ރާއްޖޭގައި އަލަށް ގާއިމުކުރާ ޑިވެލޮޕްމަންޓު ބޭންކު އިމާރާތުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ބައްލަވާލައްވައިފިއެވެ.
ޑިވެލޮޕްމެންޓް ބޭންކުތަކަކީ، ގައުމުގައި އިންޑަސްޓްރީތަކާއި، ވިޔަފާރިތައް އުފައްދާ، ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ އިދާރާއެކެވެ. އެގޮތުން، ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ލޯނާއި އެހެނިހެން މާލީ އެހީތެރިކަން ވެސް ޑިވެލޮޕްމަންޓް ބޭންކުތަކުން ފޯރުކޮށްދޭނެއެވެ.
ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާއިރު، އެ ބެންކު އިމާރާތުގެ މަސައްކަތްތައް ސައީދު ވަނީ ބައްލަވާލައްވާފައެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި މި ބޭންކު ހުޅުވައި ޚިދުމަތްދޭން ފެށުމެވެ.
މީގެ ކުރިން ރައީސް ވަނީ އެ ބެންކުގެ ސީއީއޯކަމާއި ޗެއާޕާސަން ކަމަށް ރާއްޖެއިން ބޭރުގެ ދެ ތަޖުރިބާކާރުން އައްޔަންކުރައްވާފައެވެ.
އެގޮތުން، ޗެއާޕާސަނަކަށް އައްޔަންކުރެއްވީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ. އެއީ، 25 އަހަރުގެ ތަޖުރިބާ ހުންނެވި މާލީ ދާއިރާގެ މާހިރެކެވެ. އެ ބޭންކްގެ ސީއީއޯކަމަށް އައްޔަންކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސްއެވެ. އޭނާއަކީ ތިމާވެއްޓާ ރައްޓެހި އިންވެސްޓްމަންޓުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.
މިދިޔަ އޮގަސްޓު މަހުގެ 21ގައި ވަނީ ޑިވެލްޕްމަންޓް ބޭންކަށް ތިން މެމްބަރުން އައްޔަން ކުރައްވައިފައެވެ. އެއީ؛
- އަހުމަދު އަލީ، މއ. ވޭސައިޑް 805 ފްލެޓް
- ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދު، ސިންގަޕޫރު
- ރޮބާޓް ޑެނިއެލް ކާންޓް، ޔުނައިޓެޑް ކިންގްޑަމް
މީގެކުރިން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފައްދާ ޑިވެލޮޕްމަންޓް ބޭންކު ފެއްޓުމަކީ ވަރަށް ތާރީޚީ ކަމެއް ކަމަށެވެ. އަދި، މި ބޭންކު ގާއިމުކުރުމުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އިގުތިސާދު ފުޅާކޮށް، ސިންދަފާތުކޮށް، ކުރިއަށް ގެންދިޔުން ކަމަށް ވިދާޅުވެފައިވެއެވެ.