ސަރުކާރުގެ ނިންމުންތައް ބަދަލުކޮށްކޮށް، ނިންމުންތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމް: އޭނާ ވަނީ ސަރުކާރުގެ ނިންމުންތައް ބަދަލުކޮށްކޮށް، ނިންމުތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ މަޖިލިސް

މި ސަރުކާރުން ނިންމާ ނިންމުންތައް ބަދަލުކޮށްކޮށް، އެ ނިންމާ ނިންމުންތަކާ ދޭތެރޭ ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށް އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

މީކާއިލް އެފަދައިން ވިދާޅުވީ ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ދެ ގުނަކޮށް، ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ، ޓީޖީއެސްޓީއާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުންނެވެ.

މީކާއިލް ވިދާޅުވީ، ސަރުކާރުން ނިންމާ ނިންމުންތަކަކީ ހަރުދަނާ ގޮތެއްގައި ނިންމާފައިވާ ނިންމުންތަކެއް ނޫން ކަމަށެވެ. އެގޮތުން ހުށަހަޅާ އިސްލާހުތަކަކީ ވެސް އެއްވެސް ޕްލޭނެއް ނެތި ހުށަހަޅާފައިވާ އިސްލާޙުތަކެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ، މި ހަފުތާގައި ޓީޖީއެސްޓީ ބޮޑުކުރުމަށް ހުށަހަޅައިފައި ވަނިކޮށް، ގެސްޓު ހައުސްތަކުގެ އޯނަރުންނާއި ކަމާ ގުޅުން ހުރި އެހެނިހެން ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ގޮސް އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރުމުން ނިންމުން ބަދަލު ކުރައްވަފާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ޓީޖީއެސްޓީ ބޮޑު ކުރުމަށް ގާނޫނަށް އިސްލާހު ހުށައެޅުމެއް ނޫން. ކަންބޮޑުވުމަކީ ސަރުކާރުން މިކަމަށް ތައްޔާރަށް އޮތްކަން ނުފެންނާތީ،" މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ އެގޮތަށް މި ސަރުކާރުން އެތައް ނިންމުމެއް ބަދަލުކޮށްފި ކަމަށެވެ.

އެގޮތުން ފާހަގަކުރެއްވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޑޮލަރު ލިމިޓް އެއްކޮށް ކަނޑާލުމަށްފަހު، ހަމަ އެ ދުވަހު އެ ނިންމުން އަނބުރާ ގެންދިޔަ ގެންދިޔުމެވެ. އެއީ ސަރުކާރުން އެންގި އެންގުމާ ޚިލާފަށް ބޭންކުން ނިންމު ނިންމުމެއް ކަމަށް ފަހުން ވިދާޅުވެފައިވާކަން މީކާއީލް ފާހަގަކުރެއްވިއެވެ.

ހަމައެގޮތަށް ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވެސް އެފަދައިން ބަދަލުވަމުންދާކަމަށް މީކާއިލް ވިދާޅުވިއެވެ. އެގޮތުން "އިންޑިއާ އައުޓް" އަށް ގޮވާލަމުން ދިޔަ ބަޔަކު މިހާއި "އިންޑިއާ އިން" ކޮށްފައިވާކަމަށް މީކާއިލް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ހަމައެފަދައިން އިޒްރޭލު ޕާސްޕޯޓު މައްސަލައިގަ ވެސް ކަންކުރަނީ އެބީދައިން ކަމަށް މީކާއިލް ވިދާޅުވިއެވެ. ސަރުކާރަށް ނިސްބަތްވާ މެންބަރުން އެއީ ވީހާވެސް އަވަހަށް ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވެ ރަނގަޅަށް ބަހުސް ވެސް ކުރުމެއްނެތި، ކޮމިޓީއަށް އެ މައްސަލަ ގެންގޮސް މިއަދު އެ މައްސަލަ ކުރިއަށް ނުގޮސް އޮތް އޮތުން ފާހަގަކުރެއްވިއެވެ.

އަދި މަޖިލީހުގެ ރައީސްއަށް އެކަމާ ގުޅިގެން ސިޓީއެއް ފޮނުވުމުން އެއަށް ވެސް ޖަވާބު ނުލިބޭކަމަށް މީކާއިލް ވިދާޅުވިއެވެ.

"މިހެން އުނބައް ޖަހާ ޖަހާ މި ސަރުކާރުން ހުށައަޅާ އެއްޗެއްގަ ވެސް، މި ސަރުކާރުން ތައާރަފުކުރާ އެއްޗެއްގަ ވެސް، މި ސަރުކާރުން އާންމު ކުރާ ސިޔާސަތެއްގަ ވެސް، އެއްވެސް ކަހަލަ އިތުބާރެއް ރައްޔިތުންގެ މެދުގައި މިއަދު ނެތް މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ،" މީކާއިލް ވިދާޅުވިއެވެ.

ޓެކްސް ބޮޑުކުރާތީ އިދިކޮޅުގެ މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަމާ މެދު ވިސްނައި، ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާކުރުމަށް މިއަދުގެ ޖަލްސާގައި ތަކުރާރުކޮށް ވަނީ ގޮވައިލާފައެވެ.

comment ކޮމެންޓް