ރިވިއުކޮށް ނިންމާ، އޮކްޓޯބަރު މަހު ފުލެޓު ލިސްޓު އާއްމުކުރާނަން: މިނިސްޓަރު

އެފްޑީސީން ހަދާ 4،000 ފުލެޓުގެ މަސައްކަތް މިނިސްޓަރު ހައިދަރު ބައްލަވައިލައްވަނީ: މިއަދު ކޮމިޓީގައި މިނިސްޓަރު ވިދާޅުވީ ރިވިއުކޮށް ނިންމާ، އޮކްޓޯބަރު މަހު ފުލެޓު ލިސްޓު އާއްމުކުރާނެ ކަމަށް -- ސަން ފޮޓޯ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ރިވިއުކޮށް ނިންމުމަށް ފަހު، އޮކްޓޯބަރު މަހު އާއްމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާ މިނިސްޓަރު ހައިދަރު ވިދާޅުވީ، ފުލެޓު ލިސްޓު އުވާލަން ގަސްތުނުކުރައްވާ ކަމަށާއި ރީ-އިވެލުއޭޓްކޮށްގެން ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި، އެ ފުލެޓުތައް އޮކްޓޯބަރު މަހުގެ ނިޔަލަށް އިމާރާތްކޮށް ނިމެންވާއިރަށް ފުލެޓު ލިބޭ މީހުންގެ ލިސްޓު ރިވިއުކޮށް ނިމޭނެ ކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ.

ފުލެޓުތައް އިމާރާތްކޮށް ނިމެންވާއިރަށް އަޅުގަނޑުމެން ހުރިހާ ހޮވޭ ފަރާތްތައް އިއުލާންކޮށް ފައިނަލް ލިސްޓު ގެޒެޓްކުރާނަން. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި 32 ޓަވަރުގެ ތެރެއިން އެންމެ ފުރަތަމަ ހަ ޓަވަރު ނިމޭނީ އޮކްޓޯބަރު މަސް ނިމޭހާ ތަނަށް. އިރާދަކުރެއްވިއްޔާ އެހާތަނަށް ފައިނަލް ލިސްޓު އާންމުކުރާނަން، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

މިނިސްޓަރު ހައިދަރު ވިދާޅުވީ، ފުލެޓުތައް ދިނުމުގައި މީހުންގެ ދިރިއުޅުމުގެ ހާލަތައް ބަލައި ވަޒަންކުރާނެ ކަމަށެވެ. އަދި، އެކަން ކުރާނީ ލިބެން ހުރި ހެކިތަކަށް ބަލައި، ރަސްމީ ލިޔެކިޔުންތައް ވެސް ބެލުމަށް ފަހު ކަމަށް ހައިދަރު ވިދާޅުވިއެވެ.

ފުލެޓުތައް އިމާރަތްކޮށް ނިމޭއިރު ފައިނަލް ލިސްޓެއް ތައްޔާރުކުރެވޭ ވަރަށް މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވައި ހައިދަރު ވިދާޅުވީ ފުލެޓުތައް ހަދާ ނިމޭއިރު ހުހަށް ނުހުންނާނެ ކަމަށެވެ.

އެފްޑީސީން އަޅަމުންދާ ފުލެޓުތަކުގެ ތެރެއިން ފިނިޝިން މަސައްކަތް ނިމިފައިވާ ފުލެޓެއް -- ސަން ފޮޓޯ

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ފުލެޓު ލިބޭ މީހުން ކުއްޔަށް ބޮޑު އަގުގައި އެ ފުލެޓުތައް ދޫކުރާކަން ފާހަގަކުރައްވާފައެވެ. އޭގެ ސަބަބުން ބޯހިޔާވަހިކަން އޭގެ ހައްގުވެރިންނަށް ނުލިބި، އޭގެ މަންފާ އެހެނިހެން މީހުންނަށް ލިބެމުންދާތީ އެ ކަމަށް މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އަޅަންތޯ ތަކުރާރުކޮށް އޭނާ ސުވާލުކުރެއްވިއެވެ.

ޖަވާބުގައި ހައިދަރު ވިދާޅުވީ، އެ ގޮތަށް ވެފައި ހުރީ އިވެލުއޭޝަން މަރުހަލާގައި އޮޅުވާލުމަށް ފުރުސަތު ދީފައި އޮތުމުން ކަމަށެވެ. އަދި، މިނިސްޓްރީން ލިސްޓު ނެރޭއިރު އެފަދަ މީހުންނަށް ފުލެޓު ދެވޭތޯ ޔަގީންކުރާނެ ކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ.

ކުއްޔަށް ދިނުމާއި އެ ތަނުގައި ނޫޅުމާއި، ޔަގީނުން ވެސް އެއީ ބޯހިޔާވަހިކަމަށް ބޭނުންވެގެން އުޅޭނަމަ ކުއްޔަކަށް ދުލެއް ނުކުރާނެ އެހެން ބަޔަކަށް އެތަން ދީގެނެއް. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި ދެވިފައި މި ހުރީ ހައްގު މީހުންނަކަށް ނޫންހެން ކުރީގެ ބައެއް ފުލެޓުތައް. އެކަން ވިޔަނުދިނުމަށްޓަކައި އަޅުގަނޑުމެން ބަލާނަން ހައްގު ފަރާތްތަކަށްތޯ މި ދެވެނީ، އެންމެ ބޮޑަށް ބޭނުންވެފައި ތިބި މީހުންތޯ ޔަގީންކުރާނަން މިނިސްޓްރީން، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

މި 4،000 ފުލެޓަކީ ނިމިދިޔަ ސަރުކާރުން އިއުލާނުކުރި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން، ފުރަތަމަ ފުލެޓު ލިބޭ މީހުންނަށް ދޭނެ ތަންތަނެވެ.

ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފެށި ޖިނާއީ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

އެފްޑީސީން ހަދާ 4،000 ފުލެޓުގެ މަސައްކަތް މިނިސްޓަރު ހައިދަރު ބައްލަވައިލައްވަނީ -- ފޮޓޯ/ ހައުސިން މިނިސްޓްރީ

އެ ފުލެޓު ލިސްޓު ރިވިއުކުރަމުންދާކަން ފާހަގަކުރައްވާ މިދިޔަ މަހު މިނިސްޓަރު ހައިދަރު ވިދާޅުވީ، އެ 4،000 ފުލެޓުގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ މެދުތެރެއަށް ކަމަށެވެ.

އެފްޑީސީން ހުޅުމާލޭގައި އިމާރާތްކުރާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމުން ގިނަ ބަޔަކު ޝަކުވާ ހުށަހެޅިއެވެ. އެ ގޮތުން، އެ މައްސަލައިގައި އޭސީސީއަށް 325 ޝަކުވާއެއް ވަނީ ހުށަހަޅައިފައެވެ. އެއަށް ފަހު އޭސީސީން ފެށި ޖިނާއީ ތަހުގީގަށް ފަހު އެ ކޮމިޝަނުން ބުނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކަމަށްވާ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރާ ފުލެޓާއި ގޯތި ލިބުން ލަސްވާތީ މާލޭގެ ރައްޔިތުން ވަނީ މި ފަހުން މުޒާހަރާކުރަން ވެސް ފަށައިފައެވެ.

comment ކޮމެންޓް