މި ސަރުކާރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތެއް ނުކުރާ ހާލު، އަންހެނުންނަށް ކުރާ ފުރައްސާރައިގެ މައްސަލަތައް އަންނަނީ އިތުރުވަމުން ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އިޖުތިމާއީ، އިގްތިޞާދީ އަދި ސިޔާސީ ގޮތުން ވެސް އަންހެނުން ބާރުވެރި ކުރުވުމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކޮށް، ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވަނިކޮށް، ޕީއެންސީގެ މި ސަރުކާރު އައުމާއެކު މި ހުރިހާ ރޮނގަކުން އަންހެނުންނަށް ލިބެމުން އައި ފުރުސަތުތައް ހަނިކޮށްފައި ވާކަމަށެވެ.
އަދި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލައި، މުޖުތަމައުގެ ހުރިހާ ދައިރާއެއްގައި އަންހެނުންނަށް ފުރިހަމައަށް ބައިވެރިވެވޭނެކަން ކަށަވަރުކޮށްދިނުމަށް މިދިޔަ ފަސް އަހަރު ކުރި މަސައްކަތް ވެސް ހުއްޓިފައި ވާކަމަށް އެމްޑީޕީން ބުންޏެވެ.
ޔޫއެންޑީޕީއާ ގުޅިގެން މިދިޔަ ސަރުކާރުން އެކުލަވައިލި ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭންގައި މިއަހަރު ކުރަން ހުރި މަސައްކަތްތައް ކުރިއަށްދާގޮތުގެ ތަފުސީލު ހާމަކުރުން މި ސަރުކާރުން ހުއްޓާލައިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް އެމްޑީޕީން ވަނީ ފާޅުކޮށްފައެވެ.
"އަންހެނުންގެ ތަރައްގީއަށް އިތުރު މަސައްކަތެއް ނުކޮށްދެވުނު ހާލު، މިއަދު މިޕާޓީގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި މިވަނީ މި ސަރުކާރުން އަންހެނުންނަށް ކުރާ ފުރައްސާރަ އިތުރުވަމުންދާ މައްސަލައެވެ. ޚާއްސަކޮށް ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެނުންނަށް މި ސަރުކާރު ވަނީ ބިރަކަށް ވެފައެވެ،" އެ ބަޔާނުގައި ވެއެވެ.
އެގޮތުން އެތައް ޒަމާނެއްވަންދެން ސިވިލް ސާވިސްގައި މަސައްކަތްކޮށްފައި ތިބި ތައުލީމީ، ތަޖުރިބާކާރު އަދި ފަންނީ މުވައްޒަފުންނަށް ސިޔާސީ ބޭނުމަށްޓަކައި ވަޒީފާގެ ބިރު ދައްކައި ނަފުސާނީގޮތުން ގެއްލުންދީ، އެމީހުންގެ ހައްގުތަކަށް މި ސަރުކާރުން އަރައިގަތުން ކުށްވެރިކުރާކަމަށް އެ ބަޔާނުގައި ވެއެވެ.
އެމްޑީޕީން ވަނީ އެސަރުކާރުން އުފެއްދި "ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް" މިނިސްޓްރީގެ ނަމުން "ޖެންޑާ" ވަކިކޮށް އެ މިނިސްޓްރީގެ ނަން
"މިނިސްޓްރީ އޮފް ސޯޝަލް އެންދް ފެމިލީ ޑިވަލޮޕްމަންޓް"އަށް ބަދަލުކުރުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ މިނިސްޓްރީއަކީ އަންހެން މުވައްޒަފުންނަށް އެންމެ އަނިޔާވެރި މިނިސްޓްރީކަމަށް ތުހުމަތުކޮށް އެމްޑީޕީން ބުނީ އެކަމާ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
"އަންހެނުން ރައްކާތެރިކަން ހޯދުމަށް ދާނެ ތަނެއް މިސަރުކާރުގައި އޮތްކަމާ މެދު މިއަދު އަންހެނުން އެދަނީ ސުވާލު އުފައްދަމުން،" އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، މިހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން އަންހެނުންނަށް ކުޑައިމީސްވާގޮތަށް މަޖިލީސް ތަޅުމުގައި ތަކުރާރުކޮށް ވާހަކަދައްކާކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ، މިކަމުގައި ސަރުކާރުން ހަނުހުރުމަކީ މިފަދަ ކަންކަމުގައި ދެކޭގޮތް ވަރަށް ސާފުކޮށް ހާމަކޮށްދޭ ކަމެއްކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
އަދި މިއަދު ރާއްޖޭގައި އަންހެނުން މިތިބި ހިސާބަށް އާދެވިފައި ވަނީ އެތައް ޒަމާނެއްގެ ބުރަ މަސައްކަތުން ކަމަށާއި އަންހެނުން ބާރުވެރިކުރުވުމަށް ކުރަން ހުރި މަސައްކަތް އިންތިހާއަށް ގިނަކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މިފަދަ ދަނޑިވަޅެއްގައި އަންހެނުންނަށް މިހާރު އާދެވިފައިވާ ހިސާބުން އަނެއްކާ ވެސް ފަހަތަށް ޖެއްސުމަށް މި ސަރުކާރުން ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އެމްޑީޕީން މިފަދައިން ބަޔަނެއް ނެރެފައިވާއިރު، ކ. ގުރައިދޫގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަރުކަޒު ބަލަހައްޓާ ޖެންޑާ މިނިސްޓްރީގެ އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އާއިޝަތު ޝޫޒާ މަގާމުން ވަކިވާން މަޖުބޫރުކުރުވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ ތުހުމަތުކޮށްފައެވެ.
މީސްމީޑިއާގައި ދައުރުވާ ވީޑިއޯއެއްގައި ފެންނަނީ މިނިސްޓްރީގެ އިސް މުއައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓްރީއަށް ކުރާ ތުހުމަތުތައް ޝޫޒާ ރޮމުން ކިޔައިދޭ މަންޒަރެވެ. އެ މިނިސްޓްރީން އޭނާއަށް ނަފުސާނީ ގޮތުން ވެސް އެތައް ގެއްލުމެއް ދީފައިވާކަމަށް އެ ވީޑިއޯގައި ޝޫޒާ ބުނެއެވެ.