ލަންކާގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރާނެގޮތް ބެލުމަށް އިންޑިއާ ކެތްމަދުވެފައި!

ސްރީ ލަންކާގެ އައު ރައީސް އަނޫރަ ކުމާރާ ޑިސަނަޔަކެ ގެންގުޅުއްވާނެ ޚާރިޖީ ސިޔާސަތުގެ މަލަމަތި ނުވަތަ ފީޗާސް އަދި ނުފެނިގެން އުޅެނިކޮށް އެ ގައުމުގެ ބޮޑު އަވަށްޓެރިޔާ ކަމަށްވާ އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖަޔަޝަންކަރު އިއްޔެ ވަނީ ސްރީލަންކާއަށް ވަޑައިގެންފައެވެ.

އޮބްޒާވަރުން ވިދާޅުވާގޮތުގައި އިންޑިއާ ކަނޑުގައި ޗައިނާއާއި އިންޑިއާގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި އިންޑިއާގެ ޚާރިޖީ ވަޒީރު ސްރީލަންކާއަށް ކުރައްވާ މިދަތުރުފުޅުގައި އިންޑިއާގެ ގިނަ ބޭނުންތަކެއް ވާނެއެވެ. ސްރީލަންކާގެ އައު ރައީސް އަނޫރަ ކުމާރާ ޑިސަނަޔަކެ އަކީ ފިކުރީގޮތުން ކޮމިއުނިސްޓް މާކްސިސްޓް ފިކުރުގެ ބޭފުޅެކެވެ.

ޗައިނާއަކީ ކޮމިއުނިސްޓް ގައުމަކަށްވާއިރު ފިކުރީގޮތުންނާއި ވިސްނުމުގެ ގޮތުން ޑިސަނަޔަކެ އަކީ ޗައިނާއާ ވަރަށް ގާތް ބޭފުޅެއްކަން އިންޑިއާއަށް އެނގޭނެއެވެ. ނަމަވެސް ޑިސަނަޔަކެ ހިތް އެދޭގޮތާ އަދި އޭނާގެ ފިކުރުހުރި ގޮތާ ސްރީލަންކާގެ ރައީސަކަށް ވުމުން ގައުމުގެ މަސްލަހަތަށް ބަލަންޖެހޭ ޖެހުމަކީ ތަފާތު ދެކަމެކެވެ. މިހާލަތުގައި ގައުމުގެ މަސްލަހަތަށް ނުބަލައި ހަމައެކަނި ހިތް އެދޭގޮތަށް ކަންކުރަން އޭނާއަށް ފަސޭހައެއް ނުވާނެއެވެ.

ޑިސަނަޔަކެ ގެ ޕާޓީކަމަށްވާ، ޖަނަތާ ވިމުކްތީ ޕެރުމުނާ (ޖޭވީޕީ) އަކީ ކޮމިއުނިސްޓް މާކްސިސްޓް ފިކުރުގެ ޕާޓީއެކެވެ. މީގެ އިތުުރުން އެއީ ވަރަށް ސިންގަޅަވަންތަ ވަތަނީ ޕާޓީއެއްވެސް މެއެވެ. އަށްޑިހައިގެ އަހަރުތަކުގައިވެސް އެ ޕާޓީ ޗައިނާއާ އަދި ކުރީގެ ސޮވިއެޓް ޔުނިޔަންއާއެކު ފިކުރީ ގުޅުންތައް ވަރަށް ބޮޑަށް ދެމެހެއްޓިއެވެ. ޗައިނާއާއި ކުރީގެ ރޫސީވިލާތުގެ ކޮމިއުނިސްޓް ފިކުރުތައް ސްރީލަންކާގައި ފަތުރަން މަސައްކަތްވެސް ކުރިއެވެ.

