ބެއްޔަތުއްތުގެ ''ޖާމާސް''ގެ ފޮތްގަނޑަކުން!

ނޯޓު: މިއީ 2019ވަނަ އަހަރު ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުން ލިޔުމަށް ވެދުވެރިފައިވަނީ، ޒުވާން ލިޔުންތެރިޔާ އަލްފާޟިލާ ނަސްމާ ޢަބުދުލްމުޙުސިން ލިޔުމެއް ލިޔުއްވަން، ބޭނުންފުޅުވި މަޢުލޫމާތެއް ހޯއްދެއްވުމަށް، އަޅުގަނޑާ ފޯނުން ދެކެވުނު ވާހަކައެއްގެ ސަބަބުންނެވެ. އެކަން ކޮންމެވެސް މިންވަރަކަށް މި ލިޔުމުގައި ވެސް ހިއްސާކޮށްފައިވާނެއެވެ. ސަން އޮންލައިން ނޫހުގައި އަޅުގަނޑު ލިޔަމުންދާ ކޮލަމަކީ ދިވެހިބަހާ ގުޅުންހުރި ވާހަކަތަކެއް ލިޔާ ސިލްސިލާ ލިޔުންތަކެކެވެ. އެހެންކަމުން، 2019ގައި އަޅުގަނޑު ލިޔެފައިވާ މި ލިޔުމަކީ ވެސް އެ ކޮލަމުގައި ހިމަނައިލެވިދާނެ ލިޔުމެއްކަމުގައި ދެކޭތީއާއި މި ލިޔުން އެހެން ނޫހެއްގައި ޝާއިޢުކުރި ހަނދާންނުވާތީ، އަލުން ހިރަފުސްފޮޅައިލުމަށް ފަހު މި ކޮލަމުގައި ހިމަނައިލި ވާހަކަ ކިޔުންތެރީންގެ މައުލޫމާތަށް ޓަކައި ދަންނަވަމެވެ.

ބެއްޔަ ތުއްތު ހައްދަވާފައިވާ "ހިތުގައި ވާ އެދުން ނުފުދިފައި" މި ޅެމުގެ ތިންވަނަ ބައިތުގެ ޢަޖުޒުގެ ފެށުމުގައި އޮތް "ޖާމާސް" އަކީ ކޮބައިތޯ ބަލައިލަދިނުމަށާއި އަދި އެ ލަފުޒުގައި އެ ބުނަނީ ކޮން ވާހަކައެއްތޯ ބަލައިލަދިނުމަށް، ޒުވާން ލިޔުންތެރިޔާ އަލްފާޟިލާ ނަސްމާ ޢަބުދުލްމުޙުސިން އަޅުގަނޑުގެ ކިބައިން އެދުނެވެ. މި އެދުމަށް އިޖާބަދީ އެ ކަމަށް ކުރެވުނު މަސައްކަތާއި އެ މަސައްކަތުގެ ޙާޞިލާއި އަދި އަޅުގަނޑު އެ ލަފުޒާމެދު ދެކޭ ގޮތް ހިއްސާކޮށްލާނަމެވެ.

މި ލަފުޒުގެ މާނަ ދެނެގަތުމަކަށް އެއްވެސް އުނދަގުލެއް ނެތެވެ. ވަރަށް ފަސޭހައެވެ. އެއީ ޖާމާސްއަކީ ކޮބައިކަން ބެއްޔަތުއްތު ވިދާޅުވެދެއްވާފައި ވާތީއެވެ. ޖާމާސްގެ ފޮތެއްކަން އެބަ އެނގެއެވެ. އަދި ކީއްހެއްޔެވެ؟ އަދި ޖާމާސްގެ ފޮތަކީ ފޮތްގަނޑެއްކަން ވެސް އެނގެއެވެ. އެހެނަސް ނޭނގިގެން މި އުޅެނީ "ޖާމާސް" އަކީ ކޮބައިކަމެވެ. އެކަމަކު، ޖާމާސްގެ ފަހަތަށް ނިސްބަތުގެ "ގ" އައިމާ އެއީ ޖާމާސްއަށް ނިސްބަތްވާ ފޮތެއްކަން އެނގިއްޖެއެވެ. އެހެންވީމާ ޖާމާސްއަކީ ކޮބައިކަން ދެނެގަނެވޭތޯ ބަލަމާ ހިންގަވާށެވެ.

