެހި ބޭންކުތަކަށް ވައްދަން ލާޒިމުކުރުމާ އެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ ބޮލަކަށް ވަކި އަދަދަކަށް ޑޮލަރު ދިވެހި ބޭންކުގައި މާރު ކުރަން ވެސް މި ފަހުން ވަނީ ލާޒިމުކޮށްފައެވެ. އެއާ އެކު ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާގައި މި ދެ ބިލަށް ބަހުސްކުރައްވާ އިދިކޮޅުގެ ގިނަ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ދަށްވެ، އެ ސިނާއަތަށް އެކަމުން އަސަރުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ޓެކްސްތައް ބޮޑުކުރަން ވާނީ ބޭކާރު ޚަރަދުތައް ކުޑަކުރުމަށްފަހު ކަމަށް އެމްޑީޕީގެ މެންބަރުން ވަނީ ގޮވައިލާފައެވެ.

ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން އައީ އެއީ އާންމު ރައްޔިތުންނަށް އެންމެ މަންފާވާނެ ގޮތް ކަމަށް ވިދާޅުވަމުންނެވެ.

comment ކޮމެންޓް