އަށްޑިހައިގެ އަހަރުތަކުގައި ސްރީލަންކާގައި ތަމަޅައިން ފެށި ދާޚިލީ ހަނގުރާމައިގެ ފަހަތުގައި އޮތީ އިންޑިއާކަމަށް އެޕާޓީ ދެކެއެވެ. އެ ދުވަސްވަރު ސްރީލަންކާގައި ފައިހަރުކޮށްލި އިންޑިއާ ސިފައިންނާ ދެކޮޅަށް ގެރިއްލާ ހަމަލާތައް ދިނުމުގައި އިސް ދައުރެއް އަދާކުރީ ކުޑަ ޕާޓީއަކީ ޖޭވީޕީ އެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު އިއްޔެ ކޮލޮންބޯއަށް ވަޑައިގަތުން

ޑިސަނަޔަކެ ވަނީ ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ކޭންޕޭންގައި ސްރީލަންކާއަށް ކުރިމަތިވެފައިވާ އިންޑިއާގެ ނުފޫޒާ ދެކޮޅަށް ނުސީދާ ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. މިގޮތުން އިންޑިއާގެ "އަޑަނީ އިލެކްޓްރިސިޓީ" ކުންފުނިން ސްރީލަންކާގެ ހަކަތައިގެ ދާއިރާއަށް އަތްގަދަ ކުރަމުންގެންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ. ވެރިކަން ލިބިއްޖެނަމަ އެ ކުންފުންޏާއެކު ސްރީލަންކާއިން ސޮއިކޮށްފައިވާ ވައިން ހަކަތަ އުފެއްދުމާބެހޭ އެއްބަސްވުން އުވާލާނެކަމަށް ޑިސަނަޔަކެ ވަނީ ވިދާޅުވެފައެވެ.

މިއީ ސްރީލަންކާގެ އާންމުންގެ ތާއީދު އޭނާއަށް ބޮޑުވެގެންދާނެ ކަމެއްކަމަށް ސްރީލަންކާގެ ނޫސްތަކުން އެދުވަސްވަރު ބުނެފައިވެއެވެ.

އިންޑިއާގެ "އަޑަނީ އިލެކްޓްރިސިޓީ" ކުންފުންޏާއެކު ސްރީލަންކާއިން ސޮއިކޮށްފައިވަނީ އެ ގައުމުގެ އުތުރުގެ ސަރަހައްދުތަކުގައި ވިންޑް ޕަވާ ސްޓޭޝަންތަކެއް ގާއިމްކޮށް އެތައް ސަތޭކަ މެގަވޯޓުގެ ކަރަންޓް އުފެއްދުމަށެވެ. މިއީ 442 މިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން "އަޑަނީ" ކުންފުނިން ސްރީލަންކާގައި 450 މެގަވޯޓުގެ ތިމާވެއްޓަށް ރައްކާތެރި ހަކަތަ އުފައްދާނެއެވެ.

ރިޔާސީ އިންތިޚާބުގެ ކޭންޕޭންގެ ދުވަސްވަރު ޑިސަނަޔަކެ ވިދާޅުވެފައިވާ ގޮތުގައި މިއީ ސްރީލަންކާގެ ހަކަތައިގެ ސެކްޓަރަށް ނުފޫޒު ފޯރުވުމަށާއި އެ ސެކްޓަރުން ނާޖާއިޒު ފައިދާނެގުމުގެ ފުރުސަތު އިންޑިއާއަށް ފަހިވާގޮތަށް ސޮއިކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.

ކެންމެޕެއިން ދުވަސްވަރުގައި ޑިސަނަޔަކެ ވިދާޅުވެފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން އިންޑިއާގެ "އަޑަނީ" ކުންފުނިން އުފައްދާ ކަރަންޓުން ސްރީލަންކާއަށް ވިއްކާގޮތަށް އެއްބަސްވެފައިވަނީ ޔުނިޓަކަށް 0.0826 ޑޮލަރުގެ މަގުންނެވެ. ނަމަވެސް ސްރީލަންކާގެ ކުންފުންޏަކުން ވަނީ މިމަޝްރޫއު ހަވާލުކޮށްފިނަމަ ޔުނިޓަކަށް 0.0488 ޑޮލަރުގެ މަގުން ކަރަންޓް ވިއްކާނެކަމުގެ ޔަގީންކަން ދީފައި ކަމަށާއި އެހެންކަމުން ވެރިކަން ލިބިވަޑައިގެންފިނަމަ "އަޑަނީ" އާއެކު ވެފައިވާ އެއްބަސްވުން އުވާލާނެކަމަށް ޑިސަނަޔަކެ ވަނީ ވައުދުވެވަޑައިގެންފައެވެ.

