ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅައިފައިވާ ފުލެޓުތައް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ.
މި ސަރުކާރުން ފުލެޓު ލިސްޓު މުރާޖާކޮށް، އައު ލިސްޓު ނެރުނީ މިދިޔަ މަހުގެ 27ގައެވެ. އެ ލިސްޓަށް ޝަކުވާ ހުށަހަޅަން މިމަހުގެ އެއް ވަނަ ދުވަހު ހުޅުވާލައިރު، އެކަމަށް މުއްދަތު ދީފައިވަނީ މިމަހުގެ ނިޔަލަށެވެ.
ހައުސިން މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައިވަނީ، އެ ލިސްޓަށް މިހާތަނަށް ހުށަހަޅައިފައިވާ ޝަކުވާތަކަށް ރިއާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް އެ މިނިސްޓްރީން ބަލައި ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ކުރީ ސަރުކާރުން ނެރުނު ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލިއިރު، އެ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކާއި ޝަރުތު ހަމަނުވާކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުން އެކި ލިޔުންތައް ޕޯޓަލްއަށް ހުށަހަޅާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެންނަމަވެސް، އެ މަރުހަލާތަކުގައި ކަންކަން ހިނގާފައިވާ ގޮތަށް ރިއާޔަތްކޮށް ވެރިފިކޭޝަނަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ މީހުން ހުށަހަޅާ ޝަކުވާތަކަށް ބަލައި، ސަރުކާރުގެ އިދާރާތަކުގައިހުރި އެ މިނިސްޓްރީއަށް ޗެކްކުރެވެން ހުރި މައުލޫމާތުތަކަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ހައްލު ހޯދައިދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންވެ، އެފަދަ ފަރާތްތަކުން ޕޯޓަލް ތެރެއިން ތަފުސީލާއެކު ޝަކުވާ ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މީގެ އިތުރުން ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ތެރެއިން، މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދުވާތީ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15އާ ހަމައަށް ދޭން ނިންމީ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެ ސްކީމަށް ކުރިމަތިލި މީހުންނަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭއިރު، ފޯމު ހުށަނާޅާ މީހުންގެ ޝަކުވާއެއް އޮތް ނަމަ ހައުސިން މިނިސްޓްރީގެ މެއިލް، [email protected] އަށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުން ޝަކުވާ ހުށަހެޅޭނެއެވެ.
ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅުމުން ލިބޭނެއެވެ.
ފުލެޓު ލިސްޓު ނެރުނު ދުވަހު، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓު ކަމަށެވެ.
އެ ފުލެޓުތަކަށް 1،820 މީހެއްގެ ޝަރުތު ހަމަވެފައިވާއިރު، ބާކީ ފުލެޓުތައް ދޭނީ، ބާކީ 15،000 ފޯމު އިވެލުއޭޓް ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.