ޑިވެލޮޕްމަންޓް ބޭންކަށް ދިވެއްސަކާއި ބޭރު ދެ ބޭފުޅުން އައްޔަންކުރައްވައިފި

ޑިވެލޮޕްމަންޓް ބޭންކުގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހުމަދު އަލީ

ސަރުކާރުގެ މުހިންމު ތަރައްގީގެ މަޝްރޫއުތަކަށް ޚާއްސަކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ޑިވެލްޕްމަންޓް ބޭންކް އޮފް މޯލްޑިވްސަށް ތިން މެމްބަރުން މިއަދު އައްޔަން ކުރައްވައިފިއެވެ.

މިއަދު ޕީސީބީން އެ ބޭންކަށް އައްޔަން ކުރައްވާފައި ވަނީ، ބޭރުގެ ދެ ބޭފުޅުންނާއި ދިވެހި ބޭފުޅެކެވެ. އެއީ:

  • އަހުމަދު އަލީ، މއ. ވޭސައިޑް 805 ފްލެޓް
  • ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދު، ސިންގަޕޫރު
  • ރޮބާޓް ޑެނިއެލް ކާންޓް، ޔުނައިޓެޑް ކިންގްޑަމް

މި ބޭންކަށް އައްޔަންކުރައްވާފައިވާ އަހުމަދު އަލީ އަކީ މީގެ ކުރިން މީރާގެ އެސިސްޓެންޓް ކޮމިޝަނާ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ޑިވެލްޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފައްދާފައި ވަނީ މޭމަހުގެ 16ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދާނެ ކުންފުންޏެއް ކަމަށެވެ.

އަދި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެއް ކަމަށެވެ.

ޑިވެލޮޕްމެންޓް ބޭންކުތަކަކީ، ގައުމުގައި އިންޑަސްޓްރީތަކާއި، ވިޔަފާރިތައް އުފައްދާ، ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭންކުތަކެވެ. އެގޮތުން ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ލޯނާއި އެހެނިހެން މާލީ އެހީތެރިކަން ވެސް ޑިވެލޮޕމަންޓް ބޭންކުތަކުން ފޯރު ކޮށްދޭނެއެވެ.

comment ކޮމެންޓް