''ވރ'' މިއީ ހާދަހާ ބާރުގަދަ ދެ އަކުރެވެ. (2)

ޑރ. އަޝްރަފްގެ ބަސް-- ސަން ގްރެފިކްސް

ނިމި ދިޔަ ހަފުތާގައި މި ކޮލަމުގައި އަޅުގަނޑު ލިޔުނީ މި ލިޔުމުގެ ސުރުޚީގައި ކޮމާކޯޅިއެއްގައި ބަޔާންކޮށްފައި އޮތް މާ ވަރުގަދަ ދެ އަކުރެއްގެ ވާހަކައެވެ. އުޑުގައި އުދުހުމުގެ ބާރާއި ހަޔާތުގެ ގޮށް މޮހައިލަދޭ ދެ އަކުރެއްގެ ވާހަކައެވެ. އެ ދެ އަކުރުގައި އެކި ފިލި ޖެހީމާ އެ ދެ އަކުރުން އުފެދޭ ތަފާތު ލަފުޒުތަކުން އުފަންވާ ތަފާތު މާނަތަކެއްގެ ވާހަކައެވެ. އެ މާނަތަކުގައި މާ ވަރުގަދަކަމެއް ހުރި ވާހަކައެވެ. އެއީ "ވރ" ގެ ވާހަކައެވެ. އެ ކޮލަމް ނިންމައިލަމުން އަޅުގަނޑު ދަންނަވައިފައިވާނީ އެ ދެ އަކުރުން އުފެދޭ އެހެން ލަފުޒުތަކެއްގެ މާނަ މި ކޮލަމުގައި ލިޔާނެކަމަށެވެ. އެހެންވީމާ އައު ލަފުޒުތަކަކަށާއި އޭގެ މާނައާމެދު ވިސްނައިލަމާތޯއެވެ؟ ހުރި ވަރުގަދަކަމާއި ބާރާމެދު ވެސް ވިސްނައިލަމާތޯއެވެ؟

ވާރު

ދިވެހިބަސް ފޮތުގައި މި ލަފުޒުގެ ދެ މާނައެއް ބަޔާންކޮށްފައިވެއެވެ.

1. އިހުގައި މީހުން އުފައްދާ ތަކެތީން، ނުވަތަ ކުރާ މަސައްކަތުން ނުވަތަ މީހުންގެ ބޯބޯމަތިން ސަރުކާރަށް ނަގާބައި.

2. އަމިއްލަ މިލްކު.

ދެ ލަފުޒުގެ ތެރެއިން ފުރަތަމަ މާނައަށް ވިސްނައިލަމާތޯއެވެ؟ މިއީ "އެއްކަލަ ކަހަލަ" ލަފުޒެކެވެ. މިހާރުގެ ޒަމާނީ ކުދީންނަށް ދެނެގަތުމަށް ދަތިވެދާނެ ލަފުޒެކެވެ. އެއީ އެ ލަފުޒުގެ މާނައިގައި ފުރަތަމަ ވެސް އޮތް ލަފުޒާ އެއްގޮތަށެވެ. "އިހުގައި" މި ހެން އޮތުމުން ރަމްޒުކޮށްދެނީ މިއީ އިހުގައި ކޮށް އުޅުނުކަމެއްކަމެވެ. މިހާރު އެކަން ނުކުރަނީކަމަށް ވެދާނެއެވެ. އަދި މި ދެންނެވުނީ އެންމެ ހެޔޮކޮށެއް ނޫނެވެ. އެކަން މިހާރު ވެސް އެބަކުރެއެވެ. މީހުން އުފައްދާ ތަކެތީން ސަރުކާރަށް ބައެއް އަޅައެވެ. ކުރާ މަސައްކަތުން ވެސް ސަރުކާރަށް ބައެއް އަޅައެވެ. އެންމެ ބައެއް ދެ ބައެއް ނޫނެވެ. އެތައް ބައިވަރު ބައެއް ސަރުކާރަށް އަޅައެވެ. ނުވަތަ ސަރުކާރަށް ދައްކައެވެ. އޭރު ސަރުކާރަށް ދައްކާ ބަޔަށް ކިޔައި އުޅުނީ "ވާރު" އެވެ. އެހެންވީމާ، ކުރެވޭ މަސައްކަތާއި މަސައްކަތުގެ ނިޔަތާއި ނަތީޖާއަށް ވިސްނާއިރު އަޅުގަނޑު ހިތަށް އަރަނީ އެއީ އެންމެން ދަންނަ "ޓެކުސް" އެއް ނޫންބާވައެވެ؟ އެކަމަކާ އެންމެން އެއް މޭޒު ދަށުގައިތިބެ މަޝްވަރާކުރަމުން މި ދަނީ އޭގެ ވާހަކައެއް ނޫންބާވައެވެ؟ އެއްތަނަކަށް އެއްވެ ތިބެ، އާންމު ރައްޔިތުންނަށާއި ސިވިލްގެ އެއްވެސް މުއައްޒަފަކަށް ނުލިބޭ އެތައް އިނާޔަތެއް އެތައް ނަމެއްގައި ތިމާއަށް ލިބޭ ގޮތަށް އަމިއްލައަށް ފާސްކޮށްގެން ތިބި ބަޔަކު، ކަރުން ހަންދާވަރަށް އެ ގޮވަނީ އެ އެއްޗެއްގެ ވާހަކައެއް ނޫންބާވައެވެ؟