އީސާ ޝަރީފްގެ "އެ ފަރާތް" ފޮތުން ނަގާފައި

މި ދެންނެވި ސުވާލުގެ ޖަވާބު ހޯދުމަށް ޚުދު ނަސްމާ ވެސް ލައްކަ މަސައްކަތްކުރައްވާފައި ވާނޭ ކަން ކަށަވަރެވެ. ޅެން ހެއްދެވި ޅެންވެރިޔާ ބެއްޔަތުއްތުގެ ދަރިފުޅު އަލްފާޟިލް ޢީސާ ޝަރީފަކީ ވެސް މި ވަގުތު ދުނިޔޭގައި ހުންނެވި ބޭފުޅެއް ވީމާ އެންމެ ފުރަތަމަ ވެސް އަހައިލާނީ އޭނާ ގާތުގައި ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ދެ ހައިސިއްޔަތަކުންނެވެ. ދަރިއެއްގެ އިތުރުން މި ވަގުތު ރާއްޖޭގައި ތިއްބެވި ދިވެހި ޅެންވެރިކަމަށް ލޯބިކުރައްވާ އަދި ރީތި އަސަރުން ފުރިގެންވާ އަދަބީ މޮޅު ޅެންތަކެއް ހައްދަވާފައިވާ އަދި ހައްދަވަމުންގެންދަވާ ބޭފުޅެއް ކަމުގައިވީތީއެވެ. އެކަން ހިނގާފައި އޮތީ ވެސް އެ ބީދައިންނެވެ. ޅެންވެރިޔާ ޢީސާ ޝަރީފު ދެއްވި ޖަވާބު ނަސްމާ ލިޔުއްވާފައިވާ ގޮތަށް ނަކަލު ކޮށްލާނަމެވެ. "ޢީސަ ވިދާޅުވީ، އެ ބައިތުގައި އެ އިޝާރާތް ކުރައްވަނީ ޢަރަބި، ފާރިސީ ހިސާބުގެ ޙަކީމީ ބޭސް ފޮތަކަށް ކަމުގައެވެ." ކޮންމެއަކަސް ފޮތެއްކަމުގެ އިތުރަށް ޢަރަބި ފާރިސީ ޙަކީމީ ފޮތެއްކަން އެނގިއްޖެއެވެ. ނުވަތަ ބޭސްވެރިކަމުގެ ފޮތެއްކަން އެނގިއްޖެއެވެ. އެހެންވީމާ، ޖާމާސްއަކީ ފޮތުގެ ނަން ނޫންކަމާއި ޖާމާސްއަށް ނިސްބަތްވާ ޢަރަބި ފާރިސީ ޙަކީމީ ފޮތެއްކަން އެނގިއްޖެއެވެ. އެ ފޮތުގެ ބާވަތް ދެނެގަނެވިއްޖެއެވެ.

