ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯ އަދި ޗެއާޕާސަންކަމަށް ބޭރުގެ ދެ ތަޖުރިބާކާރުން

ރައީސް މުއިއްޒު، ޑިވޮލޮޕްމަންޓް ބޭންކްގެ ސީއީއޯއާއި ޗެއާޕާސަނާ ބައްދަލުކުރެއްވުން: އެ ބޭންކަށް އައްޔަންކުރެެއްވީ ބޭރުގެ ދެ ތަޖުރިބާކާރުން -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގައި އަލަށް އުފައްދާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ކަމާއި ޗެއާޕާސަން ކަމަށް ރާއްޖެއިން ބޭރުގެ ދެ ތަޖުރިބާކާރުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.

ޑިވެލޮޕްމަންޓް ބޭންކަށް އައްޔަންކުރެއްވި ބޭރުގެ ދެ ތަޖުރިބާކާރުން މިއަދު ހެނދުނު ވަނީ ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.

ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކް އުފެއްދީ މިދިޔަ މޭ މަހުގެ 16 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ، އެ ބޭންކްގެ ޗެއާޕާސަން ކަމަށް އައްޔަންކުރެއްވި ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ. އެއީ، 25 އަހަރުގެ ތަޖުރިބާ ހުންނެވި މާލީ ދާއިރާގެ މާހިރެކެވެ. ދަރަނީގެ އެސެސްމަންޓާއި ކުރިއަރަމުން އަންނަ މާކެޓުތަކުގެ ރިސްކް މެނޭޖްމަންޓްގެ ދާއިރާއިން ތަޖުރިބާ ހުންނެވި އަރުނީ ވަނީ އަވައްޓެރި ސްރީލަންކާގެ ބައެއް ބޭންކްތަކުގެ އިސް މަގާމުތައް ވެސް ފުރުއްވައިފައެވެ.

ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯ (ވ) އަދި ޗެއާޕާސަން (ކ): ދެ ބޭފުޅުން މިއަދު ވަނީ ރައީސާ ބައްދަލުކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

އޭނާ ވަނީ ހާވާޑް ޔުނިވާސިޓީން މާސްޓާސް އޮފް ލޯސް ހާސިލުކުރައްވައިފައެވެ.

އެ ބޭންކްގެ ސީއީއޯކަމަށް އައްޔަންކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސްއެވެ. އޭނާއަކީ ތިމާވެއްޓާ ރައްޓެހި އިންވެސްޓްމަންޓުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.

ސައުދީ އަރަބިއްޔާގެ ނެޝަނަލް އިންފްރާސްޓްރަކްޗާ ފަންޑް އުފެއްދުމުގައި އެ ފަންޑްގެ ޗީފް އިންވެސްޓްމަންޓް އޮފިސަރުކަން ވެސް އޭނާ ފުރުއްވިއެވެ. އޭގެ އިތުރުން، އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑް ވެސް ޗެއާކުރައްވާފައިވެއެވެ.

ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޮޑް ޔުނިވާސިޓީން އެމް ފިލް މެނޭޖްމަންޓް ސްޓަޑީޒް ހާސިލުކުރައްވައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ދިވެހި އިގުތިސާދު ސިންދަފާތުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

https://sun.mv/195966

އެ ބައްދަލުކުރެއްވުމުގެ ކުރިން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގަ ފުރަތަމަ ފަހަރަށް އުފައްދާ ޑިވެލޮޕްމަންޓް ބޭންކު ފެއްޓުމަކީ ވަރަށް ތާރީޚީ ކަމެއް ކަމަށެވެ. އަދި، މި ބޭންކު ގާއިމުކުރުމުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އިގުތިސާދު ފުޅާކޮށް، ސިންދަފާތުކޮށް، ކުރިއަށް ގެންދިޔުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ބޭންކު ގާއިމުކުރެވި، ދުނިޔޭގެ އެކި ތަންތަނުގައި ވަރަށް ތަޖުރިބާކާރު ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ބޭފުޅެއް ސީއީއޯއަކަށް ވެސް ހަމަޖެހިފަ ހުރީ، ޗެއާމަނަކަށް ވެސް ހަމަޖެހިފަ މިވަނީ،" ބައްދަލުކުރެއްވުމުގެ ކުރިން މީސްމީޑިއާއަށް ދޫކޮށްލެއްވި މެސެޖެއްގައި ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ޑިވެލޮޕްމަންޓް ބޭންކު ރާއްޖޭގައި ގާއިމުކުރެވި، އެ މަސައްކަތް ފަށައިގަނެވުމާ އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ރިސޯޓުތައް ހެދުމަށާއި، ރިނިއުބަލް އެނާޖީގެ ދާއިރާއިންނާއި އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓުކުރާނެ ފަރާތްތަކަށް ހަބެއްގެ ގޮތުގައި ވެގެންދާނެ ކަމަށެވެ.

އަދި، މި ބޭންކު ވާނީ ރިއަލް އެސްޓޭޓާއި ހައުސިން މާކެޓަށް ވެސް އިންވެސްޓުކުރެވޭނެ ހަބަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

https://sun.mv/195784

މި މަހުގެ 21 ވަނަ ދުވަހު ވަނީ ޑިވެލްޕްމަންޓް ބޭންކަށް ތިން މެމްބަރުން އައްޔަން ކުރައްވައިފައެވެ. އެއީ؛

  • އަހުމަދު އަލީ، މއ. ވޭސައިޑް 805 ފްލެޓް
  • ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދު، ސިންގަޕޫރު
  • ރޮބާޓް ޑެނިއެލް ކާންޓް، ޔުނައިޓެޑް ކިންގްޑަމް

ރައީސް އޮފީހުން ބުނީ، މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދާނެ ކުންފުންޏެއް ކަމަށެވެ.

އަދި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެއް ކަމަށެވެ.

ޑިވެލޮޕްމެންޓް ބޭންކުތަކަކީ، ގައުމުގައި އިންޑަސްޓްރީތަކާއި، ވިޔަފާރިތައް އުފައްދާ، ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭންކުތަކެވެ. އެގޮތުން ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ލޯނާއި އެހެނިހެން މާލީ އެހީތެރިކަން ވެސް ޑިވެލޮޕްމަންޓް ބޭންކުތަކުން ފޯރު ކޮށްދޭނެއެވެ.

comment ކޮމެންޓް