އިންޑިޔާގައި ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޚިދުމަތް ދީފައި ނުވާކަމަށް ސްޕޭސްއެކްސްގެ ސީއީއޯ އީލޮން މަސްކް ބުނެފިއެވެ.
މަސްކް މިހެން ބުނެފައިވާއިރު، ފާއިތުވި ހަފުތާތަކުގައި އިންޑިޔާގެ ކަމާބެހޭ ފަރާތްތަކުން އެ ކުންފުނީގެ ދެ އާލާތެއް އިންޑިއާގެ މަނިޕޫރުގައި ބޭނުން ކުރަނިކޮށް ނަގާފައިވާ ކަމަށް މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ.
އިންޑިޔާގައި ސެޓެލައިޓް ބްރޯޑްބޭންޑް ޚިދުމަތް ދިނުމުގެ ހުއްދައަށް އެދިފައިވާ ސްޓާލިންކުން، މި ޕްރޮސެސްގެ ތެރެއިން އުފެދިދާނެ ސަލާމަތީ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވެއެވެ.
އެކްސް ގައި އަންގާރަ ދުވަހުގެ ރޭ މަސްކް ލިޔެފައި ވަނީ ސްޓާލިންކް ސެޓެލައިޓް ބީމްތައް އިންޑިޔާއަށް ކަނޑާލަފައި ވާކަމަށާއި އަދި އެއްގޮތަކަށް ވެސް އޮން ކޮށްފައި ނުވާކަމަށެވެ.
މަސްކް މި ޓްވީޓް ކުރެއްވީ އިންޑިޔާ އާމީން ޑިސެމްބަރު 13ވަނަ ދުވަހު މަނިޕޫރު ސްޓޭޓްގައި ކުރި ސާޗް އޮޕަރޭޝަނަކާ ގުޅޭ ޕޯސްޓަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.
މި ޕޯސްޓްގައި އަތުލައިގަނެވުނު ހަތިޔާރުތަކާއި ސްޓާލިންކް ލޯގޯ ޖަހާފައިވާ ސެޓެލައިޓް ޑިޝްއަކާއި ރިސީވަރެއްގެ ފޮޓޯތައް ހިމަނާފައިވެއެވެ.
ސާޗް އޮޕަރޭޝަނާ ގުޅޭގޮތުން ނަން ހާމަނުކުރުމުގެ ޝަރުތުގެ މަތިން ވާހަކަދެއްކި ދެ އަސްކަރީ އޮފިސަރުން ރޮއިޓާސްއަށް ބުނި ގޮތުގައި ސްޓާލިންކް ލޯގޯ ޖަހާފައިވާ ސާމާނު ބޭނުންކުރަމުން ދިޔައީ ހަތިޔާރު އެޅި ގްރޫޕަކުންނެވެ.
އެ ސާމާނު އެތެރެކޮށްފައި ވަނީ އިންޑިޔާއާ އިންވެގެން އޮންނަ މިޔަންމާގެ ސަރަޙައްދުން ކަމަށް ލަފާކުރެވޭކަމަށް އޭނާ ބުނެފައިވެއެވެ. މިޔަންމާގައި ސްޓާލިންކް ޚިދުމަތް ދެމުންނުދިޔަ ނަމަވެސް، އެ ޤައުމުގެ އާބާދީތަކުގައި ހަނގުރާމަވެރި ހަތިޔާރުއެޅި ގްރޫޕްތަކުން މި ފަދަ ސާމާނު ބޭނުންކުރާކަން މީޑިއާ ރިޕޯޓްތަކުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، މި މަހުގެ ކުރީކޮޅު އިންޑިޔާ ފުލުހުން ވަނީ ކަނޑުމަތިން 4.2 ބިލިއަން ޑޮލަރުގެ މެތަމްފެޓަމިން (މަސްތުވާތަކެތި) އަތުލައިގަތްއިރު ފެނުނު ސްޓާލިންކް ޑިވައިސްއެއްގެ ތަފްޞީލުތައް ހޯދުމަށް ސްޓާލިންކަށް ޤާނޫނީ އަމުރެއް ފޮނުވާފައެވެ.
މިއީ އިންޑިޔާގައި މިހާތަނަށް އަތުލައިގަނެވުނު އެންމެ ބޮޑެތި މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އިންޓަނެޓް ޑިވައިސް ބޭނުންކޮށްގެން ނެވިގޭޓް ކުރަމުން ދިޔައެވެ.