އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމް ސީރީޒް މިއަދު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ފަށައިފިއެވެ.
މި ފޯރަމްގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައި ވާއިރު، މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މިއީ ރައިސް މިހާރު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ފޯރަމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގައި އިންވެސްޓު ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފަހި މާހައުލެއް އެބަ އޮތް ކަމަށާއި، އިންވެސްޓަރުންނަށް ރާއްޖެއިން ލިބޭ މަންފާ ބޮޑުވާނެ ކަމަށެވެ.
އަދި ގިނަ ދާއިރާތަކުން ރާއްޖޭގައި އިންވެސްޓު ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށާއި އިންވެސްޓު ކުރުމުގެ އައު ގާނޫނެއް އެކުލަވާލައި، އެއިން އިންވެސްޓަރުންނަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުވަރުކޮށްދީފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓް ކުރުން. އަޅުގަނޑު މި ދައުވަތު އަރުވަނީ އަޅުގަނޑުމެންނާ އެކު ބައިވެރިވެ، ރާއްޖޭގެ އިގްތިސާދުގެ ގާބިލްކަން އިތުރަށް ފުޅާކުރުމަށް," އެމަނިކުފާނު ވިދާޅުވިއެވެ.
މި ފޯރަމްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިއީ ރާއްޖޭގެ ރައީސަކު އިންޑިއާގައި ވިޔަފާރި ފޯރަމްއެއްގެ މިފަދަ ޓުއާއެއްގައި ބައިވެރިވެވަޑައިގަންނަވަ ފުރަތަމަ ފަހަރުކަމަށެވެ.
މި ފޯރަމްގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ އިންޑިއާގެ ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިޗީ) އަދި އެސޯސިއޭޓެޑް ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އޮފް އިންޑިއާ (އަސޯޗަމް) އާ ގުޅިގެންނެވެ.
ސައީދު ވަނީ މި ފޯރަމްގެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމުން ފިޗީ އަދި އަސޯޗަމްއަށް ޝުކުރު އަދާކުރައްވާފައެވެ.
މި ފޯރަމަކީ ދެގައުމުގެ މެދުގައި ވިޔަފާރީގެ އަދި އަދި އިގްތިޞާދީ ގުޅުންތައް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ފޯރަމްގައި ދެގައުމުގެ ފަރާތުން ސަރުކާރުގެ އިސްވެރިންނާއި އެކި ދާއިރާތަކުގެ ވިޔަފާރިވެރިން ބައިވެރިވެފައި ވެއެވެ.
މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ ނިއު ދިއްލީގެ އިތުރުން މުމްބާއީ އަދި ބެންގަލޫރުގައި ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.