ބީއެމްއެލްގެ ''ބަޣާވާތު''ގެ މައްސަލައިގައި އެއްވެސް މީހަކާ މިހާތަނަށް ސުވާލެއް ނުކުރޭ

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު: ބީއެމްއެލްގެ 'ބަޣާވާތު'ގެ މައްސަލައިގައި އެއްވެސް މީހަކާ މިހާތަނަށް ސުވާލު ނުކުރާ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ/ ފުލުހުން

ބީއެމްއެލްއިން ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުން ހުއްޓާލަން އިއުލާން ކުރުމާ ގުޅުވައި ބަޣާވާތްކުރަން އުޅުނު ކަމަށް އިދިކޮޅަށް ތުހުމަތުކޮށް، ފުލުހުން ފަށައިފައިވާ ތަހުގީގުގައި މިހާތަނަށް އެއްވެސް މީހަކާ ސުވާލުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި, ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެ މައްސަލައި އެއްވެސް މީހަކާ ސުވާލުކޮށް ބަޔާން ވެސް ނަގައިފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިވަގުތު ވެސް ކުރެވެމުން މިދަނީ މައުލޫމާތުތައް ހޯދައި އެއްކޮށް، އަދި ޖިނާއީ ކްރިމިނަލް ޕްރޮސީޑިންއެއް އޭގެ ކުރިއަށް ގެންދަން ޖެހޭ މިންވަރަށް އެ ކަންތައްތައް ފުރިހަމަވޭތޯ،" އޭނާ ވިދާޅުވިއެވެ.

އެ ތަހުގީގާ ގުޅޭ އިތުރު ތަފުސީލެއް ޝިފާއު ނުދެއްވައެވެ.

ބީއެމްއެލްއިން ރުފިޔާ ކާޑުތަކަށް ޑޮލަރު ދޫކުރުން ހުއްޓާލަން ނިންމިކަން މިދިޔަ މަހުގެ 25ގައި އިއުލާންކުރުމާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފެށިއެވެ. އޭގެ ތެރޭގައި ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތައް ހިމެނޭއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން އޭރު ގެންދިޔައީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުންނެވެ.

https://sun.mv/195996

ބީއެމްއެލްގެ އެ ނިންމުމާ ގުޅުވައި ފުލުހުން ޖެހިގެން އައި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އެ ބައްދަލުވުން ބޭއްވި އެ ވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއު އާންމު ހަމަޖެހުން ނަގާލުމަށް ގޮވައި، ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދައިފައިވާތީ، އެކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރި ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ބަޔާނުގައިވެއެވެ.

އެހެންވެ، އެ މައްސަލަ ފުލުހުންގެ ފަރާތުން ތަހުގީގުކުރަން ފެށީ ކަމަށް ބަޔާނުގައިވެއެވެ.

ބީއެމްއެލްއިން ރުފިޔާ އެކައުންޓުތަކަށް ޑޮލަރު ދޫނުކުރަން ކުއްލި ގޮތަކަށް ނިންމުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުގެ ތެރޭގައި ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި ބޭރުން މުދާ ގެންނަ ކުދި ވިޔަފާރިތައް ހިންގާ ފަރާތްތައް ހިމެނެއެވެ. އެ މައްސަލައިގައި ސިޔާސީ ކޯޅުންތައް އިތުރުވިއިރު، ސަރުކާރަށް ތާއިދު ކުރާ ބައެއް ފަރާތްތަކުން ވެސް އިދިކޮޅުން ބަޣާވާތް ކުރަން އުޅުނުކަމުގެ ތުހުމަތު ކުރިއެވެ.

މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ އެއީ ބަޣާވާތެއް ގެންނަން އުޅުމުގެ ގޮތުގައި ސިފަކުރައްވައިފައެވެ.

https://sun.mv/196001

ބީއެމްއެލްއިން ޑޮލަރު ދޫނުކުރަން ނިންމުމަށް ފަހު، ހަމަ އެ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިރުޝާދަށް ނިންމުން ބަދަލުކުރިއެވެ.

އެ ނިންމުން ބަދަލުކުރިކަން ބީއެމްއެލްއިން އިއުލާން ކުރި ފަހުން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ބީއެމްއެލްއިން ޑޮލަރު ދޫނުކުރަން ނިންމީ ރައީސްގެ އިރުޝާދާ ޚިލާފަށް ކަމަށް ބުނެފައެވެ.

https://sun.mv/196511

އެ މައްސަލަ ފެންމަތިވި ފަހުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ. އެ ބޭންކުގައި 42 އަހަރު ޚިދުމަތް ކުރައްވައިފައިވާ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން ވަނީ އޭގެ ކުރިން ކުންފުނީގެ ބޯޑުން އިސްތިއުފާ ދެއްވައިފައެވެ.

comment ކޮމެންޓް