ޗައިނާގެ ސޯޝަލް މީޑީއާ އެޕްލިކޭޝަން ޓިކްޓޮކް މަނާކުރުމަށް ކޮންގްރެސްއިން ފާސްކުރި ގާނޫނަށް އެމެރިކާގެ ސުޕްރީމް ކޯޓުން ތާއީދު ކުރުމާ ގުޅިގެން މާދަމާ އެމެރިކާގައި ޓިކްޓޮކް ބޭނުން ނުކުރެވޭނެ ގޮތް ހަދަން "ޓިކްޓޮކް" އިން ނިންމައިފައިވާއިރު އެކަމުގައި އެމެރިކާގެ ހަގީގީ މަގުސަދަކީ ޓިކްޓޮކްގެ ވީޑިއޯތަކުން އިސްރާއީލުގެ އަނިޔާވެރިކަން އެމެރިކާގެ އާންމުންނަށް އެނގޭތީ އެކަން ހުއްޓުވުންކަމަށް މުހައްލިލުން ވިދާޅުވެއްޖެއެވެ.
ބައެއް ރިޕޯޓްތަކާއި މުހައްލިލުންގެ ނަޒަރުގައި އެމެރިކާއިން ޓިކްޓޮކް މަނާކުރުމުގެ ފަހަތުގައިވާ އެއްސަބަބަކީ އެމެރިކާ ނޫންގައުމަކުން އުފައްދާ އެޕްލިކޭޝަނެއް މަޝްހޫރުވެގެން ދިޔުމުން އެކަން އެމެރިކާއަށް ހަޖަމު ނުކުރެވޭ މައްސަލައެވެ. ސޯޝަލް މީޑީއާގައި އޮންނަ އެމެރިކާގެ މޮނޮޕޮލީ ގެއްލިގެންދާނެކަމުގެ ބިރު ހީވާ މައްސަލައެވެ.
އެމެރިކާއަކީ އެގައުމަށް ވުރެ އެހެން ގައުމެއް ކުރިއަރަން ނޭދޭ އަދި ކުރިއަރާނަމަ ކޮންމެފަދަ ހުތުރު ކަމެއްކޮށްގެން ވެސް އެކަން ހުއްޓުވުމުގެ ވިސްނުން ގެންގުޅޭ ގައުމެއްކަން ޓިކްޓޮކް ގެ މައްސަލާގައި ވެސް ދުނިޔެއަށް ހަމަވެފައިވާކަމަށް މިފަރާތްތަކުން ބުނެއެވެ.
މި ފަރާތްތަކުން ބުނާގޮތުގައި އެމެރިކާގައި ޓިކްޓޮކް މަނާކުރުމުގެ ދެވަނަ ސަބަބަކީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކުގެ ހަގީގަތް، ޓިކްޓޮކުގެ ވީޑިއޯ ތަކުން އެމެރިކާގެ ރައްޔިތުންނާ ހަމައަށް ސީދާ ގޮތެއްގައި އެއްވެސް ސެންސަރު ކުރުމެއްނެތި ފޯރާ މައްސަލައެވެ.
އިސްރާއީލުން ބަނޑަށް ޖައްސައިގެން ހާލުދެރަވެފައިވާ ފަލަސްތީނުގެ ނިކަމެތި ކުދިންގެ އަނަރޫފަވެފައިވާ ހަށިތައް އެމެރިކާގެ އާންމުންނަށް ފެނިގެންދިޔުމެވެ. އިސްރާއީލުން ބޮންއަޅައި ފަލަސްތީނުގެ ހޮސްޕިޓަލްތައް ބިމާ ހަމަކޮށް ޑޮކްޓަރުންނާއި ބަލިމީހުންނާއި ނަރުހުން މަރާ ވީޑިއޯތައް ޓިކްޓޮކް ގެތެރެއިން އެމެރިކާގެ އާންމުންނަށް ފެނި އެމެރިކާގެ އާންމުންގެ ހިތްތަކުގައި އިސްރާއީލާމެދު ނަފުރަތު އުފެދެން ފަށާފައި ވުމެވެ.
މިއީ އެމެރިކާގެ ހުރިހާ ކަމަކަށް ބާރާއި ނުފޫޒު ހިންގާ ޔަހޫދީ ލޮބީ ގްރޫޕްްތަކަށާއި އެމެރިކާގެ ޖިއޮޑޯ ކްރިސްޓިޔަނުން ނުވަތަ އިސްރާއީލަކީ މުގައްދަސް ތަނެއްކަމުގެ ވިސްނުން ގެންގުޅޭ އިންޖީލީ ފިކުރުގެ އެމެރިކާ މީހުންނަށް ހަޖަމު ކުރެވޭނެ ކަމެއްނޫންނެވެ.
