ވަކި ތާރީޚެއް ނޭނގޭ، ނަމަވެސް މި މަހު ފުލެޓު ލިސްޓު އާއްމުކުރާނެ: މިނިސްޓްރީ

އެފްޑީސީން ހަދާ 4،000 ފުލެޓުގެ މަސައްކަތް މިނިސްޓަރު ހައިދަރު ބައްލަވައިލައްވަނީ: ހައުސިން މިނިސްޓްރީން ބުނީ ވަކި ތާރީޚެއް ނޭނގުނު ނަމަވެސް މި މަހު ފުލެޓު ލިސްޓު އާއްމުކުރާނެ ކަމަށް -- ފޮޓޯ/ ހޯމް މިނިސްޓްރީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު އަދިވެސް ރިވިއުކުރަމުންދާ ކަމަށާއި، އެ ލިސްޓު އާންމުކުރާނެ ވަކި ތާރީޚެއް ނޭނގުނު ނަމަވެސް މި މަހު އާއްމުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

މި 4،000 ފުލެޓަކީ ނިމިދިޔަ ސަރުކާރުން އިއުލާނުކުރި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން، ފުރަތަމަ ފުލެޓު ލިބޭ މީހުންނަށް ދޭނެ ތަންތަނެވެ.

މި ފުލެޓުތަކުގެ މަސައްކަތް ލަސްވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މާލެ ސަރަޙައްދުގައި އެކަމުގެ އިހުތިޖާޖުކުރުންތައް ވެސް ބާއްވާފައިވެއެވެ.

ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފެށި ޖިނާއީ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

ނަމަވެސް އޭގެ ފަހުން ހަތް ވަރަކަށް މަސްވީއިރު އަދިވެސް ހައުސިން މިނިސްޓްރީން ގެންދަނީ އެ ލިސްޓު ރިވިއުކުރަމުންނެވެ. މީގެ ކުރިން އެ މިނިސްޓްރީން ބުނީ އޮކްޓޯބަރު މަހު ފުލެޓު ލިސްޓު އާންމުކުރާނެ ކަމަށެވެ.

އެކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފުލެޓު ލިސްޓު އަދިވެސް ރިވިއުކުރާ ކަމަށެވެ. ނަމަވެސް ކުރިން ބުނި ގޮތަށް މި މަހު އެ ލިސްޓު އާންމުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ ލިސްޓު އާންމުކުރާނެ ވަކި ތާރީޚެއް ނުބުނެއެވެ.

އެފްޑީސީ ފްލެޓްތައް --

ފުލެޓު ލިސްޓުގެ މައްސަލައާއި، ފުލެޓުތައް ލަސްވާ މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޭގައި އޮތް ކަމެކެވެ.

އެފްޑީސީން ހުޅުމާލޭގައި އިމާރާތްކުރާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމުން ގިނަ ބަޔަކު ޝަކުވާ ހުށަހެޅިއެވެ.

އެ ގޮތުން، އެ މައްސަލައިގައި އޭސީސީއަށް 325 ޝަކުވާއެއް ވަނީ ހުށަހަޅައިފައެވެ. އެއަށް ފަހު އޭސީސީން ފެށި ޖިނާއީ ތަހުގީގަށް ފަހު އެ ކޮމިޝަނުން ބުނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިޚާބު ތެރޭ ފުލެޓު ލިސްޓަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށާއި ފުލެޓުތައް އޭގެ ހައްގުވެރިންނަށް ލިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

އަދި ފުލެޓުތައް ލިބެނީ އެ ހައްގުވެރިންނަށްތޯ ޔަގީންކުރުމަށް ފަހު ލިސްޓު އާންމުކުރައްވާނެ ކަމަށް ވެސް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި 4،000 ހައުސިން ޔުނިޓް މަޝްރޫގެ ދަށުން ޓަވަރުތަކުގެ ފިނިޝިން މަސައްކަތް މި އަހަރު ނިމުމުގެ ކުރިން އެއްކޮށް ނިންމާލެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ހަމްދާން ވިދާޅުވީ އެ ކުންފުނިން ނިންމާފައި އޮތީ، ޓަވަރުތަކުގެ މަސައްކަތްތައް ނިންމޭ ވަރަކުން ހަވާލުކުރަން ކަމަށެވެ. ހަމައެއާއެކު 4،000 ހައުސިން ޔުނިޓް މަޝްރޫއުގެ ދަށުން އަޅާ ފުލެޓުތަކުގެ ކޮލިޓީއާ މެދު ސުވާލުކުރާނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ވެސް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް