ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ބިންވެރިޔާ ސްކީމްގެ ދަށުން، ޝަރުތު ހަމަނުވި ނަމަވެސް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެއަށް ގޯތި ދިންކަމުގެ ތުހުމަތަށް އޭނާ ރައްދުދެއްވައިފިއެވެ.
ކުރީ ސަރުކާރުގައި، މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރެފައިވާ ބިންވެރިޔާ ސްކީމްގެ ފައިނަލް ލިސްޓުގައި ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދުގެ ނަން އޮތެވެ. ނަމަވެސް އޭނާއަށް އޮތީ ޝަރުތު ހަމަނުވާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސަރުކާރުން ހިންގައިފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އޭނާއަށް ކުރިން ގޯއްޗެއް ލިބިފައި އޮތުމެވެ.
އެހެންނަމަވެސް، އެ ސްކީމްގެ ދަށުން ފަޒީލަށް ގޯތި ދިނުމަށް އެއްބަސްވެ، ހަދައިފައިވާ އެއްބަސްވުމެއް "ސަން"އަށް ލިބިފައިވެއެވެ.
މީގެ އިތުރުން ހުޅުމާލެ ލޮޓް ނަމްބަރު 20768 ގޯތި ލިބިފައިވާ ކަމަށް ދެ ފަރާތަކުން ބުނެ، އެ ބިމުގައި ވަށާފާރު ރޭނުމަށް އެ ދެ ފަރާތުން ވެސް އެދިފައިވާ ކަމަށް ބުނެ އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވައިފައިވާ ސިޓީއެއްވެސް "ސަން"އަށް ލިބިފައިވެއެވެ.
އެ ސިޓީގައި ފާހަގަކޮށްފައިވާ އެއް ނަމަކީ ފަޒީލެވެ.
އެ ސިޓީގައި ޖަވާބުގައި ހައުސިން މިނިސްޓްރީން ބުނެފައިވަނީ، އެޗްޑީސީގެ ސިޓީގައި ފާހަގަކޮށްފައިވާ މީހުންނަކީ އެ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅައިފައިވާ މީހުން ނޫންކަން ޑޭޓާބޭސްއިން ދައްކާ ކަމަށެވެ. އަދި 20768 ގޯއްޗަކީ އެ މިނިސްޓްރީން އެހާތަނަށް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިނުވާ ދެ ގޯތި ކަމަށް ވެސް ސިޓީގައިވެއެވެ.
އެ ތުހުމަތުތަކާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވީ، އޭނާގެ އާއިލާގެ މެންބަރުންގެ ނަން ގޯތި ލިސްޓުގައި އޮތަސް، ގޯތި ހައްގުވާކަން ނިންމާނީ ހައުސިން މިނިސްޓްރީން ކަމަށެވެ. އަދި ގޯތި ދިނުމަކީ އެޗްޑީސީން ކުރާ ކަމެއް ނޫންކަން އޭނާ ތަކުރާރުކުރެއްވިއެވެ.
"މި [މައްސަލައިގައި] ބޭބެއަށް ވުމަކީ އިއްތިފާގެއް، އަޅުގަނޑުގެ އިޝޫއެެއް ނެތޭ ތިޔަކު،" ފަޒީލްއަށް ލިބިފައިވާ ކަމަށް ބުނާ ގުޅޭ ގޯއްޗާ ބެހޭ ގޮތުން ނޫސްވެރިޔަކުކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފަޒުލް ވިދާޅުވިއެވެ.
އެ ލިޔެކިޔުންތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ލޮޓް ނަމްބަރު 20768ގައި ފާރު ރޭނުމަށް ފުރަތަމަ އެޕްލިކޭޝަން ލިބުނީ ޖޫން 30ގައި ކަމަށާއި ދެވަނަ އެޕްލިކޭޝަން ލިބުނީ 17 ޖުލައިގައި ކަމަށެވެ.
