އެކި ދާއިރާތަކުން އިންވެސްޓު ކުރުމަށް ފަހި މާހައުލެއް ރާއްޖޭގައި އެބަ އޮތް: ރައީސް

އިންޑިއާގެ ނިއުދިއްލީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ދިވެހިރާއްޖޭގައި އިންވެސްޓު ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފަހި މާހައުލެއް އެބަ އޮތް ކަމަށާއި، އިންވެސްޓަރުންނަށް ރާއްޖެއިން ލިބޭ މަންފާ ބޮޑުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ނިއުދިއްލީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ ގިނަ ދާއިރާތަކުން ރާއްޖޭގައި އިންވެސްޓު ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އިންވެސްޓްމަންޓަކާ އެކުގައި ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައި އެ މަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

"މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓް ކުރުން. އަޅުގަނޑު މި ދައުވަތު އަރުވަނީ އަޅުގަނޑުމެންނާ އެކު ބައިވެރިވެ، ރާއްޖޭގެ އިގްތިސާދުގެ ގާބިލްކަން އިތުރަށް ފުޅާކުރުމަށް," އެމަނިކުފާނު ވިދާޅުވިއެވެ.

އެ ގޮތުން އިންވެސްޓު ކުރުމުގެ އައު ގާނޫނެއް އެކުލަވާލައި، އެއިން އިންވެސްޓަރުންނަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުވަރުކޮށްދީފައިވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގެ އިގްތިސާދަށް އައު ސިނާއަތްތައް ތައާރަފު ކުރައްވައި، އިގްތިސާދު ފުޅާ ކުރުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަ ކުރައްވާފައިވެއެވެ.

މި ކަންކަމާ އެކު ރާއްޖޭގެ އިގްތިސާދު ކުރިއަރައި، ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާއެކު ރާއްޖެއިން ލިބޭ މަންފާ ބޮޑުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު ހުންނެވީ އިންޑިއާގައެވެ. އެމނަިކުފާނު މިއަދު ވަނި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާ ބައްދަލުކުރައްވާފައެވެ.

އެ ގައުމުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ވެސް ކިޔައިފައެވެ.

comment ކޮމެންޓް