ފުލެޓު ލިސްޓަށް މިހާތަނަށް 2،800 އަށްވުރެ ގިނަ ޝަކުވާ

ހުޅުމާލޭގައި އިމާރާތްކުރާ 4،000 ފުލެޓުތައް: ފުލެޓު ލިސްޓަށް މިހާތަނަށް 2،800 އަށް ވުރެ ގިނަ ޝަކުވާ ---- ސަންފޮޓޯ/ އަޙުމަދު މާނިއު

ކުރީ ސަރުކާރުން އާންމުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އާންމުކުރި ފުލެޓު ލިސްޓަށް މިހާތަނަށް 2،800 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފިއެވެ.

ހުޅުމާލޭގައި އަޅާ 4،000 ފުލެޓުގެ ލިސްޓު އިވެލުއޭޓް ކުރުމަށްފަހު، ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރީ މިދިޔަ މަހު 27ގައެވެ. އެ ލިސްޓުން އުނިވި މީހުންނަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވާއިރު، އެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ 15ގެ ނިޔަލަށެވެ.

ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ ލިސްޓަށް ޝަކުވާ ހުށަހަޅައިފައިވާ އަދަދުތަކުގެ ތަފުސީލުތައް "ސަން" ހިއްސާކޮށްފައެވެ.

އެ މައުލޫމާތުގައިވާ ގޮތުން، މިހާތަނަށް އެ ލިސްޓަށް ޖުމުލަ 2،843 ޝަކުވާ ހުށަހަޅާފައިވެއެވެ. އެއީ، ތިން ކޮޓަރީގެ ފުލެޓު ލިސްޓާ ގުޅޭ 2،079 ޝަކުވާއާއި ދެ ކޮޓަރީގެ ފުލެޓު ލިސްޓާ ގުޅޭ 764 ޝަކުވާއެވެ.

ހުޅުމާލޭގައި އިމާރާތްކުރާ 4،000 ފުލެޓުތައް: ފުލެޓު ލިސްޓަށް މިހާތަނަށް 2،800 އަށް ވުރެ ގިނަ ޝަކުވާ ވަނީ ހުށަހަޅާފައި ---- ސަންފޮޓޯ/ އަޙުމަދު މާނިއު

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ހަތަރެއް ނޮވެމްބަރު، 2024ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ.

އެހެންނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ.

އެއަށްފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު ފެށުނު ފަހުން، މިދިޔަ ފެބްރުއަރީ މަހު އޭސީސީން ވަނީ، ބައެއް ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ހުއްދަދީފައެވެ.

މި ސަރުކާރުން ނިންމީ، ފުލެޓު ލިސްޓު ހައުސިން މިނިސްޓްރީން ބެލުމަށްފަހު އާންމު ކުރުމަށެވެ. އެއަށްފަހު ލިސްޓު ނެރޭނެ އެކި ތާރީޚުތަކެއް ދިން ނަމަވެސް އެ ތާރީޚުތަކުގައި ލިސްޓު ނެރެފައިނުވެއެވެ.

އި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުން ލިސްޓު ނެރެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ދެ ކޮޓަރީގެ ފުލެޓުތަކާއި ތިން ކޮޓަރީގެ ފުލެޓުތަކަށް ޕޮއިންޓް ހަމަވި މީހުންގެ ފޯމްތައް އަލުން ބެލުމަށް ފަހުގައެވެ.

ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ދެ ކޮޓަރީގެ އެޕާޓްމެންޓަށް 1،218 ފަރާތެއް ޝަރުތު ހަމަވާއިރު، ތިން ކޮޓަރީގެ އެޕާޓްމެންޓަށް 3،721 ފަރާތެއް ޝަރުތު ހަމަވެފައިވެއެވެ.

އޭގެފަހުން ފުލެޓު ލިސްޓު ނެރުނު ދުވަހު، ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، ހައުސިން މިނިސްޓްރީން 4،939 ފަރާތެއްގެ ފޯމް އަލުން ބެލި ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަށް އެއްބަޔަށް ވުރެ ގިނަ ފޯމަށް ދީފައިވާ ޕޮއިންޓް ސައްހަ ނޫންކަން އެނގިފައިވާ ކަމަށެވެ.

މިނިސްޓްރީން އަލުން ބެލީ، ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި، ތިން ކޮޓަރީގެ ލިސްޓުގައި 75 ޕޮއިންޓަށް ވުރެ އިތުރަށް ލިބުނު ކަމަށް ކަނޑައަޅާފައިވާ މީހުންނާއި ދެ ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުން ކަމަށެވެ. އެ ލިސްޓުން ދައްކާ ގޮތުގައި ޝަރުތު ހަމަވަނީ 1،820 ފަރާތަކަށެވެ.

މުއްތަލިބު ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓު ކަމަށެވެ. އަދި .1،820 ފަރާތަކަށް ފުލެޓު ދިނުމަށް ފަހު، ބާކީ ފުލެޓުތައް ދޭނީ، ބާކީ 15،000 ފޯމު އިވެލުއޭޓް ކުރުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

Redstar
comment ކޮމެންޓް

comment އައިމަން

1 week 52 minutes ago

ހައުސިން މިނިސްޓްރީއަށާއި ރައީސް އޮފީހަށް 2024 ގައި މެއިލްކުރި އެއްވެސް ސިޓީއަކަށް އަދި ޖަވާބެއް ނުލިބޭ، މިއީ ޙައްގު ތެދު،