މި ދެންނެވި ވާހަކަތަކުގެ އިތުރަށް ނަސްމާގެ ފަރާތުން އަޅުގަނޑަށް ޝައުޤުވެރިކަން އުފެދޭ އެހެން ވާހަކަތަކެއް ވެސް އަޑުއިވުނެވެ. އަދި މި ޅެމާ މެދު އަދަބީ ވިސްނުމަކުން ވިސްނަވައި ނަސްމާ ޢަބުދުލްމުޙުސިން، 2022 އޮގަސްޓު 19ގައި "އަދަދު އޮންލައިން" ގައި ޝާއިޢުކޮށްފައިވާ ލިޔުމުގައި އޮތް ވާހަކައިން ވެސް އެކަން އިތުރަށް ޝައުޤުވެރިކުރުވިއެވެ. އެއީ އެ ލަފުޒުގައި އެ ބުނެދެނީ ކޮން ވާހަކައެއްތޯ ދެނެގަތުމަށް، ދިވެހިބަހުގެ ދޮށީ ޅެންވެރިންނާ ސުވާލުކުރެއްވުމުން ދެއްވި ޖަވާބުންނެވެ. އަދި އުރުދޫ ބަސް ދެނެވަޑައިގަންނަވާ ބޭފުޅުންނާ ސުވާލުކުރެއްވުމުން ދެއްވި ޖަވާބުންނެވެ. ނަސްމާގެ ލިޔުއްވުމުގެ އިބާރާތުން އަޅުގަނޑު އެ ޖަވާބު ނަކަލުކޮށްލާނަމެވެ.

"ތަންކޮޅެއް ދޮށީ، އިސް ޅެންވެރިންނާއި އުރުދޫ ބަސް ދަންނަ ދެތިން އިސްރަށްވެހިންގެ އަރިހުން ޖަވާބެއް ލިބޭތޯ ކުރި މަސައްކަތުން އެ ބޭފުޅުން އިއްތިފާޤުވެ ވަޑައިގަންނަވަނީ އެއީ އުރުދޫ ލަފުޒެއްކަމުގައިވާ "ޒާމޫސް" ދިވެހިކުރައްވާ ލިޔުއްވާފައިވާ ގޮތް ކަމުގައެވެ. ޒާމޫސްއަކީ ގޮދަން ރައްކާކުރަން އަޅާ ފޮށިގަނޑުގެ އެންމެ އަޑީގައި ހުންނަ އެންމެ ފީ ގޮދަނަށް ކިޔާ ނަންކަމުގައި އެ ބޭބޭފުޅުން ސިފަކުރެއްވިއެވެ. އަދި ބެއްޔަ ތުއްތު އެ ލަފުޒު ބޭނުންކުރައްވާފައިވަނީ އެ ފޮތް ވީރާނާވެފައި އޮތް މިންވަރު ސިފަކުރެއްވުމަށް ކަމުގައި އެ ބޭފުޅުން ވިދާޅުވެއެވެ."

= "އަދަދު" އޮންލައިން، 19 އޮގަސްޓު 2022މ =

https://adhadhu.com/article/27941

މި ޖަވާބުގެ ތެރެއިން ދެތިން ނުކުތާއެއް ފާހަގަކޮށްލާނަމެވެ. ޅެމުގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ލިޔުއްވާފައި ވަނީ "ޖާމާސް" އެވެ. އެހެންނަމަވެސް މާނަކުރެއްވުމަށް ލަފުޒުގެ އަސްލުކަމަށް ވިދާޅުވެ، ޖާމާސްގެ "މ" ގައި އޮތް އާބާފިލި، އޫބޫފިއްޔަށް ބަދަލުކުރައްވައިފިއެވެ. އޭގެ އިތުރުން، "ޖ" މި އަކުރު "ޒ" އަށް ބަދަލުކުރައްވައިފިއެވެ. އުރުދޫ ބަހުން ރީތިކޮށް މަޚުރަޖަށް ލަފުޒުތައް އަދާކުރަން ނޭނގޭ މީހުން ވާހަކަދައްކާއިރު، "ޒ" ގެ އަޑު "ޖ" އަށް ބަދަލުވެއެވެ. އެއީ "ޒަޚަމް" އަށް "ޖަކަމް" ކިޔާ ގޮތަށެވެ. އެހެނަސް އެއީ އުރުދޫގެ ބަހުގައި އަޑު މަޚުރަޖު ގެންގުޅުމުގައި ރީތި ހަމައެއް ނޫނެވެ. އަދި އެ ގޮތަށް އަދާ ކުރަނީ އުރުދޫ އަޑުތައް ރަނގަޅަށް އަދާ ނުކުރެވޭ މީހުންނެވެ. މިއީ ޅެންވެރިއެއްގެ ޅެމެއް ކަމުގައިވީއިރު، ޅެން ލިޔެފައި ހުންނާނީ، އަޑު މަޚުރަޖު ނުބައިކޮށް ފާޅުކުރާ މީހުން އަޑު ފާޅުކުރާގޮތަށް ކަމަށް ގަބޫލެއް ނުކުރެވެއެވެ. އެހެންވީމާ، ދެ ލަފުޒުގެ ފިލި ތަފާތުވެފައި، އަކުރު ވެސް ތަފާތު ވުމަކީ، "ޖާމާސް"، "ޒާމޫސް" އަށް ބަދަލުވުމަށް އޮތް ހަމައެއް ކަމަށް ޤަބޫލުކުރަން ދަތިވެއެވެ.

ދެން އޮތީ "ޒާމޫސް" އަށް ބަދަލުވީމާ ޅެމުގައި ދައްކާ ވާހަކައާއި އެ ބައިތުގެ ޖުމުލަ މާނައާ ގުޅުވޭތޯ ބެލުމެވެ. އަޅުގަނޑަށް އެ ބޭފުޅުން ވިދާޅުވާ މާނަ މި ޅެމުގައި ދައްކާ ވާހަކައިގެ އިތުރުން، އެ ބައިތުގައި ދައްކާ ވާހާކައަކާ ވެސް ނުގުޅުވެއެވެ. އެ ބޭފުޅުން ވިދާޅުވަނީ، "ޒާމޫސް" އަކީ، "ގޮދަން ރައްކާކުރަން އަޅާ ފޮށިގަނޑުގެ އެންމެ އަޑީގައި ހުންނަ އެންމެ ފީ ގޮދަން" ކަމުގައި ވާނަމަ ބައިތުގެ މާނަ ހަމަޖައްސަން ދަތިވެއެވެ. އެ ބޭފުޅުން އެ ލަފުޒުގެ މާނަކަމަށް ވިދާޅުވާ މާނައާ ގުޅުވައިގެން ޅެމުގެ ތިން ވަނަ ބައިތު މާނަ ކުރެވޭތޯ ބަލަމާ ހިންގަވާށެވެ. އޭގެ ކުރިން ބައިތު ނަކަލު ކޮށްލާނަމެވެ. އޭގެ ފަހުގައި މާނައެވެ.