އިސްރާއީލުގެ ހަގީގަތް ފޮރުވުމަކީ އެމެރިކާގެ ސިޔާސަތުގެ މުހިއްމު ބައެކެވެ. އެމެރިކާ ގެންދަނީ އިސްރާއީލަކީ އިންސާނީ ހައްގުތަކަށް އިހުތިރާމުކުރާ ޑިމޮކްރެޓިކް ގައުކަމަށް ހަދައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޝަރަފުވެރި ޖިހާދަކީ ޓެރަރިޒަމް ކަމަށް ހަދަމުންނެވެ. މިއީ އެމެރިކާ އެގައުުމުގެ ރައްޔިތުންނަށް ފަލަސްތީނުގެ މައްސަލަ އަންގައިދޭން ބޭނުންވާ ގޮތެވެ. ނަމަވެސް ޓިކްޓޮކުގެ ހަގީގީ ވީޑިއޯ ތަކުން ފެންނަ އިސްރާއީލުގެ ހަގީގަތް މިއާ މުޅިން ތަފާތެވެ. އެއިން އިސްރާއީލު ފެންނަނީ ހިޓްލަރުގެ ގޮތުގައެވެ. އެއީ އަސްލު އިސްރާއީލުގެ ސޫރައެވެ. މިއީ އެމެރިކާގެ ރައްޔިތުންނަށް އިސްރާއީލުގެ ހަގީގަތް އޮޅުވާލައިގެން އުޅޭ އެމެރިކާގެ ބާރުގަދަ ޒަޔަނިސްޓުންނަށް ހަޖަމު ކުރެވޭ ކަމެއްނޫނެވެ.
މިހާރުވެސް ޓިކްޓޮކުން ގެނަސްދޭ އިސްރާއީލުގެ އަނިޔާވެރިކަމުގެ ވީޑިއޯ ތަކުގެ ސަބަބުން އިސްރާއީލާމެދު އެމެރިކާގެ އާންމުންގެ މެދުގައި ވަނީ ނަފުރަތު އުފެދެން ފަށާފައެވެ.
އެމެރިކާގައި ޓިކްޓޮކް ނުހުއްޓުވޭނަމަ އެމެރިކާއަށް އިސްރާއީލުގެ އަނިޔާވެރިކަމާއި ޓެރަރިޒަމް ދިފާއު ކުރަން ދަތިވާ ހިސާބަށް މުސްތަގުބަލްގައި ކަންތައް ދާނެކަމަށް އެމެރިކާގައި ވަކި ހިއްޕާލާފައިވާ ޔަހޫދީ ލޮބީ ގްރޫޕްތައް ދެކޭކަމަށް މުހައްލިލުން ވިދާޅުވެއެވެ.
ނަމަވެސް މިގޮތަށް ބާރުގެ ބޭނުންކޮށްގެން ޚިޔާލު ފާޅުކުރުމުގެ ޕްލެޓް ފޯމްތަކަށް ހުރަސްއަޅައިގެން އިސްރާއީލު ހިމާޔަތް ކުރެވޭނީ ކިހާ ދުވަހަކަށްތޯ އާއި އޭގެ ނަތީޖާއަކީ އެެމެރިކާ ގެ ހަރުކަށި ޖޫޑޯ ކްރިސްޓިޔަނުންނާއި ޔަހޫދީ ލޮބީ ގްރޫޕްތައް އެދޭގޮތަށް ނުކުންނާނެ ކަމެއްތޯ ވަނީ ސުވާލު އުފެދިފައއެވެ. އެމެރިކާގެ ގިނަ އަދަދެއްގެ ޓިކްޓޮކް ބޭނުންކުރާ ފަރާތްތައް މިހާރުވެސް ވަނީ ޓީކްޓޮކް ދޫކޮށް ޗައިނާގެ އެހެން އެޕެއްކަމަށްވާ "ރެޑް ނޯޓް" އެޕްލިކޭޝަން ބޭނުންކުރަން ފަށައިފައެވެ.
ޓިކްޓޮކް ކުންފުނިން ނެރުނު ބަޔާނެއް ބުނާގޮތުން އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް އެމެރިކާ ސަރުކާރުން ލުއެއް ދޭނެކަމަށް ނުބެލެވޭނަމަ މާދަމާއިން ފެށިގެން އެމެރިކާގައި ޓިކްޓޮކްގެ ބޭނުން ނުކުރެވޭނެ ގޮތް ހެދުމަށް މިހާރުވަނީ ތައްޔާރުވެފައެވެ.
