ނުކުރާނަމޭ ބުނި ހުރިހާ ކަމެއް ކޮށްފި، މި ސަރުކާރު ވެއްޓޭނެ: ނާޒިލް

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް: އޭނާ ވިދާޅުވީ މި ސަރުކާރުން ނުކުރާނަމޭ ބުނި ހުރިހާ ކަމެއް ކޮށްފި ކަމަށް -- ފޮޓޯ/ މަޖިލީސް

މި ސަރުކާރުން ވެރިކަމަށް އަންނަންވެގެން ނުކުރާނެ ކަމަށް ބުނި ހުރިހާ ކަމެއް މިހާރު ކޮށްފައިވާ ކަމަށާއި ނުވެއްޓޭނެ ކަމަށް ބުނި ނަމަވެސް ވެރިކަން ވެސް ވެއްޓޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވައުދާ ހިލާފުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުން އަންނަ ހަރުގެ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ނާޒިލް ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އަންނަންވެގެން ރައްޔިތުން ގާތުގައި ވީ ހުރިހާ ވައުދަކާ ހިލާފުވެފައިވާ ކަމަށެވެ. އެ ކަންކަމުގެ ދިގު ލިސްޓެއް ނާޒިލް ހިއްސާކުރެއްވިއެވެ.

އެންމެ ފުރަތަމަ ކަމަކަށް ވިދާޅުވީ، އައްޑޫގައި މަސައްކަތްކުރާ ފެނަކަ ކުންފުނީގެ 100 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އެކަމަކު، ވެރިކަމަށް އަންނަންވެގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، އެއްވެސް މުވައްޒަފަކު ވަކިނުކުރާނެ ކަމަށް ކަމަށާއި އެ ވައުދާ ވެސް ހިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަސްވެރިންނަށް ދޭ ފައިސާ ކުޑަނުކުރާނަމޭ، ހަމަ ޔަގީނުން ވެސް ކުޑަކޮށްފި. ރައްޔިތުންނަށް އެބަ އެނގޭ ވަރަށް ސާފުކޮށް،" އޭނާ ވިދާޅުވިއެވެ.

"މާލޭ ރައްޔިތުންގެ ގޯތި ދޭނަމޭ [ވިދާޅުވި]. ހަމަ ޔަގީނުން ވެސް ނުދޭނެ. ފުލެޓު ދޭނަމޭ [ވިދާޅުވި]. ނުދޭނެ، އަދިވެސް ނުދޭ. މިއީ ހަގީގަތް. އާސަންދަ ކަނޑައިނުލާނަމޭ. ކަނޑާލައިފި. ދުބާއީއަށޭ ފޮނުވާނީ ތައިލެންޑަށޭ ފޮނުވާނީ. އަދިއަކު ނުފޮނުވޭ،"

އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް: އޭނާ ވިދާޅުވީ މި ސަރުކާރު ނުވެއްޓޭނޭ ބުންޏަސް ވެއްޓޭނެ ކަމަށް -- ފޮޓޯ/ އެމްޑީޕީ

ނާޒިލް ވިދާޅުވީ، ޑޮލަރުގެ އަގު ވެސް ބޮޑުނުވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އެކަމަކު، ޑޮލަރެއް މިހާރު ލިބެނީ 18.90 ރުފިޔާއަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ، ވެސް ހެއްދެވި އިތުރުފުޅެއް ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އިދިކޮޅުގައި މި ސަރުކާރުގެ ބޭފުޅުން ތިބިއިރު ރާއްޖޭގައި ތިބި ކަމަށް ބުނި އިންޑިއާ ސިފައިން ފޮނުވާލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު ކަމަށާއި އެކަމަކު، އޭރު އެ ތިބި ބަޔަކު އަދިވެސް މި ރާއްޖޭގައި އެބަތިބި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"މި ސަރުކާރު ނުވެއްޓޭނޭ ވެސް ބުނި. ވެއްޓޭނެ މި ސަރުކާރު. ވެއްޓޭނެ،" ވާހަކަ ނިންމަވައިލައްވަމުން އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމަށް އަންނަންވީ ވައުދުތަކާ ހިލާފުވި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ގިނަ ތުހުމަތުތަކެއް ކުރެއެވެ. އެކަމަކު، ސަރުކާރުން އަންނަނީ އެ ތުހުމަތުތަކަށް އިންކާރުކުރަމުންނެވެ.

comment ކޮމެންޓް