ޑިސަނަޔަކެއަށް ވެރިކަން ލިބިވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އިންްޑިއާގެ ޚާރިޖީ ވަޒީރު ޖަޔަޝަންކަރު ސްރީލަންކާއަށް މި ވަޑައިގެންނެވީ ޑިސަނަޔަކެ ގެންގުޅުއްވާނެ ޚާރިޖީ ސިޔާސަތުތަކަކާމެދު އިންޑިއާ ކަންބޮޑުވެގެންކަމަށް ވެއެވެ. އޭގެތެރޭގައި "އަޑަނީ" ކުންފުނީގެ އެއްބަސްވުން އުވާލުމުގެ މައްސަލައިގެ ކަންބޮޑުވުންވެސް ހިމެނޭކަމަށް ކޮލަންބޯ ޔުނިވާސިޓީގެ ބައިނަލްއަގްވާމީ ގުޅުންތަކާބެހޭ ސީނިއާ ލެކްޗަރާ ޕޮއިތްރާ ޖަޔަވަރުދަނާ ވިދާޅުވިއެވެ.

ޖަޔަވަރުދަނާ ވިދާޅުވެފައިވާ ގޮތުގައި އިންޑިއާ މިހާރު މަސައްކަތްކުރަނީ ސަރަހައްދީ ބާރަކުން ދުނިޔޭގެ ބޮޑުބާރަކަށް ވުމުގެ އުންމީދުގައެވެ. އިންޑިއާއަކީ އަސްކަރީ އަދި އިގްތިސާދީ ބާރެއް ނަމަވެސް ދުނިޔޭގެ ބޮޑު ބާރަކަށް ވެވޭވަރަށް އިންޑިއާގެ މަދަނީ ތަރައްގީއާއި މަދަނީ އިންފްރާސްޓްރަކްޗާ އަދި ތަރައްގީ އެއްނުވެއެވެ. އިންޑިއާގެ އާބާދީގެ ގިނަ ބަޔަކު ދިރިއުޅެމުން ގެންދަނީ އެފްރިކާގެ ފަގީރު ގައުމުތަކުގެ މީހުން އުޅޭ ހާލަތުގައެވެ.

އިންސާނީ ތަރައްގީއަށް ބަލާއިރުވެސް އިންޑިއާ އަދި އުޅެނީ ދުނިޔޭގެ ބޮޑު ބާރެއްގެ ފެންވަރަށް ވުރެ މާބޮޑަށް ދަށުގައިކަން އޭނާ ފާހަގަ ކުރެއްވިއެވެ. އިންސާނީ ތަރައްގީއާއި މަދަނީ އުމްރާނީ ތަރައްގީގައި ޗައިނާފަދަ ގައުމުތަކާ ފައިހަމަކުރުމަށް އިންޑިއާ އަދިވެސް ވިއްސަކަށް ތިރީހަކަށް އަހަރު ނަގާނެކަމަށް އޭނާ ލަފާކުރައްވައެވެ.

އިންޑިއާއަކީ ޗައިނާއާއި ރަޝިއާ ލީޑުކުރާ އިގްތިސާދީ ޖަމާއަތްކަމަށްވާ "ބްރިކްސް" ގެ ގައުމަކަށް ވުމުގެ އިތުރުން އިންޑިއާއަކީ އެމެރިކާއާއި އިނގިރޭސިވިލާތް ލީޑުކުރާ އަސްކަރީ ގްރޫޕެއްކަމަށްވާ "ކުއަޑް ގްރޫޕް" ގެ މެންބަރެކެވެ. އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތަށް ބަލާއިރު އިންޑިއާ އަކީ ސަރަހައްދީ ބޮޑު ބާރެކެވެ. ނަމަވެސް ޗައިނާފަދަ ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކުގެ ތެރެއިން ޖާގަ ލިބޭވަރުގެ ބާރެއް ނޫނެވެ.