ކޮންމެއަކަސް، އާންމުން ކުރާ ކޮންމެ މަސައްކަތަކުން ސަރުކާރުން މިހާރު ނަގަނީ ޓެކުހެވެ. އެކިއެކި ނަންނަމުގައެވެ. ލަފުޒުގެ ކުރިއަށް ކޮންމެވެސް ބައެއް އިތުރުކޮށްލައިގެން ނަގާ ޓެކުސްތައް ބައިވަރެވެ. ބެޑު ޓެކުހާއި ގުރީން ޓެކުހާއި ކޮތަޅު ޓެކުހާއި ޚިދުމަތުގެ ޓެކުހެވެ. އަދިވެސް އެތައް ޓެކުހެކެވެ. މި ޓެކުސްތަކުގެ ސަބަބުން ވިޔަފާރިވެރިންނާއި މަސައްކަތްތެރީންގެ މަސައްކަތް ފުޑިގެންދާ ވަރުގެ ވަރުގަދަ ލަފުޒެއް ދޮގެއްތޯއެވެ؟ އެ ލަފުޒެއްގެ ސަބަބުން ސަރުކާރު ވެއްޓިދާނެކަމުގެ ބިރު ވެސް، ވަރުގަދަ ސަރުކާރުތަކަށް އޮތް ބާރުގަދަ ލަފުޒެކެވެ. "ޓެކުހޭ" ކިޔަސް "ވާރޭ" ކިޔަސް މިއީ ހަމަ އެކައްޗެއް ކަމަށް އަޅުގަނޑަށް ވިސްނެއެވެ. އެހެންވީމާ "ވާރު" އަކީ ވަރުހުރި ލަފުޒެކެވެ. ބާރުހުރި ލަފުޒެކެވެ. ކުރިން މާނަކުރި ލަފުޒުތަކަކަށް ދުލެއްނުކުރޭ ނޫންތޯއެވެ؟

ވޯރާ

މިލަފުޒުގެ މާނައެއް ކަމުގައި ދިވެހިބަސްފޮތުގައި އޮތީ އެންމެ މާނައެކެވެ. އެއީ؛

1. ކުރީގައި މާލޭގައި ވިޔަފާރިކުރަން ތިބި ޝިޢައީންގެ ބޯރާ ޖަމާޢަތުގެ މީހުން.

މި ފަހަރުގެ ލަފުޒުގެ މާނައިގައި ހުރި ވަރުގަދަކަން ދެނެގަތުމަށް ކޮންމެވެސް މިންވަރަކަށް ތާރީޚަށް ޖެހިލާން ޖެހެއެވެ. އަޅުގަނޑަކީ ތާރީޚު ދިރާސާކުރާ މީހެއް ވެސް ނޫނެވެ. އެހެންނަމަވެސް، މި ލަފުޒުން އުފެދުނު މާނައިގައި ހުރި ބާރާއި ވަރުގަދަކަން ކިޔުންތެރީންނަށް އޮޅުންފިލުވައިދެވޭ ވަރު ވާނެކަމަށް ދެކެމެވެ.