ނާ މާކުރިން ދުށްކަމު ވަނީ، މިކަމުގެ ދަވާއެއް ހުވަފެނުން

"ޖާމާސް"ގެ ފޮތްގަނޑަކުން އެކީ އެކުގައި މުޅިން އޮތް ވީދިފައި

މި ބައިތުގެ ޖުމުލަ މާނައަކީ، "ނޫނެކެވެ. މިކަމުގެ ފަރުވާއެއް ވަރަށް ކުރީގައި ހުވަފެނުން ވަނީ ފެނިފައެވެ. އެ ފަރުވާ އޮތީ އެކީއެކަށް ވީދިފައި އޮތް ޖާމާސްގެ ފޮތްގަނޑެއްގައެވެ." ޅެމުގެ މި ބައިތަކީ، 2 ވަނަބައިތުގައި ކޮށްފައިވާ ސުވާލަށް ދީފައިވާ ޖަވާބެކެވެ. ދެން ފަހެ، މޮޅު ޙަކީމެއް ނުވަތަ ބޭހަކުން ނަމަވެސް ފަރުވާއެއް ކުރެވެން ނެތްތޯ ކުރާ ސުވާލަށް ދީފައިވާ ޖަވާބެވެ. އެހެންވީމާ، ޅެންވެރިޔާ އެ ޖަވާބު ފައްޓަވަނީ ވެސް ނޫނެކޭ ވިދާޅުވެފައެވެ. ނޫނެކެވެ. ފަރުވާ އެބައޮތެވެ. އެ ފަރުވާ އޮތީ ހުވަފެނުން ފެނިފައެވެ. އެއީ ޖާމާސްގެ ފޮތްގަނޑުގައި އޮތް ފަރުވާއެކެވެ. މި މާނަކުރުންތަކަށް ވިސްނާއިރު، "ޖާމާސް" އަކީ، "ޒާމޫސް" ("ގޮދަން ރައްކާކުރަން އަޅާ ފޮށިގަނޑުގެ އެންމެ އަޑީގައި ހުންނަ އެންމެ ފީ ގޮދަން") ކަމުގައި ވިސްނައިގެން ހަމަޖެހޭ މާނައެއް ކުރާނީ ކިހިނެއްތޯއެވެ؟ "ނޫނެކެވެ. މިކަމުގެ ފަރުވާއެއް ވަރަށް ކުރީގައި ހުވަފެނުން ވަނީ ފެނިފައެވެ. އެ ފަރުވާ އޮތީ އެކީ އެކަށް ވީދިފައި އޮތް "ގޮދަން ރައްކާކުރަން އަޅާ ފޮށިގަނޑުގެ އެންމެ އަޑީގައި ހުންނަ އެންމެ ފީ ގޮދަން" ފޮތްގަނޑެއްގައެވެ." މި ގޮތަށް އަތުރާލީމާ ހަމައެއް ނުޖެހޭ ނޫންތޯއެވެ. އެހެންވީމާ މި ނަތީޖާއަށް ބަލާއިރު، ޖާމާސް (ޒާމޫސް) އަކީ، "ގޮދަން ރައްކާކުރަން އަޅާ ފޮށިގަނޑުގެ އެންމެ އަޑީގައި ހުންނަ އެންމެ ފީ ގޮދަން" ކަމުގައި މާނަކޮށް އެއާ ގުޅުވުމަށް އަޅުގަނޑަށް ދަތިވެއެވެ. މާނަ ވެސް ދެކޮޅުނުޖެހޭތީއެވެ. ދައްކާވަހަކަ ހަމަ ވެސް ނުޖެހޭތީއެވެ. ވަރަށް މަޢާފުކުރައްވާށެވެ.

ކޮންމެއަކަސް، ފާރިސީ ބަހުން ލިޔެފައިވާ "ޖާމާސަބެ ނާމާ" ކިޔާ ފޮތެއްގެ މައުލޫމާތު އަޅުގަނޑަށް އިންޓަނެޓުން ލިބުނެވެ. އިންޓަނެޓުގެ ލިންކުން ފެނުނު ފޮތުގެ ދެ ފޮޓޯއެއް އެ ވަނީ މި ލިޔުމުގައި ހިއްސާ ކޮށްފައެވެ. މި ލިންކުގައި ބުނެފައިވާ ގޮތުން ފޮތުގެ ނަމަކީ، "ޖާމާސަބެ ނާމާ" އެވެ. މުޞައްނިފަކީ ފާރިސްކަރައިގެ ލިޔުންތެރިއެކެވެ. އަދި ޙަކީމެކެވެ. އޭނާގެ ނަމަކީ، ޙަކީމް ޖާމާސަބް ޙަކީމް އެވެ. ކުރުކޮށް ކިޔައި އުޅެނީ، ހަކީމް ޖާމާސް އެވެ. ދިވެހި ގޮތަށް ކިޔާނަމަ ޖާމާސް ޙަކީމް ކަމުގައި ކިއިދާނެއެވެ. އޭނާއަކީ އުމުރުގެ ފުރަތަމަ ބައި، އަލިފާނަށް އަޅުކަންކޮށްފައިވާ މީހެކެވެ. އެހެންނަމަވެސް އޭގެ ފަހުން އިސްލާމް ދީން ޤަބޫލުކޮށް، ޝީޢާ މަޒުހަބު އިޚްތިޔާރުކުރައްވާފައިވެއެވެ. މި ފޮތުގެ މައިގަނޑު މައުޟޫޢެއްކަމުގައި ވަނީ، ތަރިތަކާއި ކާއިނާތާ ގުޅުވައި މުސްތަގުބަލުގައި ވާނޭ ކަންކަން ލަފާކޮށް ކިޔައިދިނުމެވެ. އަދި މީގެ އިތުރުން، އިމާމް މަހުދީ އާއި އިތުރު ބާރަ އިމާމެއްގެ ވާހަކަތައް ލިޔުއްވާފައި ވެއެވެ. މިއީ މީލާދީ ސަނަތުން، 1298 ގައި ލިޔެފައިވާ ފޮތެކެވެ.