އެހެންވެ އެކަން ޖުލައި 24ގައި ހައުސިން މިނިސްޓްރީއަށް އެންގި ކަމަށާއި، އެއް ގޯއްޗަކަށް ދެ އެޕްލިކޭޝަން ފޯމު ލިބުމުގެ އިތުރު މައްސަލައެއްގައި ވެސް ޖުލައި މަހުގެ 22ގައި ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވިކަން އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު އާންމުވެފައިވާ ލިޔެކިޔުންތަކަކީ އެ ދެ ސިޓީއަށް ހައުސިން މިނިސްޓްރީން އޮގަސްޓު މަހުގެ 15ގައި ދިން ޖަވާބު ކަމަށް ފަޒުލް ވިދާޅުވިއެވެ.
އެޗްޑީސީން އެއްވެސް ވަކި ބަޔަކަށް ޕްލޮޓްތަކެއް ދީފައި ނުވާނެކަން ތަކުރާރުކުރައްވައި، އެ ކުންފުނިން އަމަލުކުރީ އުސޫލާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެެހެންވީމަ އަޅުގަނޑުގެ އަބުރު ކަތިލަން ވިޔަސް އަދި ސިޔާސީ މަންފާއެއް ހޯދަން ވިޔަސް ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އަޅުގަނޑާ ބެހޭ ގޮތުން އަދި އެޗްޑީސީއާ ބެހޭ ގޮތުން ވެސް ދައްކާ ކޮންމެ ވާހަކައަކަށް އަޅުގަނޑު މިހިރީ ފުރިހަމައަށް ޖަވާބުދާރީވާން ތައްޔާރަށް،" ފަޒުލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގޯތި ދިނުމުގައި އޭނާގެ އެއްވެސް މަސްލަހަތެއް ނެތް ކަމަށާއި ފަޒީލަށް ދީފައި އޮތް ކަމަށް ލިޔުމުގައި ބުނާ ގޯތީގެ މައްސަލަ ވެސް އެޗްޑީސީއަށް ފާހަގަވީ ވަށާފާރު ރާނަން، ދެ ފަރާތަކުން އެދުމުން ކަމަށެވެ.
އެ މައްސަލަ ފާހަގަވުމުން، ފާރު ރާނަން ދީފައި އޮތް ހުއްދަ ކެންސަލްކޮށްފައިވާ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ނޮޓިފައިވި ހިސާބުން އެ ގޯސް ރަނގަޅު ކުރުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ވާނީ ކޮށްފައި،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ގޯތީގެ ވަށާފާރު ރޭނުމަށް ހުއްދަ ދިނުމަކީ އެޕްލިކޭޝަން ލިބުމާއެކު، އޮޓޮމެޓިކްކޮށް ކުރިއަށްދާ މަސައްކަތެއް ކަމަށާއި އެއީ މުނިޕިސަލް ޚިދުމަތެއް ކަމަށް ފަޒުލް ވިދާޅުވިއެވެ.
"މިތަނަށް އަންނަ ކޮންމެ ޚިދުމަތަކީ އަޅުގަނޑަށް އެނގޭނެ މައުލޫމާތެއް ނޫން. [އެއް މީހަކު ދެ ގޯއްޗަކަށް އެޕްލައި ކުރުން ފަދަ] މިކަހަލަ ކޮމްޕްލިކޭޝަން ދިމާވާ ހާލަތުގައި އަޅުގަނޑަށް މައުލޫމާތު އެނގޭނީ،" ފަޒީލްގެ އެޕްލިކޭޝަނާ ގުޅުވައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވިއެވެ.
މި ތުހުމަތުތައް ފެންމަތިވި ފަހުން ފުލުހުން ވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއްގައި ޖިނާއީ ތަހުގީގެއް ހިންގަމުން އަންނަ ކަމަށް ބުނެފައެވެ.
އެ މައްސަލައިގައި ވެރިކަން ކުރާ ޕާޓީގެ ބައެއް މެންބަރުން ހިމެނޭ ގޮތަށް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން އެމްޑީޕީން ވަނީ އުސޫލުން ބޭރުން 50 ގޯތި ދީފައިވާކަމަށާއި، އެއީ ސަރުކާރަށް ވެސް އެނގިގެން ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކޮށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.