އިންޑިއާ ދަނީ އިންޑިއާ ކަނޑުގައި ޗައިނާއާ ވަރަށް ބޮޑަށް ވާދަކުރަމުންކަން ޖަޔަވަރުދަނާ ފާހަގަ ކުރެއްވިއެވެ. މިގޮތުން އިންޑިއާ އެ ގައުމުގެ ބެކްޔާޑެއްގެ ގޮތުގައި ބަލާ އިންޑިއާ ކަނޑުގެ ގައުމުތަކުގައި ޗައިނާ ބާރުގަދަ ކޮށްފާނެކަމުގެ ބިރާއި ކަންބޮޑުވުން އިންޑިއާ އިންތިހާއަށް އިހްސާސް ކުރާކަމަށް އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ޖަޔަވަރުދަނާ ވިދާޅުވިއެވެ.

ސްރީލަންކާގެ ޖިއޮޕޮލިޓިކަލް އެހެން މުހައްލިލެއްކަމަށްވާ ރިންދްރާ ކުރުއްޓި ވިދާޅުވާގޮތުގައި އިންޑިއާ ކަނޑަކީ އިގްތިސާދީ ގޮތުން ޗައިނާއަށް ކިތަން މުހިއްމު ކަނޑެއްކަމަށް ވިޔަސް އެކަނޑުގައިވާ ގައުމުތަކުގައި އަސްކަރީ ގޮތުން ފައިހަރުކޮށްލުމަށް އިންޑިއާ ގެންގުޅޭ ސިޔާސަތު ޗައިނާ ނުގެންގުޅެއެވެ.

ޗައިނާ ގެންގުޅެނީ އިގްތިސާދީ ސިޔާސަތެކެވެ. ޗައިނާގެ ސިޔާސަތަކީ އިގްތިސާދީ މަސްލަހަތެވެ. އިންޑިއާ ކަނޑުގައިވާ ސްރީލަންކާ ފަދަ ގައުމުތަކާ ޖޯގްރަފިކަލް ގޮތުން ގާތީ ޗައިނާއަށްވުރެ އިންޑިއާ ކަމާއި އެހެންކަމުން އެގައުމުތަކަށް ބޮޑުކަމެއް ދިމާވެއްޖެނަމަ ޗައިނާއަށްވުރެ އަވަހަށް އެކަމުގެ ހައްލު ހޯދައިދެވޭނީ އިންޑިއާއަށްކަން ޗައިނާ ގަބޫލުކުރެއެވެ.

އެހެންކަމުން އިންޑިއާ ކަނޑުގެ ގައުމުތައް އިންޑިއާއާއެކު ގިނަ ދާއިރާތަކެއްގައި ގާތްގުޅުންތަކެއް އުފެއްދުމާ އަދި ޚާއްސަކޮށް އިގްތިސާދީ ސަގާފީ ގުޅުންތަކެއް އުފެއްދުމަކީ ޗައިނާ ކަންބޮޑުވާ ކަމެއްނޫނެވެ. އަދި ޗައިނާ ދެކޮޅު ހަދާކަމެއްވެސް ނޫނެވެ.

ނަމަވެސް އިންޑިއާ ކަނޑުގައިވާ ގައުމުތަކުގައި އަސްކަރީ ގޮތުން އިންޑިއާ ފައިހަރުކޮށްލައިގެން އެކަނޑު ހުރަސްކޮށް ޗައިނާ ކުރާ ވިޔަފާރީގެ މުއާމަލާތްތަކަށް އެމެރިކާއާ ގުޅިގެން ހުރަސްއަޅަން އިންޑިއާ މަސައްކަތްކުރާނަމަ އެއީ ޗައިނާ ކަންބޮޑުވާ ކަމެކެވެ. މިކަމުގައި ޗައިނާވެސް ދޫނުދޭނެކަން އޭނާ ފާހަގަ ކުރައްވައެވެ.

އިނގިރޭސިވިލާތުގެ ދިރާސާ މަރުކަޒެއްކަމަށްވާ "ޗަތަމް ހައުސް" ގެ ރިޕޯޓެއް ބުނާގޮތުން ޗައިނާ ވަނީ ސްރީލަންކާގެ މަދަނީ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށްޓަކައި 2006 ން 2019 އަށް 12.1 ބިލިޔަން އެމެރިކާ ޑޮލަރުގެ ސްރީލަންކާގައި އިންވެސްޓްކޮށްފައެވެ. އެއީ މަގުތަކާއި ބްރިޖްތަކާއި އެއާޕޯޓް އަދި ކަނޑުގެ ބަނދަރު ފަދަ ތަންތަން ބިނާކޮށްދިނުމަށެވެ.