މި މައުލޫމާތަށް ވިސްނައިލާ ގޮތެއް ނިންމާ ނަމަ، ބެއްޔަތުއްތު ހައްދަވާފައިވާ ޅެމުގައި އެ ދައްކަވަނީ މި ފޮތުގެ ވާހަކަ ކަމަށް ޤަބޫލުކުރެވެއެވެ. އެއީ ޙަކީމެއްގެ ފޮތެކެވެ. އެ ފޮތުގައި މުސްތަގުބަލުގައި ހިނގާނޭ ކަންކަން ލަފާކޮށްފައި އެބަހުއްޓެވެ. ތަރިތަކާއި ޖައްވުގެ އެހެނިގެން ޚަލްޤުތަކާ ގުޅުވައި ވާހަކަދައްކާފައި އެބަހުއްޓެވެ. ފާރިސީބަހުން ލިޔެވިފައި ހުރި މި ފަދަ ފޮތްތައް ރާއްޖެއިން މި ނޫނަސް ފެނިފައި އެބަހުއްޓެވެ. އެހެންކަމުން މި ފޮތަކީ ވެސް ރާއްޖެއަށް އެތެރެވެފައިވާ ފޮތެއްކަމުގައި ބެލެވިދާނެއެވެ. އަދި ބެއްޔަތުއްތުމެން ފަދަ ޅެންވެރީން އުޅުއްވި ޒަމާނުގައި މަޝްހޫރު ފޮތަކަށް ވެސް ވެދާނެއެވެ. ދިވެހިންނަކީ ވެސް ފަންޑިތައާއި ސިހުރާއި ތަރިތަކާ ގުޅުވައި ފާލުބެލުމާއި އިރުވަރު ބެލުމުގެ ފަންނުވެރި ބަޔަކު އުޅެމުންދާ ގައުމެކެވެ. އެއީ މި ފަދަ ފޮތްތަކުގެ އެހީތެރިކަމާއެކު ލިބިފައިވާ ޢިލްމަކަށް ވުން ވަރަށް ގާތެވެ.

އެހެންވީމާ، ޅެންވެރިޔާގެ ހިތަށާއި ނަފުސަށާއި ހަށްޓަށް ކުރިމަތިވި ބަލިކަމުގެ ފަރުވާ އޮތީ "ޖާމާސަބެ ނާމާ" ގައެވެ. އެއީ "ޖާމާސް" ލިޔުނު ފޮތެކެވެ. ބެއްޔަތުއްތަށް ފެނުނު އިރު އެ ފޮތް އޮތީ އެކީއެކަށް ވީދިފައެވެ. ބާވެފައެވެ. ފޮތް"ގަނޑަ"ކަށް ވެފައެވެ. އެހެނަސް ބޭހުގެ ފަރުވާ ލިބުނީ ޙަކީމެއްގެ ފޮތަކުންނެވެ. އެއީ ޖާމާސް ޙަކީމް ލިޔުއްވި "ޖާމާސަބެ ނާމާ" އިންނެވެ.

comment ކޮމެންޓް