މާލޭގެ ބަންޑާރަ މިސްކިތާއި ޗާންދަނީމަގާއި އޯކިޑުމަގު ގުޅުނު ސަރަޙައްދުގައި ފިހާރަތައް ހަދައިގެން އެ ފިހާރަތަކުގެ "މިލްކުވެރީން"ކަމުގައި ތިބީ އިންޑިޔާއިން ރާއްޖެއަށް އައިސްތިބި ވިޔަފާރިވެރީންތަކެކެވެ. އެއީ މީގެ ގާތްގަނޑަކަށް 167 އަހަރުކުރިއެވެ. އެ މީހުން ރާއްޖެ އައުމަށް މެދުވެރިވެފައިވަނީ، މީލާދީ ސަނަތުން 1857ގައި ކަމަށް، ޢަލްމަރުޙުމް ޢަބުދުލްޙަކީމް ހުސައިން މަނިކު (2009) ލިޔުއްވައިފައިވެއެވެ. އެ މީހުން ރާއްޖެއަށް އައިސްފައިވަނީ، ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނާއި ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނާ ދެމެދުގައި އުފެދުނު ވިޔަފާރީގެ ވާދަވެރިކަމެއްގެ ތެރެއިން ކަމަށާއި ސިޔާސީ ނުފޫޒުވެސް އެކަމަށް ވަދެފައިވާކަމަށް ލިޔުއްވައިފައިވެއެވެ. ތާރީޚީ މިވަރުގެ ކަންތައްގަނޑެއް ހިނގައިފައިވާ ކަމަށް ތާރީޚީ ލިޔުންތެރީން އެ ވިދާޅުވަނީ މި ދެ އަކުރު، އެހެނީ "ވރ" އިންގެ ސަބަބުން ކަމަށެވެ. އާދޭހެވެ. ވޯރާއިންނަކީ ދިވެހި ފަސްގަނޑުގައި ބާރުގަދަ ބައެކެވެ.

އެ ދުވަސްވަރު، މުޅި ރާއްޖޭގެ އިޤްތިޞާދު އެ ބައެއްގެ މުށުތެރެއަށް ލައިގެން ތިބީ ޓީ.އައި.ޖޭ. ނޫރުބަހީ ކުންފުނީގެ ވިޔަފާރިވެރީންނެވެ. އެއާއެކު، ކަރީމްޖީ ޖަޢުފަރުޖީއަށް ވެސް ރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ ލިބިދިނެވެ. އެ މީހުން ހުޅުވި ފިހާރައަށް ކިޔަނީ، މުޙަންމަދު ޢަލީ ކަރީމްޖީ ފިހާރައެވެ. އެއާއެކު އެ މީހުން ވެސް ރާއްޖޭގައި ހަންފަތުރައިފިއެވެ. މިއީ ވެސް ވޯރާއިންނެވެ. ރާއްޖޭގެ ސިޔާސީވެރީން އެމީހުންގެ ބާރު ހޯދުމަށް "ކާލާމަންނަ" އެއްގެ ގޮތުގައި ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި އިންޑިޔާ ވެފައިވަނީ އިއްޔެއަކު މިއަދަކު ނޫނެވެ. މާކުރީން ވެސް އެކަން އޮތީ ދިވެހި ފަސްގަނޑުގެ އަޑިޔަށް މޫލައިފައެވެ. ވޯރާއިންގެ ނަމުގައެވެ. ދިވެހިން ބާނާ މަސްކޮޅު ކިރައިގެން އެއިން ލިބެންވީ ހުރިހައި މަންފާއެއް ނަގަމުން ދިޔައީ އޭރު މި ރާއްޖެއަށް ވެރިކުރުވައިފައިވާ ވިޔަފާރިވެރީންނެވެ. ވެދުން ދޮލަނގާއި ހަދިޔާ ބަދިޔާ ބަދަލުކޮށްގެން ވެރީންގެ ހިތްރުއްސައިގެން އުޅުނީ މި ދެންނެވި މީހުންނެވެ. އެ މީހުންނަކީ ވޯރާއިންނެވެ. ހާދަހާވާ ބާރު ގަދައެވެ.

ވީރު

ތިންވަނަ ލަފުޒެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލާނީ "ވީރު"އެވެ. މި ލަފުޒުގެ މާނައެއް ކަމުގައި ބަސްފޮތުގައި ހިމަނައިފައިވަނީ ތިން މާނައެކެވެ. އެ ތިން މާނައަކީ،

1. ހަށިގަނޑުގެ ބައެއް ތަންތާނގައި ވަކިވަކީން ހުންނަ ކަށި އެއްވެފައި ހުންނަކަމަށް ބުނެވޭ މީހާ.

