މި އަހަރު ނިމުމުގެ ކުރިން ހުރިހާ ޓަވަރެއްގެ ފިނިޝިން މަސައްކަތް ނިންމާލެވޭނެ: ހަމްދާން

އެފްޑީސީން ހަދާ 4،000 ފުލެޓުގެ މަސައްކަތް މިނިސްޓަރު ހައިދަރު ބައްލަވައިލައްވަނީ: އެފްޑީސީގެ އެމްޑީ ހަމްދާން ވިދާޅުވީ އޭނާ ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ޓަވަރެއްގެ ފިނިޝިން މަސައްކަތް ނިންމާލެވޭނެ ކަމަށް -- ފޮޓޯ/ ހޯމް މިނިސްޓްރީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ 4،000 ހައުސިން ޔުނިޓް މަޝްރޫގެ ދަށުން ޓަވަރުތަކުގެ ފިނިޝިން މަސައްކަތް މި އަހަރު ނިމުމުގެ ކުރިން އެއްކޮށް ނިންމާލެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ފުލެޓު ލިސްޓުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމާ ގުޅިގެން ހައުސިން މިނިސްޓްރީން މީގެ ކުރިން ފްލެޓު ހަވާލުކުރުމާ ގުޅޭ އެންމެހާ ކަންކަން މަޑުޖައްސާލުމަށް އެފްޑީސީއަށް އަންގާފައިވެއެވެ.

އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަމްދާން ވިދާޅުވީ އެ 4,000 ފުލެޓުގެ މަސައްކަތް މިހާރު ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 24 ޓަވަރެއްގެ ސްޓްރަކްޗަރަލް މަސައްކަތް އެއްކޮށް ނިންމާ ދެން ހުރީ ފިނިޝިން މަސައްކަތްތައް ކަމަށް ހަމްދާން ވިދާޅުވިއެވެ. އަދި ބާކީ އަށް ޓަވަރުގެ ސްޓްރަކްޗަރަލް މަސައްކަތް ވަރަށް ބާރު ސްޕީޑުގައި މިހާރު ނިންމަމުންދާ ކަމަށް ވެސް އޭނާ މައުލޫމާތު ދެއްވިއެވެ.

ހަމްދާން ވިދާޅުވީ އެ ކުންފުނިން ނިންމާފައި އޮތީ، ޓަވަރުތަކުގެ މަސައްކަތްތައް ނިންމޭ ވަރަކުން ހަވާލުކުރަން ކަމަށެވެ.

މި އަހަރު ނިމުމުގެ ކުރިން ހުރިހާ ޓަވަރެއްގެ މަސައްކަތް ނިމި، މެޖޯރިޓީ ޓަވަރުތަކުގައި ބޮޑުބައެއް ފިނިޝިން މަސައްކަތްތައް ވެސް ނިންމާލެވޭނެ. ޕްލޭންކޮށްފަ އޮތީ ނިމޭ ވަރަކަށް ހަވާލުކުރަން. އެގޮތުން އެންމެ ފަހު ޓަވަރު އަޅުގަނޑުމެން ހޭންޑްއޯވާކުރަން ނިންމާފައި އިންނާނީ ޖުލައި 25 އަށް،އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް

ފުލެޓު ލިސްޓުގެ މައްސަލައާއި، ފުލެޓުތައް ލަސްވާ މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޭގައި އޮތް ކަމެކެވެ. މި ފަހުން އާންމުން ވަނީ އެކަމުގެ އިހުތިޖާޖުތައް ވެސް ކޮށްފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެ ގޯތިތަކާ ފްލެޓްތައް ދޫކުރުމަށް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ބާރު ހަތަރެއް ޕްރޮގްރާމްގައި ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ޓަވަރެއްގެ ފިނިޝިން މަސައްކަތް ނިންމާލެވޭނެ ކަމަށް -- ސަން ފޮޓޯ

ހަމްދާން ވިދާޅުވީ، މިދިޔަ ސަރުކާރުން އެ ޕްރޮޖެކްޓު ފެށިއިރު އިމާރާތެއްގައި މީހުން ދިރިއުޅެން ބޭނުންވާނެ ވަރަށް މުހިންމު ޚިދުމަތްތަކެއް ޕްރޮޖެކްޓު ސްކޯޕުން އުނިކޮށްފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، އެފްޑީސީން ބޭނުންވާ ފެންވަރަށް ގެންދިޔުމަށް ޓަކައި ޕްރޮޖެކްޓުގެ ބޭރުން ވެސް އެ ޚިދުމަތްތައް ފުރިހަމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުނި ކޮތަޅު ހިފައިގެން ލިފްޓަށް އަރައިގެން ފޭބުމުގެ ބަދަލުގައި ފްލޯއިން ކުނި ދޫކޮށްލާ ގޮތަށް ގާބޭޖް ޝޫޓް ހިމާނާފައި އޮންނާނީ. އެކަމު ޕްރޮޖެކްޓު ފެށިއިރު ސްކޯޕްގައި އެ ވެސް ނެތް. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ ޚިދުމަތްތައް ހުރުން މުހިންމު، އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް

އެ ޚިދުމަތްތައް ފުރިހަމަކުރުމަށްޓަކައި އިތުރު 454 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް މީގެ ކުރިން ހަމްދާން ވިދާޅުވެފަވެއެވެ. އެކަމަށް އިޝާރާތްކުރައްވާ ހަމްދާން ވިދާޅުވީ އެ ފައިސާ ހޯދަން ބުރަކޮށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އެގޮތުން ބޭރުގެ ދެތިން ފަރާތަކާއެކު މިހާރު ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ހަފުތާގައި އެކަމަށް ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމްދާން ވަނީ ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަސްތެރޭ އެ މަސައްކަތަށް ފައިނޭންސް ހޯދައި އެ ޚިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތްތައް ފެށޭވަރު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ހަމައެއާއެކު މީގެ ކުރިން ރާއްޖޭގައި ހިންގި ސޯޝަލް ހައުސިން ސްކީމްތަކާ އަޅައިބަލާއިރު ރަނގަޅު ފެންވަރެއްގެ ޕްރޮޑަކްޓެއް ރައްޔިތުންނާ ހަމައަށް ގެނެސްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި 4،000 ފުލެޓަކީ ނިމިދިޔަ ސަރުކާރުން އިއުލާނުކުރި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން، ފުރަތަމަ ފުލެޓު ލިބޭ މީހުންނަށް ދޭނެ ތަންތަނެވެ.

comment ކޮމެންޓް