ކޮލަންބޯ ޔުނިވާސިޓީގެ ބައިނަލްއަގްވާމީ ގުޅުންތަކާބެހޭ ސީނިއާ ލެކްޗަރާ ޕޮއިތްރާ ޖަޔަވަރުދަނާ ވިދާޅުވިގޮތުގައި ކުރިން ބޮޑެތި ބާރުތަކުން ދުނިޔެއަށް ބާރާއި ނުފޫޒު ފޯރުވުމަށްޓަކައި ބޭނުންކުރަނީ އަސްކަރީ ބޭސްތަކާއި މަރުކަޒުތައް ބިނާކޮށް ސިފައިން ބޭތިއްބުމުގެ ސިޔާސަތެވެ. އެމެރިކާ މިހާރުވެސް ގެންގުޅެނީ މިސިޔާސަތެވެ.

އިންޑިއާވެސް އިންޑިއާ ކަނޑުގެ ގައުމުތަކާ މުއާމަލާތް ކުރުމުގައި ކޮންމެވެސް ވަރަކަށް މި ސިޔާސަތަށް އިސްކަން ދެއެވެ. ނަމަވެސް މިއާ ޚިލާފަށް ޗައިނާ އިސްކަންދެނީ އިގްތިސާދީ ގޮތުން ދުނިޔެއަށް ބާރާއި ނުފޫޒު ފޯރުވުމަށެވެ. ގައުމުތަކުގައި އިންފްރާސްޓްރަކްޗާ ބިނާކޮށްގެންނާއި ގައުމުތަކުގައި ސިނާއަތާއި މަސައްކަތްތެރިކަން ތަރައްގީކޮށްދީ ގައުމުތައް ތަރައްގީ ކުރުވައިގެން އެ ގައުމުތަކުގައި ޗައިނާގެ ބާރާއި ނުފޫޒު ބޭއްވުމުގެ ސިޔާސަތެކެވެ.

އިންޑިއާއާއި ރަޝިއާވެސް މިހާރު ވަނީ ޗައިނާގެ މި ސިޔާސަތު މާ ކާމިޔާބުކަން އެނގިގެން ދުނިޔޭގެ ގައުމުތަކާ މުއާމަލާތް ކުރުމުގައި އިގްތިސާދީ ސިޔާސަތުގެ ބޭނުންކުރަން ފަށާފައިކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެމެރިކާއަށް އަދިވެސް އަސްކަރީ ބާރާއި ނުފޫޒު ފެތުމުރުގެ ސިޔާސަތު ބަދަލުނުކުރެވޭ ކަމަށާއި އެމެރިކާ އަދިވެސް އިސްކަންދެނީ އަސްކަރީ ގޮތުން ގައުމުތަކާ ގުޅުންތައް ބަދަހިކޮށްގެން އެ ގައުމުތަކަށް ނުފޫޒު ފޯރުވުމަށް ކަމަށް ޖަޔަވަރުދަނާ ވިދާޅުވިއެވެ.

އިންޑިއާގެ ނޫސްތަކުގައި އެ ގައުމުގެ މުހައްލިލުންނާއި އޮބްޒާވަރުން ވިދާޅުވެފައިވާ ގޮތުގައި އިންޑިއާ ކަނޑުގައި އިންޑިއާގެ އަސްކަރީ ބާރާއި ނުފޫޒު ދެމެހެއްޓުމުގައި ދިވެހިރާއްޖޭގައި ކުރިން ބައިތިއްބާފައިވާ އިންޑިއާ ސިފައިން ފޮނުވާލުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމާއެކު ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު ބޮޑު ނުތަނަވަސްކަމެއް އުފެދިގެން ދިޔައެވެ.

ނަމަވެސް ސިފައިންގެ ބަދަލުގައި މަދަނީ މުވައްޒަފުން ވަކި މުއްދަތަކަށް ބޭތިއްބުމަށް ދިވެހިރާއްޖެއިން އެއްބަސްވުމާ އަދި އިންޑިއާއަށް ދިފާއީ ގޮތުން ނުރައްކާވާނެ ފަދަ އެއްވެސް އަމަލެއް ނުހިންގާނެކަމުގެ ޔަގީންކަން ދިވެހިރާއްޖޭގެ ފަރާތުން އިންޑިއާއަށް ލިބުމުން ދެގައުމުގެ ގުޅުންތައް މިހާރުވަނީ އަލުން ރަނގަޅުވާން ފަށާފައެވެ.

