މިދިޔަ ބުރާސްފަތި ދުވަހު, ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ ދެ އިމާރާތުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް އެދެން، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ނިންމައިފިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ދެ އިމާރާތުގައި ހިންގަމުން ދިޔައީ ހައުސިން މިނިސްޓްރީއާއި އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަަށެވެ. ގެއްލުންވި މިނިސްޓްރީތަކުގެ މަސައްކަތްތައް މިއަދު ވަނީ ދަރުބާރުގޭގައި ފަށައިފައެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކޮށް އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، އެ ހާދިސާ ހިނގި ދުވަހު މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ނިންމާ ޗުއްޓީއަށް ދިޔުމުން އެ ހާދިސާއާ ގުޅިގެން އެއްވެސް މަސައްކަތެއް ނުކުރެވުނު ކަމަށެވެ. އެހެންކަމުން ދައުރުން ބޭރުން ކުއްލި ޖަލްސާއެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ހުށަހަޅުއްވާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލިސް ތެރެއިން އަޅުގަނޑުމެން އެބަ އެދެން ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް އެދި. މިއަދުގެ ވަގުތެއްގައި މަޖިލިސް ރައީސްއަށް ސިޓީ ފޮނުވާނަން. އަޅުގަނޑުމެން އެހެން މިދެންނެވީ މަޖިލިސް މި މަހު 15ވަނަ ދުވަހާ ހިސާބަށް ކުރިއަށް ދާ ގޮތަށް އޮވެފައި ކުއްލި ގޮތަކަށް ބުރާސްފަތި ދުވަހު މަޖިލިސް ޗުއްޓީއަށް ވެސް އިއްތިފާގުން މިދިޔައީ. ނުލިބުނު އެ ހާދިސާއާ ގުޅިގެން އެއްވެސް މަސައްކަތެއް ކުރާނެ ފުރުސަތެއް،" ނާޒިލް ވިދާޅުވިއެވެ.
ނާޒިލް އިތުރަށް ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރަށް ތަހުގީގުކުރުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގައި ވެސް އެ ޕާޓީގެ ޕީޖީ ގްރޫޕުން އެދޭނެ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގައިދިޔަ ދުވަހު މިއަހަރުގެ ފަހު ދައުރު ނިންމައި، މަޖިލިސް ޗުއްޓީއަށް ދިޔަ ނަމަވެސް ކުރިން ނިންމާފައި އޮތީ އިއްޔެގެ ނިޔަލަށް ދައުރުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ޖަލްސާ ނިންމާލަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ދައުރު ނިމުނުކަން އިއުލާނުކުރައްވާފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނަމަ ދައުރުން ބޭރު ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުއެވެ. މިވަގުތު 93 މެންބަރުން ތިއްބަވާ މަޖިލީހުގައި 31 މެންބަރުންގެ ސޮއި ކުއްލި ޖަލްސާ ބޭއްވުމަށް ބޭނުންވާނެއެވެ. އޭގެ ތެރެއިން އެމްޑީޕީގައި ތިއްބަވަނީ އެންމެ 12 މެންބަރުންނެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އަލިފާން ނިއްވާލުމުގައި އިހުމާލުވެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި އެކަމުގައި ފުލުހަށާއި އިންޓެގްރިޓީ ކޮމިޝަނަށް ތަހުގީގު ހިންގުމަށް ހުށަހެޅުމަށް ވެސް ވަނީ ނިންމާފައެވެ.