ފުލެޓުތަކުގެ ކޮލިޓީއާ މެދު ސުވާލުކުރާނެ އެއްވެސް ޖާގައެއް ނޯންނާނެ: ހަމްދާން

އެފްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ބައެއް ޓަވަރުތައް: އެ ކުންފުނިން ބުނީ ފުލެޓުތަކުގެ ކޮލިޓީއާ މެދު ސުވާލުކުރާނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް --- ސަން ފޮޓޯ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ 4،000 ހައުސިން ޔުނިޓް މަޝްރޫއުގެ ދަށުން އަޅާ ފުލެޓުތަކުގެ ކޮލިޓީއާ މެދު ސުވާލުކުރާނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަމްދާން ވިދާޅުވީ، ކުންފުންޏާ ހަވާލުވުމަށް ފަހު އެންމެ ބޮޑު އިސްކަމެއްދިނީ ފުލެޓުތަކުގެ ކޮލިޓީއަށް ކަމަށެވެ.

އެގޮތުން، އެ ޓަވަރުތައް ރާނާފައި ހުންނާނީ ކޮންކްރީޓުން ކަމަށާއި، ޓަވަރުތަކުގެ އެއްވެސް ފާރެއް ވެސް އެޅިގަލުން ރާނާފައި ނުހުންނާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ. މީގެ ކުރިން ހިންގާފައި ހުރި ހައުސިން ސްކީމްތަކުގައި ރާނާފައިވާ އިމާރާތްތަކުން ރެނދުލުން ފަދަ މައްސަލަތައް ހުރި ނަމަވެސް، އެ ޓަވަރުތަކުން އެފަދަ މައްސަލައެއް ދިމާނުވެ ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ތަންތަނަށް ވާނެ ކަމުގެ ޔަގީންކަން ހަމްދާން ދެއްވިއެވެ.

ކޮންކްރީޓް ސްޓްރަކްޗާ އެއީ އެންމެ ކޮލިޓީތޯ ބަލަން، މަލްޓިޕްލް ސާމްޕަލްސް ނަގައި ބައި ލައްކައަށް ވުރެ ގިނަ ކޮންކްރީޓް ކިއުބް ޗެކްކުރިން އަޅުގަނޑުމެން. މި ފެންވަރަށް ހިޔެއް ނުވޭ މީގެ ކުރިން ރާއްޖޭގައި ޗެކްކުރިހެނެއް އެއްވެސް ބަޔަކު. ކޮލިޓީއާ މެދު ސުވާލުކުރާނެ އެއްވެސް ޖާގައެއް ނޯންނާނެ، އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް

ހަމްދާން ވިދާޅުވީ، ޓަވަރުތަކުގެ މަސައްކަތް ނިންމާ ހަވާލުކުރުމަށް ފަހު ވެސް އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ ޓަވަރުތަކުގައި އެއްވެސް މައްސަލައެއް އުޅޭތޯ އެ ކުންފުނިން ބަލައިދޭނެ ކަމަށެވެ. އަދި، މައްސަލައެއް އުޅޭނަމަ އެކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ހަމްދާން އެރުވިއެވެ.

އޭނާ ވިދާޅުވީ، އެ ޓަވަރުތަކާއެކު ވަގުތީ ގޮތުން ނަމަވެސް އަދި ދިގު މުއްދަތަކަށް ވެސް މާލެ ސަރަހައްދުގެ ހައުސިން ޑިމާންޑަށް ލުއިތަކެއް އަންނާނެ ކަމަށެވެ.

ފުލެޓު ލިސްޓުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެންގި އެންގުމާ ގުޅިގެން ހައުސިން މިނިސްޓްރީން މީގެ ކުރިން ފްލެޓު ހަވާލުކުރުމާ ގުޅޭ އެންމެހާ ކަންކަން މަޑުޖައްސާލުމަށް އެފްޑީސީއަށް އަންގާފައިވެއެވެ. ނަމަވެސް އަލުން އެ މަސައްކަތް މިހާރު އަންނަނީ ބާރު ސްޕީޑުގައި ކުރަމުންނެވެ.

ހަމްދާން ވިދާޅުވި ގޮތުގައި ޓަވަރުތަކުގެ ފިނިޝިން މަސައްކަތް މި އަހަރު ނިމުމުގެ ކުރިން އެއްކޮށް ނިންމާލެވޭނެއެވެ. އަދި، އެންމެ ފަހު ޓަވަރު އެންމެ އަންނަ ޖުލައި 25 ގައި ނިންމާ ހަވާލުކުރެވޭނެ ކަމަށް ވެސް ހަމްދާން ވިދާޅުވިއެވެ.

ފުލެޓު ލިސްޓުގެ މައްސަލައާއި، ފުލެޓުތައް ލަސްވާ މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޭގައި އޮތް ކަމެކެވެ. މި ފަހުން އާންމުން ވަނީ އެ ކަމުގެ އިހުތިޖާޖުތައް ވެސް ކޮށްފައެވެ. އަދި، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެ ގޯތިތަކާ ފްލެޓްތައް ދޫކުރުމަށް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ހަމްދާން ވިދާޅުވީ، އެފްޑީސީއަކީ ހަމައެކަނި ފުލެޓުތައް ޑިވަލޮޕްކުރާ ބައެއް ކަމަށާއި ފުލެޓުތަކަށް ވަންނާނީ ކޮންބައެއްކަން ނިންމުމުގެ އެއްވެސް ބާރެއް އެފްޑީސީއަކަށް ނޯންނާނެ ކަމަށެވެ. އެކަން ކުރާނީ ހައުސިން މިނިސްޓްރީގެ އުސޫލުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ހައުސިން މިނިސްޓްރީން ވަރަށް ބުރަކޮށް ފުލެޓު ލިސްޓުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް ވެސް ހަމްދާން ވިދާޅުވިއެވެ.

މި 4،000 ފުލެޓަކީ ނިމިދިޔަ ސަރުކާރުން އިއުލާނުކުރި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން، ފުރަތަމަ ފުލެޓު ލިބޭ މީހުންނަށް ދޭނެ ތަންތަނެވެ.

comment ކޮމެންޓް