މީގެ އިތުރުން އިންޑިއާގެ ކުންފުނިތަކުން ދިވެހިރާއްޖޭގައި ކުރިޔަށްގެންދާ އެއްވެސް މަޝްރޫއަކަށް ރާއްޖޭން ހުރަސްނޭޅުމާ އަދި އިގްތިސާދީ ގޮތުން ޗައިނާއާއި އިންޑިއާއާއެކު ބެލެންސް ސިޔާސަތެއް ދިވެހި ސަރުކާރުން ގެންގުޅެން ފެށުމަކީވެސް ރާއްޖޭން އިންޑިއާ ސިފައިން ފޮނުވާލުމާއެކު އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އުފެދުނު ނުތަނަވަސްކަން ކުޑަވެގެން ދިޔުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެެއްކަން އެ ފަރާތްތަކުން ފާހަގަ ކުރެއެވެ.

މިއާއެކުވެސް އިންޑިއާގެ ގިނަ މުހައްލިލުން ދެކޭގޮތުގައި ދިވެހި ރާއްޖޭގެ މިހާރުގެ ސަރުކާރުން އިންޑިއާ އާއި ޗައިނާ އާ މުއާމަލާތް ކުރުމުގައި ބެލަންސް ގެންގުޅުނު ނަމަވެސް ދިވެހި ސަރުކާރުން އިންޑިއާއަށް ވުރެ ޗައިނާއާ ގާތްވުމުގެ ވިސްނުން އަޑިން ގެންގުޅެއެވެ. އިގްތިސާދީ ކަންކަމުގައި ރާއްޖެއަށް ބޮޑަށް މަންފާވާނީ ޗައިނާއާ ގާތްވެގެންކަމާއި އިންޑިއާއަށްވުރެ ކޮލިޓީކޮށް އަދި ރާއްޖެ ބޭނުންވާ ބާރު ސްޕީޑްގައި ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްގެންދެވޭނީ ޗައިނާއަށް ކަން ދެކުމުގެ ވިސްނުން ގެންގުޅެއެވެ.

ކޮލަންބޯ ޔުނިވާސިޓީގެ ބައިނަލްއަގްވާމީ ގުޅުންތަކާބެހޭ ސީނިއާ ލެކްޗަރާ ޕޮއިތްރާ ޖަޔަވަރުދަނާ އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމުގައި ވަނީ އިންޑިއާއާއި ޗައިނާ އާ މުއާމަލާތް ކުރުމުގައި ސްރީލަންކާގެ އައު ރައީސް އަނޫރަ ކުމާރާ ޑިސަނަޔަކެ ވެސް ގެންގުޅުއްވާނެކަމަށް ބެލެވެނީ މިފަދަ ތިލަފަތް ހަމަ ސިޔާސަތެއްކަމަށް ލަފާކުރައްވާފައެވެ.

އިންޑިއާގެ ގިނަ މުހައްލިލުންނާއި އޮބްޒާވަރުން ދެކެވަޑައިގަންނަވާ ގޮތުގައި ސްރީލަންކާގެ އައު ރައީސްގެ ޚާރިޖީ ސިޔާސަތުތައް ބައްޓަންކުރާނީ އިންޑިއާއަށްވުރެ ޗައިނާއަށް އިސްކަންދީގެންނެވެ. އެއީ އޭނާއަކީ ކޮމިއުނިސްޓް މަކްސިސްޓް ފިކުުރުގެ ބޭފުޅަކަށްވާތީއެވެ.