2. އާދަޔާ ޚިލާފަށް ބާރުގަދަ ގަދަފަދަ މީހާ.

3. ބަޠަލު.

މި ލަފުޒުގެ ތިން މާނައަށް ވިސްނައިލުމުން ފެންނަނީ، އެ ލަފުޒުން އުފެދިފައިވާ ތިން މާނައިގައި ވެސް ބާރުގަދަކަން ހިމެނޭކަމެވެ. ދެ ވަނަމާނައާއި ތިން ވަނަ މާނައިގެ ތަފުސީލަށް ވެސް ދާކަށް ނުޖެހެއެވެ. އެހެންނަމަވެސް ފުރަތަމަ މާނައާ މެދު އެއްޗެކޭ ދަންނަވައިލާނަމެވެ.

އާންމު އިންސާނުންގެ ހަށިގަނޑުގައި ވަކިވަކީން އުފެދިފައި ހުންނަ ކަށިތައް އެއް ކަށިގަނޑަކަށް ވީމާ ވަރަށް ބާރުގަދަވާނެއެވެ. މިސާލެއްގެ ގޮތުގައި އަޅުގަނޑުމެންގެ ހަށިގަނޑުގެ އަރިކަށީގައި ހުންނާނީ ވަކިވަކީން ހުންނަ ކަށިތަކެކެވެ. އެ ކަށިތައް އެކަތިގަނޑަކަށް ވީމާ، އެ މީހެއްގެ އަރިކަށީގެ ބާރު ގަދަވާނެއެވެ. ވަކީން ހުންނަ ކަށިތައް ބިންދައިގެން ދިއުން ވެސް ފަސޭހަވާނެއެވެ. އެހެންވީމާ، މި ދެ އަކުރުން އުފެދުނު "ވީރު" މި ލަފުޒުގެ ވެސް މާނަތަކުގައި މި ހުރީ ބާރުގަދަ މާނަތަކެކެވެ.

ޖުމުލަ ގޮތެއްގައި ދިވެހިބަހުގެ ކޮންމެ އަކުރަކުން ވެސް ވަކި ލަފުޒު އުފެދި އެ ލަފުޒުތަކުން މާނަ އުފަންކޮށްދެއެވެ. އަދި މި ލިޔުމުގައި ބަޔާންކުރި ގޮތަށް އަކުރުގައި ޖަހާ ފިއްޔަށް ގެނެވޭ ބަދަލެއްގެ ސަބަބުން ދެ އަކުރުން ވެސް ތަފާތު މާނަތައް އުފެދެއެވެ. މި ގޮތަށް އަކުރުތަކުގައި ޖަހާ ފިލީގެ ސަބަބުން ލަފުޒުގެ މާނަ ބަދަލުވަނީ އެއްކަހަލަ މާނަތަކަކަށްތޯ ބަލައި ދިރާސާކޮށްލަން ހަމަ ރަނގަޅު މަސައްކަތަކަށް ވެދާނެއެވެ. ތިޔަ ބޭފުޅުން އަޖުމަ ބައްލަވައިލެއްވުމަށް "ހރ" ގައި ތަފާތު ފިލިތައް ޖައްސަވައި އެއިން އުފެދޭ ލަފުޒުތައް ލިސްޓުކޮށްލައްވާށެވެ. ހަރު، ހިރި، ހުރަ، ހޯރަ، ހާރު، ހިރު، ހޫރު، ހީރާ ފަދަ އެތައް ލަފުޒެއް ލިސްޓުކޮށްލެވިދާނެއެވެ. އޭގެ ފަހުގައި ކޮންމެ ލަފުޒަކުން އުފެދޭ މާނައިގައި އެއްގޮތް ކަމެއް ހުރިތޯ ބައްލަވައިލައްވާށެވެ. ފަހަރެއްގައި ރަނގަޅު މަސައްކަތަކަށް ވެދާނެއެވެ. އަޖުމަ ބައްލަވައިލެއްވުން އެދެމެވެ.

............................

ގުޅޭ ޓެގު
comment ކޮމެންޓް