ޑީޕޯޓުކޮށްފައިވާ މީހަކު އެތެރެކުރި މައްސަލައެއްގައި އިމިގްރޭޝަން އޮފިސަރެއް ހައްޔަރުކޮށްފި

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއް މޯލްޑިވްސް އިމިގްރޭޝަނުން ޑީޕޯޓްކޮށްފައި ވަނިކޮށް، އެމީހާ އަލުން އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައި އިމިގްރޭޝަން އޮފިސަރަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން "ސަން" އިން ސުވާލުކުރުމުން ފުލުހުން ވަނީ، އެ އިދާރާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި މޯލްޑިވްސް އިމިގްރޭޝަނުގައި މަސައްކަތްކުރާ މުވައްޒަފެއް ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެކަމަކު "ސަން" އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ ޑީޕޯޓް ކޮށްފައިވާ ބިދޭސީއެއް އެތެރެ ކުރިކަމުގެ ތުހުމަތުގައެވެ.

މި މައްސަލައިގައި މޯލްޑިވްސް އިމިގްރޭޝަންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ.

އިމިގްރޭޝަނަކީ ޒަމާނުންސުރެ މިފަދަ ތުހުމަތުތައް ކުރެވޭ މުއައްސަސާއެކެވެ. އެގޮތުން އެތަނުގައި މަސައްކަތް ކުރާ ބައެއް މީހުން ބިދޭސީން ނުގަވައިދުން އެތެރެ ކޮށްދީގެން ނާޖާއިޒު ފައިދާތައް ނަގާކަމުގެ ތުހުމަތުތައް އަބަދުވެސް ކުރެވެއެވެ.

ރާއްޖޭގައި ޒަމާންވީ މައްސަލައެއް ކަމަށްވާ ޤަވާއިދާ ޚިލާފަށް އުލޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހު އެކަނިވެސް އޭގެ 43 މީހަކު ދެނެގަނެ، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

comment ކޮމެންޓް