ސްރީލަންކާގެ އައު ރައީސް ޑިސަނަޔަކެ ރިޔާސީ ކޭންޕެއިންގެ ދުވަސްވަރު ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ވެރިކަމެއްގައި ސްރީލަންކާގެ ބިމާއި ކަނޑުގެ ސަރަހައްދަކީ އިންޑިއާއަށް ނުރައްކާ ތަނަކަށް ހެދުމުގެ ފުރުސަތު ނުދެއްވާނެއެވެ. ނަމަވެސް އިގްތިސާދީ ކަންކަމުގައި އިސްކަންދޭނީ ސްރީލަންކާ އެދޭ ފެންވަރުގައި އަދި އެ ސްޕީޑްގައި ކަންކަން ކޮށްދެވޭ ގައުމުތަކަށެވެ. މިއީ ޗައިނާއާ އިގްތިސާދީ ގޮތުން ގާތްވާނެކަމުގެ ހެއްކެކެވެ.

ޑިސަނަޔަކެ އަކީ ކޮމިއުނިސްޓް ފިކުރުގެ ބޭފުޅަކަށްވާތީ ފިކުރީގޮތުން އޭނާ ޗައިނާ އާ ގާތްނަމަވެސް ސްރީލަންކާގެ ރައީސްގެ ހައިސިއްޔަތުން އޭނާ އިސްކަން ދެއްވާނެ ކަމަށްބެލެވެނީ ގައުމުގެ އެންމެމަތީ މަސްލަހަތަށްކަމަށް ޖަޔަވަރުދަނާ ވިދާޅުވިއެވެ.

ޚާއްސަކޮށް ސްރީލަންކާ އަދިވެސް އޮތީ އިގްތިސާދީ ގޮތުން ވަރަށް ދަތި ހާލަތެއްގައި ކަމަށްވާތީ މިހާލަތުން އަރައިގަނެވޭނީ ހުރިހާ ގައުމުތަކާއެކު އަދި ޚާއްސަކޮށް އޭޝިއާގެ ބޮޑު ދެބާރުކަމަށްވާ ޗައިނާއާއި އިންޑިއާ އާ މުއާމަލާތް ކުރުމުގައި ތިލަފަތް ހަމަ ސިޔާސަތެއް ގެންގުޅެގެންކަން އޭނާ ފާހަގަ ކުރައްވައެވެ.

ނަމަވެސް އިންޑީއާގެ "އަޑަނީ" ކުންފުންޏާއެކު ސްރީލަންކާ ކުރިން ސޮއިކޮށްފައިވާ ވައިން ހަކަތަ އުފައްދާ މަޝްރޫއުގެ އެއްބަސްވުން އައު ރައީސް ޑިސަނަޔަކެ ބާތިލުކުރައްވާނެކަމަށް ބެލެވޭކަމަށް ޖަޔަވަރުދަނާ ވިދާޅުވިއެވެ. އެއީ ޑިސަނަޔަކެގެ ރިޔާސީ ވައުދަކަށްވާތީއެވެ.

ޖަޔަވަރުދަނާ ވިދާޅުވިގޮތުގައި ސްރީލަންކާގެ އައު ރައީސްގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރާނެ ގޮތެއް ބެލުމަށްޓަކައި އިންޑިއާ ކެތްމަދުވެފައިވާއިރު އިންޑިއާ އެންމެ ކަންބޮޑުވަނީ ޝައިޚް ހަސީނާގެ ސަރުކާރު ވެއްޓިގެން ދިޔުމާއެކު ބަންގްލަދޭޝްގައި އޮތް އިންޑިއާގެ އާދަޔާ ޚިލާފު ބާރާއި ނުފޫޒު ގެއްލިގެން ދިޔަ މައްސަލައިގައެވެ.

ޝައިޚް ހަސީނާގެ އަނިޔާވެރި ސަރުކާރުގެ ފަހަތުގައި އޮތީ އިންޑިއާ ކަމުގެ އިހުސާސް ބަންގަލަދޭޝްގެ އާންމުންގެ މެދުގައި ވަރަށް ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތަށް ބަންގްލަދޭޝްގެ އާންމުންގެ ވިސްނުން ހުރިއިރު ބަންގްލަދޭޝްގައި ދެން ބާއްވާ އިންތިޚާބެއް އިންޑިއާއަށް ތާއީދުކުރާ ކެންޑިޑޭޓަކު ކާމިޔާބު ކުރުމަކީ ވަރަށް ދުރުކަމެއްކަން އިންޑިއާއަށް އެނގޭކަމަށާއި މިއީ އިންޑިއާގެ ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް