މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގު އިބްރާހިމް އަދުނާންގެ މަރުގެ މައްސަލައިގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކުރި ޒާތީ މައުލޫމާތަށް އެ ޚިދުމަތުން މިރޭ މައާފަށް އެދިއްޖެއެވެ.
އިއްޔެ ބޭއްވި ޕްރެސްއާ ގުޅިގެން މިރޭ ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މައްސަލައިގެ ތަހުގީގާ ގުޅުން ހުރި ތަފްސީލީ މައުލޫމާތުތަކެއް ދީފައި ވަނީ އެ ޚިދުމަތުން ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ގޮތާއި ވިފާގުގެ އާއިލާގެ ބައެއް ފަރާތްތަކާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ހިމެނޭ ޕްރޮގްރާމެއް ދައްކާފައި ވުމުން ކަމަށެވެ.
އެ ބައްދަލުވުމުގައި ޒާތީ މައުލޫމާތުތައް ހާމަކުރީ ވިފާގުގެ މަންމައާއި ބައްޕަ ހިމެނޭ ގޮތަށް އާއިލާއަށް ވެސް އެކަން އެނގިގެން ކަމަށާއި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ސެންސިޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫންގޮތުގައި ގެނެސް ދެވުނު ކަމަށް ގަބޫލު ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންވެ، ފުލުހުން ވަނީ އެކަމަށް ހުރިހާ ފަރާތްތަކުގެ ކިބައިން މައާފަށް އެދިފައެވެ.
ފުލުހުން އިއްޔެ އެ މައްސަލާގައި ބޭއްވި ޕްރެސްގައި ވަނީ ކުއްޖާއަށް ޖިންސީ ގޯނަ ކޮށްފައި ނުވާކަން ހާމަކޮށްފައެވެ.
ވިފާގު މަރުވީ އޭނާ ދިރިއުޅެމުން އައި މ. ހަސޯވާގެ 10 ވަނަ ފަންގިފިލާއިން ވެއްޓިގެންނެވެ.
އެއަށް ފަހު ވިފާގު ވެއްޓުނުތާ 30 ސިކުންތު ތެރޭގައި އެ ޕިކަޕުގައި އޭނާ ހޮސްޕިޓަލަށް ގެންދަން ދަތުރު ފެށި ކަމަށް ފުލުހުން ބުންޏެވެ. އޭނާ ވެއްޓުނީ 89 ފޫޓު މަތިންނެވެ. ވެއްޓުމަށް ފަހު އޭނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް, ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ހަސަން ޝިފާއު އިއްޔެ ވިދާޅުވެފައި ވަނީ މި މަރުގެ މައްސަލައިގައި ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އެ ފަދަ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ. ކުއްޖާގެ ހަށިގަނޑުން ހަދަންޖެހޭ ޓެސްޓުތައް ފުލުހުން ހެދި ކަމަށާއި އެ ޓެސްޓްތަކުން އެ ފަދަ އެއްވެސް ކަމެއް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެއިތުރުން، އޭނާގެ މަރުގެ މައްސަލައިގައި ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއްކޮށް 'ޗެނަލް 13'އިން ވަނީ ވީޑިއޯއެއް ދައްކައިފައެވެ.
މި މައްސަލައިގައި 'ޗެނަލް13'އިން ގެނައި ޕްރޮގްރާމްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.