އެމެރިކާގެ ރައީސް ޖޯބައިޑެންގެ ރިޔާސީ އެންމެ ފަހު ދުވަހަކީ މާދަމާއެވެ. މާދަމާ ނޫން އަނެއް ދުވަހު އެމެރިކާ ރިޔާސަތާ ހަވާލުވާނީ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. ޓްރަމްޕް ވަނީ ޓިކްޓޮކް އެމެރިކާގައި ބޭނުންކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް، އޭނާގެ "ޓުރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައިވާ ގޮތުގައި ޓިކްޓޮކްގެ މައްސަލައާބެހޭގޮތުން އޭނާވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން އާ މަޝްވަރާ ކުރައްވާފައެވެ.
"ޓިކްޓޮކް" ކުންފުނީގެ ސީއީއޯ ޝުޒީ ޗިއޯ ވިދާޅުވިގޮތުގައި ޓިކްޓޮކް އަކީ އެމެރިކާ ރައްޔިތުންގެ ވިންދާ ގުޅިފައިވާ އެޕްއަކަށްވާތީ ޓިކްޓޮކްއަށް ޓްރަމްޕް ދުލެއް ދެއްވާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ޓްރަމްޕް، އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަތުމުގެ ދައުވަތު ޝުޒީ ޗިއޯ އަށްވަނީ ލިބިފައެވެ.
އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 100 މިލިޔަނަށްވުރެ މައްޗަށް އަރާކަމަށް "ދި އިންފޮމޭޝަން" ސައިޓް ބުނެއެވެ. މާނައަކީ އެމެރިކާގެ ރައްޔިތުން ގެ ކޮންމެ ތިންމީހެއްގެ ތެރެއިން އެކަކު ޓިކްޓޮކް ބޭނުންކުރުމެވެ.
ޓިކްޓޮކް މަނާކުރުމުގެ ގާނޫނެއް އެމެރިކާގެ ކޮންގްރެސް އިން ފާސްކުރީ އެމެރިކާ ސަރުކާރުން ޓިކްޓޮކް ބަންދުކުރަން ބޭނުންވާތީއެވެ. ޓިކްޓޮކް މަނާކުރުމަށް އެމެރިކާ ސަރުކާރާއި ކޮންގްރެސްއިން ދައްކާ ހުއްޖަތަކީ ޓިކްޓޮކް ގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތަށް ގެއްލުން ލިބޭވާހަކައެވެ. ޓިކްޓޮކްގެ ސަބަބުން ޗައިނާއަށް އެމެރިކާގެ ދާޚިލީ ކަންކަމުގެ ތެެރެއަށް ވަނުމުގެ ފުރުސަތު ލިބޭނެކަމާއި ކަމުގެ ހުއްޖަތެވެ.
ޓިކްޓޮކް ބޭނުންކޮށްގެން ޗައިނާއިން އެމެރިކާއަށް ޖާސޫސްކުރާ ކަމުގެ ވާހަކައެވެ. މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތްގައުމުތަކުގައި ވެރިކަންކުރާ ޑިކްޓޭޓަރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމާ ދެކޮޅަށް ދައްކާ ބާވަތުގެ ހުއްޖަތެއްކަމަށް އެމެރިކާގެ އާންމުންގެ ގިނަ ބަޔަކު ދެކެއެވެ.
ޑިކްޓޭޓަރުން ވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމަށް ދެކޮޅު ހަދަން ދައްކާ ހުއްޖަތަކީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާކަމުގެ ހުއްޖަތެވެ. އެކަމުގެ ސަބަބުން ފިތުނަ އުފެދޭކަމުގެ ހުއްޖަތެވެ. މި ފެންވަރަށް އެމެރިކާގެ ވިސްނުން ވެއްޓިގެން ދިޔައީތޯ އެމެރިކާގެ ބައެއް ފަރާތްތަކުން ގެންދަނީ ސުވާލު ކުރަމުންނެވެ.
އަނެއްކޮޅުން ސޯޝަލް މީޑިއާގައި ބޭނުންކުރާ އެމެރިކާގެ އެޕްލިކޭޝަން ތަކަކީ ވެސް އެހެން ގައުމުތަކުގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ބުނެވޭނެ ޖާގަ ހުރި އެޕްތަކެއްކަމަށް މިފަރާތްތަކުން ދެކެއެވެ.
އެމެރިކާގެ ގިނަ އެޕްތަކަކީ އެތަކެތި މެދުވެރިކޮށް ޖާސޫސީ ކުރެވޭ އެޕްތަކެކެވެ. ގައުމީ ސަލާމަތަށް ނުރައްކާ ކުރެވޭ ތަކެއްޗެވެ. އެހެންކަމުން ހަގީގަތުގައި އެމެރިކާގައި ޓިކްޓޮކް މަނާކުރުމުގެ ފަހަތުގައި ވަނީ އިސްރާއީލުގެ ލޮބީއެވެ. އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާކޮށް އިސްރާއީލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމުތަކަށް ވާގިވެރިވާ ބާރުގަދަ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަށް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.